ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 13:04
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުން
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުން
ރާއްޖެއެމްވީ
ކަރެކްޝަންސް އޮފިސަރުންގެ މައްސަލަ
ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގައި ތުހުމަތުގައި ހައްޔަރުކުރި ބައެއް އޮފިސަރުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދަނީ
3 މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ދައުލަތުން ނިންމާފައިވޭ
އިއުތިރާފުގެ އެއްބަސްވުން ހެދިނަމަވެސް ދައުވާކުރާނެ

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން ބައެއް މުވައްޒަފުންނާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ދައުލަތުން ނިންމައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން އެ ސަރވިސްގެ ވަޒީފާގައި ތިބެ، ޤާނޫނުގައިވާ ގޮތުގެމަތިން އަދާކުރަންޖެހޭ ވާޖިބުތަކާއި ޚިލާފުވެ، އަދާކުރި ވަޒީފާގައި ހިންގާ ހުއްދަނޫން ކަންކަމުން މާލީ މަންފާ ހޯދައި، ވަޒީފާއާއި ނުބައްދަލު ފައިސާގެ މުއާމަލާތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ދިވެހި ފުލުހުންގެ ޚިދުމަތާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން ތަޙުޤީޤެއް ހިންގައި އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

އޭގެ ތެރެއިން 5 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް 2024 އޮގަސްޓު 22 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ވަނީ ބުނެފައެވެ.

އެކަމުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ޕީޖީ އޮފީހުން ބުނީ، އޭގެ ތެރެއިން 3 މީހަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް ދައުލަތުން ނިންމާފައިވާ ކަމަށެވެ. އެއީ އަލީ ނާޒިމް، ތަރާނާގެ/ހދ. ނޭކުރެންދޫ، މުހައްމަދު ފަތޫހު އަބްދުﷲ، ކުއްޅަވައްގެ/ގއ. ވިލިނގިލި، އަދި އަލީ އަޝްފާގު، ކާމިނީގެ/ނ. ލަންދޫއެވެ.

ޖިނާއީ އިޖުރާއަތު ބުނާ ގޮތުން ނަމަ ދައުލަތަށް އިއުތިރާފްގެ އެއްބަސްވުމުގެ ދަށުން ގާނޫނުގައި އެ ކުށަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަދަބަށް ވުރެ ކުޑަ ނޫން އަދަބަކަށް އެ މީހެއްގެ އަދަބު ލުއި ކޮށްދިނުމަށް ކޯޓުގައި އެދެވިދާނެއެވެ.

އޭގެ އިތުރުން، އިއުތިރާފުގެ އެއްބަސްވުން ހެދިނަމަވެސް ދައުވާކުރާނެ ކަމަށާއި، އަދި، މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި އަދަބު ވެސް ދެވޭނެކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރެވޭ މިންވަރަށް މިވަގުތު ހެކި ޤާރީނާ ލިބިފައިނުވާތީ، މިވަގުތަށް ދަޢުވާ ނުކުރުމަށް ނިންމާފައިވާ ކަމަށާއި، މި މައްސަލައިގެ ތަޙުޤީޤު އަދިވެސް ކުރިއަށްދާތީ، އިތުރު ބައިތަކުގެ ތަޙުޤީޤު ނިމުމުން، ތުހުމަތުކުރެވޭ އިތުރު މީހުންގެ މައްޗަށް ދަޢުވާކުރުމާމެދު ގޮތެއް ނިންމާނެކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެގޮތުން ތަހުގީގުގައި އިއުތިރާފުވެ، އެއްބަސްވުން ހަދަން ބޭނުންވާ މީހުންނާ އެކު އިއުތިރާފުގެ އެއްބަސްވުން ހެދުމަކީ ގާނޫނީ ގޮތުން އޮތް ފުރުސަތެއްކަމަށް ޕީޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް