ކ. މާލެ
|
4 އޮކްޓޯބަރ 2024 | ހުކުރު 06:31
އޮކްޓޯބަރ 3، 2024 ވީީ ބުރާސްފަތި ދުވަހުގެރޭ ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ބާރުގަދަ ބޮން އެޅުމުގެ ސަބަބުން މުޅި ސަރައްދުގައި ރޯވެފައި
އޮކްޓޯބަރ 3، 2024 ވީީ ބުރާސްފަތި ދުވަހުގެރޭ ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ބާރުގަދަ ބޮން އެޅުމުގެ ސަބަބުން މުޅި ސަރައްދުގައި ރޯވެފައި
ރޮއިޓާސް
ލުބުނާން-އިޒްރޭލު ހަނގުރާމަ
އިޒްރޭލުގެ ބާރުގަދަ ބޮމުގެ ވާރޭ ބެއިރޫތަށާއި، ޣައްޒާ އަށާއި ހުޅަނގު އައްސޭރިއަށް ވެހެނީ
ލުބުނާނުގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޤައުމުގެ އެކި ސަރަހައްދުތަކަށް ދެވުނު ބޮމުގެ ހަމަލާތަކުގައި 37 މީހުން މަރުވެ 151 މީހުން ޒަޚަމްވެފައިވެއެވެ.

ބާރުގަދަ ބޮމުގެ ހަމަލާތަކެއް ލުބުނާނުގެ ވެރިރަށް ބެއިރޫތައް އިޒްރޭލު ސިފައިން ހުކުރުވިލޭރޭ ދީފިއެވެ.

މުޅި ސިޓީއަށް ގަދަފަދަ އަޑުފައްގަނޑާއެކު މި ހަމަލާތަކުން ގުޑުން އައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ މިހާތަނަށް އެ ސިޓީއަށް އިޒްރޭލުން ދިން އެންމެ ވަރުގަދަ ހަމަލާތައް ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ.

އެކްސިއޮސް ނިއުސް އިން ރިޕޯޓުކުރާ ގޮތުގައި، ބުރާސްފަތި ދުވަހުގެ ރޭ ބެއިރޫތަށް ދިން ވައިގެ ހަމަލާ އަމާޒުކޮށްފައިވަނީ އިޒްރޭލުން ހަމަލާދީ އަވަހާރަކޮށްލި ހިޒްބުﷲ ގެ ލީޑަރު ހަސަން ނަސްރުﷲ ގެ ކޮއްކޮ ހާޝިމް ސަފީއުއްދީން މަރާލުމަށެވެ.

ނަން ހާމަނުކުރާ ގޮތަށް ވާހަކަދެއްކި ތިން އިޒްރޭލުގެ އޮފިޝަލުން ބުނާ ގޮތުގައި، ނަސްރުﷲ އަށް ފަހު ހިޒްބުﷲ ގެ ލީޑަރު ކަމަށް އިސްކުރެވޭނެ ކަމަށް ބެލޭ ސަފީއުއްދީން އަށް ހަމަލާ ދިން އިރު އޭނާ ވަނީ ބެއިރޫތުގެ ދެކުނު ސަރަޙައްދުގެ ރަށްވެހި އަވަށެއްގައި ބިމުއަޑީގެ ވަރަށް ފުނުގައި ހުރި ބަންކަރެއްގައި ފޮރުވިފައެވެ. އަދި މި ހަމަލާގައި އޭނާ މަރުވެފައިވޭތޯ ސާފުނުވާކަމަށް އެމީހުން ބުނެފައިވެއެވެ.

ލުބުނާނުގެ ހެލްތް މިނިސްޓްރީން ބުނާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޤައުމުގެ އެކި ސަރަހައްދުތަކަށް ދެވުނު ބޮމުގެ ހަމަލާތަކުގައި 37 މީހުން މަރުވެ 151 މީހުން ޒަޚަމްވެފައިވެއެވެ.

އަނެއްކޮޅުން އިޒްރޭލުގެ ޖެޓްތަކުން ހުޅަނގު އައްސޭރީގެ ތުލްކަރަމް ރެފިއުޖީ ކޭމްޕަށް ނުރައްކާތެރި ހަމަލާތަކެއް ވަނީ ދީފައެވެ.

އިޒްރޭލު ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ، ހިފާފައިވާ ހުޅަނގު އައްސޭރި އަށް ދިން ހަމަލާގައި އެ ސިޓީގެ ހަމާސްގެ ލީޑަރެއް ކަމަށް ބެލެވޭ ޒާހީ ޔާސިރު އަބްދުލް ރާޒިޤް އޫފީ މަރާލައިފިކަމަށެވެ.

އަލްޖަޒީރާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ފާއިތުވި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރިއަށް އިޒްރޭލުން ދިން އެންމެ ނުރައްކާތެރި ހަމަލާގައި، އިޒްރޭލުގެ ފައިޓަރ ޖެޓުތަކުން ތުލްކަރަމްގެ މީހުން ގިނަ ކެފޭއަކަށް ބޮން އެޅުމުން މަދުވެގެން 18 މީހުން މަރުވެފައިވެއެވެ.

ފަލަސްތީނު ރެފިއުޖީންނަށް އެހީތެރިވާ އދ. ގެ އޭޖެންސީ އަންރްވާ ގެ އިސްވެރިޔާ ބުނާ ގޮތުގައި މި ދިޔަ ދެ ދުވަހުގެ ތެރޭގައި ޣައްޒާގައި ހުރި އދ. އިން ހިންގާ ތިން ސްކޫލަކަށް އިޒްރޭލުގެ ބާރުތަކުން ހަމަލާދިނުމުގެ ސަބަބުން މަދުވެގެން 21 ފަލަސްތީނު މީހުން މަރުވެފައިވެއެވެ.

އަލްޖަޒީރާ އިން ބުނާ ގޮތުގައި އީރާނުން ވަނީ ޤަތަރު މެދުވެރިކޮށް ވޮޝިންގްޓަނަށް މެސެޖެއް ފޮނުވާފައެވެ. އެ މެސެޖުގައި ބުނެފައިވަނީ އީރާނުން ސަރަހައްދީ ހަނގުރާމައެއް ބޭނުމެއް ނުވާ ކަމަށާއި، ނަމަވެސް "އެއްފަރާތުން އެކަނި އެކަން ވިޔަނުދީ ހިފެހެއްޓުމުގެ މަރުހަލާ ނިމުމަކަށް އައިސްފައިވާ" ކަމަށެވެ. މިކަން އަލްޖަޒީރާއަށް ހާމަކޮށްދިނީ އީރާނުގެ މަސްދަރެކެވެ.

ޣައްޒާގައި، 2023 ވަނަ އަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދެމުންދާ އަނިޔާވެރި ހަމަލާތަކުގައި މަދުވެގެން 41،788 މީހުން މަރުވެ 96،794 މީހުން ޒަޚަމްވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް