ކ. މާލެ
|
5 އޮކްޓޯބަރ 2024 | ހޮނިހިރު 09:32
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
ޔުނައިޓެޑުގެ ކުޅުންތެރިން ނަފްސާނީ ގޮތުން ވަރުގަދަ ވާނެ: ޓެން ހާގް
މަގާމުން ވަކިކޮށްފާނެކަމާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް މީގެ ކުރިން ބުނެފައިވާ ބުނުން، މިފަހަރު ވެސް ޓެން ހާގް ވަނީ ތަކުރާރުކޮށްފަ އެވެ.

މެންޗެސްޓަރ ޔުނައިޓެޑުގެ ކުޅުންތެރިންނަކީ ނަފްސާނީ ގޮތުން ވަރުގަދަ ބައެއް ކަމަށް، އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ. އެސްޓަން ވިލާގެ އަމިއްލަ ދަނޑުގައި އެ ޓީމާ ދެކޮޅަށް ނިކުންނައިރު، މިވަގުތު ޓެން ހާގް ހުރީ ޕްރެޝަރުގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެއީ ލީގުގައި އެންމެ ފަހުން ޓޮޓެންހަމާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމާއި، ޔޫރޮޕާ ލީގުގައި ޕޯޓޯއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެފައި އޮތުމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ނަމަވެސް، އެސްޓަން ވިލާ މެޗުގެ ކުރިން ޓެން ހާގް ވާހަކަ ދައްކާފައި ވަނީ އޭނާ އަށް އެއްވެސް ޕްރެޝަރެއް ނެތް ފަދަ މޭރުމަކުންނެވެ. އެގޮތުން މަގާމުން ވަކިކޮށްފާނެކަމާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށް މީގެ ކުރިން ބުނެފައިވާ ބުނުން، މިފަހަރު ވެސް ޓެން ހާގް ވަނީ ތަކުރާރުކޮށްފަ އެވެ. އޭގެ ބަދަލުގައި ޔުނައިޓެޑުގެ ކުޅުންތެރިންނާއި، ކޯޗިން އޮފިޝަލުން ތިބީ އެކުގައި މަސައްކަތްކޮށް ކުލަބު ކުރިއަށް ގެންދަން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ ޔުނައިޓެޑުގައި ތިބި ކުޅުންތެރިންނަކީ ނަފްސާނީ ގޮތުން ވަރަށް ވަރުގަދަ ބައެއް ކަމަށެވެ. އެހެން ނަމަވެސް، ބައެއް ދިމަ ދިމާލުގައި އަދި ވެސް ޔުނައިޓެޑުގެ ކުޅުންތެރިން ކުޑަ ތަންކޮޅެއް ކުރިއަށް ޖެހިލަން ޖެހޭ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ. ޚާއްސަކޮށް ތަށިތަކެއް ކާމިޔާބު ކުރަން ޔުނައިޓެޑުން ބޭނުންވާ ނަމަ، ރަނގަޅު ކުރަން ޖެހޭ ދިމަ ދިމާ ކުރިކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް މިހާރު ކުރިއަށްދާ ސީޒަނަކީ ކާމިޔާބު ސީޒަނަކަށް ހަދަން ބޭނުންވާ ނަމަ، ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

އައު ސީޒަންގެ ލީގުގައި މިހާތަނަށް ޔުނައިޓެޑު ވަނީ ހަ މެޗު ކުޅެފަ އެވެ. އޭގެ ތެެރެއިން އެ ޓީމު މޮޅުވެފައި ވަނީ އެންމެ ދެ މެޗުންނެވެ. ތިން މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. މިހާތަނަށް ލިބުނު ހަތް ޕޮއިންޓާ އެކު ޔުނައިޓެޑު އޮތީ ވެސް ލީގު ތާވަލްގެ 13 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް