ކ. މާލެ
|
4 އޮކްޓޯބަރ 2024 | ހުކުރު 16:59
އަލީ ޚާމަނާއީ ހުކުރު ޚުތުބާ ދެއްވަނީ
އަލީ ޚާމަނާއީ ހުކުރު ޚުތުބާ ދެއްވަނީ
ރޮއިޓާސް
އީރާނު-އިޒްރޭލު ހަނގުރާމަ
އީރާނުގެ ލީޑަރު އިސްލާމީ ގައުމުތަކަށް "ދިފާއީ ކަމަރު ބަނުމަށް" ގޮވާލައްވައިފި
ޚާމަނާއީ ވަނީ އެމެރިކާ ކުއްތާ އެއް ފަދަ ގައުމެއްގެ ގޮތުގައި އަދި އިޒްރޭލަކީ ހިޔަޅެއްފަދަ ޒަޔަނިސްޓު ދައުލަތެއްގެ ގޮތުގައި ސިފަ ކުރައްވާފައި

އިސްލާމީ ގައުމުތަކަށް "ދިފާއީ ކަމަރު ބަނުމަށް" އީރާނުގެ އެންމެ މަތީ ވެރިޔާ ގޮވާލައްވައްފިއެވެ.

އިރާނުގައި ހުކުރު ދުވަހު އިމާމް ޚާމަނާއި ގްރޭންޑް މުސައްލާ މިސްކިތުގައި ހުކުރު ޚުތުބާ ދެއްވަމުން އާޔަތުﷲ ޚާމަނާއީ އިސްލާމީ ގައުމުތަކަށް ގޮވާލެއްވީ "އަފްޣާނިސްތާނުން ފެށިގެން ޔަމަނާ ހަމައަށް، އަދި އީރާނުން ފެށިގެން ޣައްޒާ އަދި ލުބުނާން އާ ހަމައަށް ދިފާޢީ ބެލްޓު،" އެޅުމަށެވެ.

މިއީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އާޔަތުއްﷲ ޢަލީ ޚާމަނާއީ އިމާމުވެ ހުކުރު ނަމާދު ކުރެއްވި ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޚުތުބާގައި ޚާމަނާއީ ވަނީ 7 އޮކްޓޯބަރުގައި ހަމާސްއިން އިޒްރޭލަށް ދިން ހަމަލާ ދިފާއު ކުރައްވާ އެއީ ޤާނޫނީ ޢަމަލެއް ކަމަށާއި، އަދި މި ހަފްތާގައި އީރާނުން އިޒްރޭލަށް ދިން ހަމަލާވެސް އެއީ ޤާނޫނީ ޢަމަލެއް ކަމަށް ވިދާޅުވެފައެވެ.

އީރާނުގެ އިސްލާމީ އިންޤިލާބުގެ ލީޑަރު އާޔަތުއްﷲ ސައްޔިދު ޢަލީ ޚާމަނާއީ ވަނީ ތެލް އަވީވް ސަރަޙައްދަށް އީރާނުގެ އަސްކަރިއްޔާ އިން ދިން މިސައިލް ހަމަލާއަށް ތައުރީފް ކުރައްވާފައެވެ. އަދި އެއީ "މުޅިން ޤާނޫނީ އަދި ޞައްޙަ" ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތެހެރާނުގެ މެދުތެރޭގައި ހުންނަ އިމާމް ޚުމައިނީ ގްރޭންޑް މުޞައްލާ މިސްކިތުގައި އާޔަތުއްﷲ ޚާމަނާއީ ޚުތުބާ ދެއްވި އިރު އެތައް ހާސް އީރާނުގެ ރައްޔިތުން އެ މިސްކިތައް ޖަމާވެފައިވެއެވެ.

"އަޅުގަނޑުމެންގެ ހަތިޔާރުއެޅި ބާރުތަކުން ކުރި ފާހަގަކޮށްލެވޭ މަސައްކަތަކީ މުޅިން ޤާނޫނީ އަދި ޞައްޙަ ކަމެއް. އަޅުގަނޑުމެންގެ ހަތިޔާރުއެޅި ބާރުތަކުން ކުރި ކަމަކީ ކުއްތާ އެއް ފަދަ އެމެރިކާ އާއި ހިޔަޅެއްފަދަ ޒަޔަނިސްޓު ދައުލަތް ގުޅިގެން ހިންގާފައިވާ އަންތަރީސްވާ ފަދަ ކުށްތަކަށް ދެވޭނެ އެންމެ ކުޑައަދަބު ދިނުން،" އޭނާ ވިދާޅުވިއެވެ.

އާޔަތުއްﷲ ޚާމަނާއީ ވިދާޅުވީ، "މިކަމާ ގުޅޭގޮތުން އިސްލާމީ ޖުމްހޫރިއްޔާއަށް އަދާ ކުރަންޖެހޭ ކޮންމެ ޒިންމާއެއް ބާރާއި ހިތްވަރާއެކު އަދާކުރާނެ. މި މަސައްކަތް ކުރުމުގައި ލަސްވެސް ނުވާނަން އަދި އަވަސްވެސް ނުވާނަން."

ލުބުނާނުގައި އިޒްރޭލުން ހިންގާ އަނިޔާވެރި ޖަރީމާތަކަށް އިޝާރާތް ކުރައްވާ އާޔަތުﷲ ޚާމަނާއީ ވިދާޅުވީ، 'ޒަޚަމްވެ ލޭއޮހޮރިފައިވާ ލުބުނާނުގެ އަޚުންނާއި އުޚުތުންނަށް އަދާކުރަންޖެހޭ ދަރަނި" އަދާކުރުން ހުރިހާ މުސްލިމުންގެ މައްޗަށްވެސް ވާޖިބުވެގެންވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމެރިކާ އާއި އެގައުމުގެ އެކުވެރިން އިޒްރޭލު ދިފާއު ކޮށްދެނީ، އެމީހުންގެ އަނިޔާވެރި ސިޔާސަތުތަކުގެ ކަވަރެއްގެ ގޮތުގައި ކަމަށާއި، އިޒްރޭލު އާލާތެއްގެ ގޮތުގައި ބޭނުންކޮށްގެން ސަރަހައްދުގެ ވަސީލަތްތައް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސް ދުނިޔޭގައި ހިންގާ ހަމަނުޖެހުންތަކުގައި އެ ވަސީލަތްތައް ބޭނުން ކުރުމަށް ކަމަށެވެ.

އީރާނުގެ އެންމެ މަތީ ވެރިޔާ ފަހު ޚުތުބާ ދެއްވީ ޢަރަބި ބަހުން، ސީދާ އެ ސަރަޙައްދުގެ ޢަރަބި ރައްޔިތުންނާ މުޚާޠަބުކުރައްވައެވެ.

ޚާމަނާއީ ވިދާޅުވީ އިޒްރޭލަށް އެހީތެރިވާ ބޭރުގެ ބާރުތަކުގެ ނުފޫޒަކީ މިހާރު އެ ސަރަޙައްދުގައި އޮތް އެންމެ ބޮޑު މައްސަލަކަމުގައެވެ. ނަމަވެސް އޭނާ ވިދާޅުވީ އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖިހާދުކުރާ ފަރާތްތަކުން ކުރަމުންދާ މަސައްކަތުން "ޒަޔަނިސްޓު ވެރިކަން 70 އަހަރު ފަހަތަށް ޖައްސާލައިފި" ކަމަށެވެ. މިހާރު އެ ވެރިކަން އުފެދުނު ދުވަސްވަރެކޭ އެއްފަދައިން ދެމިއޮތުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ލުބުނާނުގެ ރައްޔިތުންނަށް ގޮވާލެއްވީ ހިތްވަރު ދޫނުކޮށް އިޒްރޭލާ ދެކޮޅަށް ޖިހާދު ކުރުމަށެވެ.

ޚާމަނާއީ ފާހަގަކުރެއްވީ 1981 ވަނަ އަހަރު މަދު މަސްތަކެއްގެ ތެރޭގައި އީރާނުގެ އެތައް އިސް ފަރާތްތަކެއް، އޭގެ ތެރޭގައި ރައީސަކު ވެސް ހިމެނޭގޮތަށް، އަވަހާރަކޮށްލެވުނު ނަމަވެސް އެކަމުން އީރާނުވީ އިތުރަށް ވަރުގަދަ ކަމަށެވެ.

ހިޒްބުއްﷲގެ ބާނީ ޢައްބާސް އަލް-މޫސަވީ އަދި ދީނީ އިލިލްމުވެރިޔާ އަދި ސިޔާސީ ލީޑަރު މޫސާ އަލް-ސަދުރު ފަދަ ލީޑަރުން ގެއްލުނު ނަމަވެސް ލުބުނާނު ވަރުގަދަވެގެން ދިޔަ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ޒަޔަނިސްޓު ދައުލަތާ ދެކޮޅަށް ކޮންމެ މީހަކު ނުވަތަ ކޮންމެ ޖަމާޢަތަކުން ދޭ ކޮންމެ ހަމަލާއަކީ މުޅި ސަރަޙައްދަށް އަދި މުޅި އިންސާނިއްޔަތަށް ކޮށްދެވޭ ޚިދުމަތެކެވެ،" އީރާނުގެ ލީޑަރު ޚުތުބާގައި ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް