ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންގެ ދަފްތަރު ޢާންމުކުރުމުގައި ކަމާބެހޭ މިނިސްޓްރީއަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފަންނީ އެހީތެރިކަން ދިނުމާބެހޭ ފަހުމްނާމާއެއްގައި ސޮއިކޮށްފިއެވެ.
ބުރާސްފަތި ދުވަހު މިކަމާބެހޭ ފަހުމްނާމާގައި އެ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދެވެ. އަދި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް އިސްމާޢީލް ޢަލީއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 57 ވަނަ މާއްދާގެ ދަށުން، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ފުރިހަމަ މަޢުލޫމާތު އިންޓަރނެޓުން ފަސޭހައިން ބެލޭނެގޮތަށް ބަހައްޓަން ޖެހެއެވެ. އެކަން ކުރުމަށް މަތިކޮށްފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާކަން ފާހަގަކޮށްލެވެއެވެ.
މިހާރު މި މަޢުލޫމާތު ޝާއިޢުކުރަމުން ދަނީ މިނިސްޓްރީއާ ގުޅިގެން ޕީޖީ އޮފީހުގެ "އާމަހި" ވެބްސައިޓުގައެވެ. ބުރާސްފަތި ދުވަހު ސޮއިކުރެވުނު ފަހުމްނާމާގެ ދަށުން މިނިސްޓްރީން މި މަޢުލޫމާތު ހޯސްޓުކޮށް، އަޕްޑޭޓްކުރެވޭގޮތަށް ޕޯޓަލް ތަރައްޤީކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި މި މަސައްކަތް ކުރިއަށްއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ނިންމައި، ކުޑަކުދިންނަށް ޖިންސީގޯނާކުރާ މީހުންގެ ދަފްތަރު މިހާރަށްވުރެ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށް ޝާއިޢުކުރެވޭނެއެވެ.