ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ ޕައުލް ޕޮގްބާއާ މެދު ގޮތެއް ނިންމާނީ ކުލަބުން ކަމަށް، އެ ޓީމުގެ ކޯޗު ތިއާގޯ މޮޓާ ބުނެފި އެވެ.
އޭނާ މިހެން ބުނީ މަނާ ބޭހެއް ބޭނުން ކުރި ކަމުގެ މައްސަލައިގައި ޕޮގްބާ ފުޓުބޯޅަ އިން އޭނާ ސަސްޕެންޑު ކުރުމަށް ނިންމި ނިންމުމަށް، ލުއި ދިނުމަށް ނިންމުމާ ގުޅޭ ގޮތުންނެވެ. ޕޮގްބާ ސަސްޕެންޑު ކުރުމަށް ނިންމާފައި ވަނީ މިއަހަރުގެ މާޗު މަހުގެ ތެރޭގަ އެވެ. އޭނާ ސަސްޕެންޑު ކުރީ އިޓަލީގެ އެންޓި ޑޯޕިން އެޖެންސީ (ނާޑޯ) ކުރިއަށް ގެންދިޔަ ތަހުލީލުތަކަށް ފަހު އެވެ. އެ ތަހުލީލުތަކަށްފަހު، ޕޮގްބާ މަނާ ބޭހެއް ބޭނުން ކޮށްފައިވާކަން ސާބިތުވުމާ އެކު، އޭނާ އަށް ވަނީ ހަތަރު އަހަރު ދުވަހުގެ ސަސްޕެންޝަނަކާ ކުރިމަތިލާން ޖެހިފަ އެވެ.
ނަމަވެސް ޕޮގްބާ ވަނީ އެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އިސްތިއުނާފު ކޮށްފަ އެވެ. މައްސަލަ ބެލުމަށްފަހު ކާސް އިން ނިންމާފައި ވަނީ ޕޮގްބާގެ ސަސްޕެންޝަންގެ މުއްދަތު ކުޑަ ކުރުމަށެވެ. އެގޮތުން ކާސް އިން ވަނީ ޕޮގްބާގެ ސަސްޕެންޝަންގެ މުއްދަތު 18 މަސް ދުވަހަށް ލުއި ކޮށްފަ އެވެ. އެއާއެކު 2025 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޕޮގްބާ އަށް އަލުން އެނބުރި ފުޓުބޯޅަ ކުޅުމުގެ ތެރެއަށް އާދެވޭނެ އެވެ.
އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން މޮޓާ ބުނީ، ޕޮގްބާއާ މެދު ކަންތައް ކުރާނެ ގޮތެއް ނިންމާނީ ކުލަބުގެ ވެރިން ކަމަށެވެ. ޕޮގްބާ އަކީ ވަރަށް މޮޅު ކުޅުންތެރިޔެއްކަން ފާހަގަކޮށް މޮޓާ ބުނީ، ސަސްޕެންޝަންގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ޕޮގްބާ ކުޅުމާ ދުރުގައި ހުންނަން ޖެހުނު ކަމަށެވެ. އަދި މިވަގުތު އޭނާގެ ފޯކަސް ހުރީ މިހާރު އޮތް ޙާލަތަށް ކަމަށް ވެސް މޮޓާ ބުންޏެވެ.
އިޓަލީގެ ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ޔުވެންޓަސްގެ ވިސްނުން ހުރީ ޕޮގްބާ އާއެކު ހަދާފައިވާ އެއްބަސްވުން އުވާލުމަށެވެ. އެ ފުރުސަތު ޔުވެންޓަސް އަށް އޮތްއިރު، މިހާތަނަށް އެކަމާ މެދު އެ ކުލަބުން ވަކި ނިންމުމެއް ނުނިންމަ އެވެ. މެންޗެސްޓަރ ޔުނައިޓެޑު ދޫކޮށްލުމަށްފަހު ޔުވެންޓަސް އަށް ބަދަލުވި ޕޮގްބާ މިހާަތަނަށް އެ ކުލަބަށް ކުޅެފައި ވަނީ އެންމެ 12 މެޗެވެ.