ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 16:24
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރޫ އިޝިބާ
ރޮއިޓާސް
ޖަޕާނުގެ ބޮޑުވަޒީރު
ޖަޕާނުގެ ބޮޑުވަޒީރު ކަމަށް ޝިގެރޫ އިޝިބާ
އިޝިބާގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވަނީ 19 މިނިސްޓަރުން

ޖަޕާނުގެ ޕާލިމަންޓުން އެގައުމުގެ އައު ބޮޑުވަޒީރު ކަމަށް ޝިގެރޫ އިޝިބާ އިންތިޚާބުކޮށްފިއެވެ.

އަންގާރަ ދުވަހު ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ މެންބަރުން އެމީހުންގެ މެޖޯރިޓީ ބޭނުންކޮށްގެން އިޝިބާގެ އިންތިޚާބުވުމަށް ބޭނުންވާ މިންވަރަށް ވަނީ ވޯޓު ކަށަވަރުކޮށްދީފައެވެ. އުމުރުން 67 އަހަރުގެ އިޝިބާ އަށް ބޮޑުވަޒީރު ކަމަށް ވާދަކުރައްވަން ފުރުސަތު ތަނަވަސްވީ އެލްޑީޕީގެ ލީޑަރު ފުމިއޯ ކިޝިދާ ޕާޓީގެ ލީޑަރު ކަމުން ދުރައްވަޑައިގަތުމުންނެވެ.

ވޯޓު ކާމިޔާބު ކުރެއްވުމަށްފަހު، އިޝިބާ ވަނީ 19 މިނިސްޓަރުން ހިމެނޭ އޭނާގެ ކެބިނެޓް އިއުލާން ކުރައްވާފައެވެ.

ސަރުކާރު ހިންގުމުގެ ކަންކަމާ އަހުލުވެރިވެވަޑައިގަތުމުގެ އިތުރުން، އައު ބޮޑުވަޒީރު ހޯމަ ދުވަހު އިއުލާންކުރެއްވި، އޮކްޓޯބަރު 27 ގެ ކުއްލި އާންމު އިންތިޚާބަށް ތައްޔާރުވެވަޑައިގަންނަވަން ޖެހޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިޝިބާގެ ނަން ބޮޑުވަޒީރު ކަމަށް ހުށަހެޅުނީ، ހުކުރު ދުވަހު އެލްޑީޕީގެ ލީޑަރަކު އިންތިޚާބު ކުރުމަށް ނެގި ވޯޓު ކުޑަ ތަފާތަކުން ކާމިޔާބު ކުރެއްވުމަށްފަހުގައެވެ. އެލްޑީޕީ އަކީ ވޭތުވެދިޔަ 80 އަހަރުގެ ތެރޭގައި ޖަޕާނުގައި ގިނަ ދުވަސްތަކެއްގައި ވެރިކަމުގައި ދެމި އޮތް ޕާޓީއެވެ.

ކުރީގެ ދިފާއީ ވަޒީރު ކަން ކުރެއްވި އިޝިބާ ލީޑަރޝިޕް އިންތިޚާބު ކާމިޔާބު ކުރެއްވީ ހަރުކަށި ކޮންޒަވޭޓިވް ސަނާއެ ޓަކައިޗީ ބަލިކޮށް، 215 ވޯޓު ހޯއްދަވައިގެންނެވެ. ވާދަވެރިޔާ އަށް ލިބުނީ 194 ވޯޓެވެ.

އިޝިބާ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން މިނިސްޓަރު ކަމުގެ މަޤާމު ފުރުއްވާފައިވެއެވެ. އަދި މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން އެލްޑީޕީގެ ލީޑަރުކަމަށް ވާދަކޮށް ނާކާމިޔާބުވެފައިވެއެވެ.

އިޝިބާ ރަސްމީކޮށް މަގާމަށް އައްޔަންކުރުމަށް ހަމަޖެހިފައިވަނީ ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި ބޭއްވޭ ރަސްމިއްޔާތެއްގައި ޖަޕާނުގެ ރަސްގެފާނު ކުރިފުޅުމަތީގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް