މި ހިނގާ ސެޕެޓެމްބަރ މަހުގެ ފުރަތަމަ 2 ހަފްތާގައި ކޮންމެ ދުވަހަކު ގުރުއަތުން ހޮވޭ ދިރާގުގެ ކަސްޓަމަރަކަށް އައިފޯން 16 އެއް ދިނުމަށް ދިރާގުން ނިންމައިފިއެވެ.
ދިރާގުން އެކަން ހާމަކޮށް ބުނީ މި ގުރުއަތުލުން ކުރިއަށް ދާނީ އެކުންފުނިން މީގެ ކުރިން އިޢުލާންކޮށްފައިވާ ވިން އަ ސްޕީޑް ބޯޓް ޕްރޮމޯޝަންގައި ބައިވެރިވުމަށް ހުށަހަޅާފައިވާ ކަސްޓަމަރުންގެ މެދުގައި ކަމަށެވެ.
ދިރާގުން ކުރިއަށް ގެންދާ ވިން އަ ސްޕީޑް ބޯޓް ޕްރޮމޯޝަނަކީ އެ ކުންފުނީގެ 36 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އިޢުލާންކޮށްފައިވާ ޚާއްސަ ޕްރޮމޯޝަނެކެވެ. މި އިނާމް ލިބޭ ކަސްޓަމަރަކު ބެލުމަށް ގުރުއަތުލުން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ޕްރީޕެއިޑް ޕްލޭންތަކަށް 400 ރުފިޔާ ނުވަތަ އެ އަށްވުރެ މަތިން ރީޗާޖުކުރާ ކަސްޓަމަރުންނާއި، ޕޯސްޓްޕެއިޑް 400 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް އަށްވުރެ މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކުރާ ކަސްޓަމަރުންނަށެވެ.
ދިރާގު ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން މައުލޫމާތުދެއްވަމުން އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިން ކޮމިޔުނިކޭޝަންސްގެ ޑިރެކްޓަރ މިރުޝާން ޙަސަން ވަނީ ދިރާގުގެ އަހަރީ ދުވަހާ ގުޅުވައިގެން ޚާއްސަ ޕްރޮމޯޝަންތަކެއް ކުރިއަށް ގެންދާކަމަށް ފާހަގަކުރައްވާފައެވެ.
އެގޮތުން ދިރާގުގެ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1.6 މިލިޔަން ރުފިޔާގެ އަލް ޝާލީ މެރިން މޯލްޑިވްސްއިން ފަރުމާކޮށްފައިވާ، މަޖެލަން 32 ސްޕީޑް ބޯޓެއް ލިބޭނެ ކަމަށް މިރުޝާން ވިދާޅުވިއެވެ.
އިތުރަށް މިރުޝާން ވިދާޅުވީ މޮބައިލް އިންޓަނެޓް ޚިދުމަތްތަކުގެ އިތުރަށް ތަޖުރިބާތައް ކަސްޓަމަރުންނަށް ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.
ދިރާގުން ވަނީ އައިފޯން ޕްރޮމޯޝަންގެ އިތުރުން މިމަހު ދިރާގުން ކުރިއަށްގެންދާ ޚާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއްގައި ބައިވެރިވެގެން އަލް ޝާލީ މެރިން، މަޖެލަން 32 ބޯޓެއްގައި 7 ރައްޓެހިންނާއެކު ހިލޭ ދަތުރެއް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް ބުނެފައެވެ. އަދި އަންގާރަ ދުވަހުން ފެށިގެން ދިރާގު ޕޯސްޓްޕެއިޑް 750 އަދި ފައިބަރ ބްރޯޑްބޭންޑް 30އެމް ނުވަތަ އެއަށްވުރެ މަތީގެ ޕްލޭންތައް ބޭނުންކުރާ ކަސްޓަމަރުންނަށް މެއި 2025ގެ ނިޔަލަށް ހިލޭ ސޮނީލިވް ޕްރިމިއަމް އެކްސެސް ލިބޭނެކަމަށް ދިރާގުން ވަނީ ބުނެފައެވެ.