Advertisement
ކ. މާލެ
|
16 ޖުލައި 2025 | ބުދަ 18:56
ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މިހާރު
މަރުވި މީހެއްގެ ޝަރީއަތް
މަރުވިތާ 1 އަހަރުވާން ކައިރިވެފައި އޮތް މީހެއްގެ ޝަރީއަތް ތާވަލުކޮށްފި
މިދިޔަ އަހަރުގެ އޮގަސްޓް މަހު ތައިލޭންޑުގެ ވެރިރަށް ބޭންކޮކްގައި މުއާވިޔަތު ނިޔާވެފައި އޮއްވާ ފެނުނު
ޕީޖީ އޮފީހުން ބުނީ މުއާވިޔަތުގެ މައްސަލަ ކޯޓަށް ހުށަހެޅީ މީރާއިން އެދިގެން
މުއާވިޔަތުގެ މައްޗަށް 42000 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް އެބައޮތް

މިދިޔަ އަހަރުގެ އޮގަސްޓް މަހު ތައިލޭންޑުގައި ނިޔާވި ދިވެއްސެއްގެ މައްޗަށް އަދަބު ތަންފީޒުކުރުމަށް ހުށަހަޅާފައިވާ މައްސަލައަކާއި ގުޅިގެން އަޑުއެހުމެއް ތާވަލުކޮށްފިއެވެ.

ބުދަ ދުވަހުގެ ހެނދުނު 9:00 އަށް ތާވަލުކޮށްފައި އޮތީ ތ. ތިމަރަފުށި / ލުބޯމާގެ މުއާވިޔަތު މޫސާއެވެ. އެއީ އަދަބު ތަންފީޒުކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެކެވެ. މައްސަލަ ކޯޓަށް ހުށަހެޅީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންނެވެ.

މުއާވިޔަތު ތައިލޭންޑުގެ ވެރިރަށް ބޭންކޮކްގައި ނިޔާވެފައި އޮއްވާ ފެނުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުއެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ހުރި ހޮޓަލުގެ ކޮޓަރިތެރެއިންނެވެ.

މިކަމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ މުއާވިޔަތުގެ މައްސަލަ ކޯޓަށް ހުށަހެޅީ މީރާއިން އެދިގެން ކަމަށެވެ. އެގޮތުން ވައްކަމުގެ މައްސަލައެއްގައި 42،000 ރުފިޔާއިން މުއާވިޔަތު 2022 ވަނަ އަހަރުގެ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ޖޫރިމަނާކޮށް އެ ފައިސަ ދައްކަން އަމުރުކޮށްފައިވާ ކަމަށާއި، ފައިސާ ދައްކަން ޖެހެނީ މީރާއަށް ކަމަށް ހުކުމް ކުރިއެވެ.

ޕީޖީ އޮފީހުން ބުނީ އަދަބު ތަންފީޒުކުރަން މީރާގެ ފަރާތުން ޕީޖީގައި އެދުނީ ވެސް މި އަހަރުގެ ޖޫން މަހުގެ 17 ވަނަ ދުވަހު ކަމަށާއި، ގަވާއިދުގައި އޮންނަ ގޮތުން މިރާއިން ނުވަތަ އެހެން ފަރާތަކުން ވެސް އަދަބު ތަންފީޒުކުރުމުގެ އަމުރު ހުށަހެޅުމުން 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެ މައްސަލައެއް ހުށަހަޅަންޖެހޭ ކަމަށެވެ.

އަދި މި މައްސަލަ ޕީޖީ އަށް ހުށަހަޅައި ޕީޖީ އޮފީހުން ކޯޓަށް މައްސަލަ ފޮނުވި އިރުވެސް މުއާވިޔަތު ނިޔާވި ކަމަށް ކަމާއި ގުޅުންހުރި އެއްވެސް އިދާރާއަކުން އަންގާފައި ނުވާ ކަމަށެވެ. ޕީޖީ އޮފީހުން ބުނީ މީހަކު ނިޔާވެފައިވާކަމަށް ޕީޖީ އޮފީހުން ގަބޫލުކުރާނީ ޑީއެންއާރުން އެކަން އެންގުމުން ކަމަށާއި، އެކަން މިހާރު ސާފުކުރަމުން އަންނަ ކަމަށެވެ.

މުއާވިޔަތުގެ މައްޗަށް 42000 ރުފިޔާގެ ޖޫރިމަނާގެ އަދަބެއް އޮތުމުން ދެން ފައިސާ ދައްކަން ޖެހޭނީ އޭނާގެ ވާރިސުންނެވެ.

- ކޮމެންޓް