ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 07:13
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު
ރާއްޖެއެމްވީ
ސަރުކާރު ހިންގަން ނޭނގުން
ޕީޕީއެމް ޕީއެންސީގެ ވިސްނުމަކީ ސަރުކާރުން ކޮންމެ ގޯހެއް ހެދިއަަސް އެ ވާހަކަ ދެއްކުން މަނާކުރުން - އަބްދުﷲ ވަހީދު
ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުން ބަދަލުކުރުމުގެ ސިފަ މި ސަރުކާރުން ފެންނަނީ ސަރުކާރު ހިންގުމުގައި ނާޤާބިލްވުމުން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފަ

ޕީޕީއެމް ޕީއެންސީގެ ވިސްނުމަކީ ސަރުކާރުން ކޮންމެ ގޯހެއް ހެދިއަަސް އެ ވާހަކަ ދެއްކުން މަނާކުރުން ކަމަށާއި އެކަން އެ ޕާޓީގެެ ވެރިކަންތަކުން ދައްކުވައިދީފައިވާ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މިހާރު އޮތް މަޖިލީހަކީ ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އެއް އޮތް މަޖިލީހަކަށް ވުމުން ސަރުކާރު ޖަވާބުދާރީކުރުވުމުގެ ސިފަ އެއްވެސް ވަަރަކަށް ނުފެންނަ ކަަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން އަދި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި އެހެން މީހުންނަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވޭ އިރު އެކަންކަން ބެލެން ޖެހޭ ކަމަށާއި އެކަންކަން ނުބަލާ ދޫކޮށްލާފައި އޮތުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ރައްޔިތުންނަށް އެކަންކަން ހިނގާފައި އޮތް ގޮތް ސާފުކޮށް ބުނެދޭން ޖެހޭ ކަމަށާއި ދައުލަތް ހިންގަން ޖެހޭނީ ޖަވާބުދާރީކުރުވޭނެ ނިޒާމަކުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ކޮމިޓީތަކާއި މިނިވަން މުއައްސަސާތައް މިހާރަށް ވުރެ ޒިންމާދާރުވާން ޖެހޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަރުކާރުން ރައްޔިތުންނަށް ޖަވާބުދާރީނުވުމުގެ ސަބަބުން ސަރުކާރުގެ އިތުބާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްވެސް ބަޔަކު މި ޒިންމާ އަދާކުރަން އުޅޭތަނެއް ނުފެނޭ. އެއްވެސް ބަޔަކު އެ ވާހަކަދައްކަައިފިއްޔާ ފިޔަވަޅު އަޅާ އެބަ އެ ބަޔަކާއި މެދު، ބިރުވެރިކަމެއްގެ ތެރޭގައި ތިބޭ މަންޒަރު މި ފެނިގެން ދަނީ. މިއީ ވަރަށް ދެރަ ކަމެއް. އެ ވާހަަކަ ދެއްކިޔަ ނުދިނުމަށް ޕްރެޝަރ އެބަކުރޭ. ވަރަށް ބޮޑަށް ފިތިފަ ތިބި މަންޒަރު ފެނިގެން ދަނީ. ގައުމުގެ މުއައްސަސާތައް ވެސް ފުރިހަމަ މާނައިގައި ނުހިނގާ. ސުވާލު އުފެދޭ ކަންކަން ބަލާ ސާފުކޮށްދޭން ޖެހޭ.
ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު

އޭނާ ވަނީ ސަރުކާރުގެ ހިންގުމުގައި ނާޤާބިލް ކަން އިންތިހާކަމަށް ފާހަގަކުރައްވާ އެކަަމަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޕްރޮޖެކްޓްތައް ހުއްޓިފައި ހުރުމާއި ކައިރިކައިރީގައި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި މީހުން ބަދަލުކުރުމުގެ ސިފަ މި ސަރުކާރުން ފެންނަނީ ސަރުކާރު ހިންގުމުގައި ނާޤާބިލްވުމުން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް