ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 08:31
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
މެންޗެސްޓަރ ޔުނައިޓެޑުގެ ކޯޗު އެރިކް ޓެން ހާގް
ރޮއިޓާސް
މެންޗެސްޓަރ ޔުނައިޓެޑު
އައު ދުވަހެއް އަންނާނެ، ޔުނައިޓެޑު އެނބުރި އަންނާނެ: ޓެން ހާގް
މާދަމާ އަކީ ވެސް އައު ދުވަހެއް ކަމަށާއި، ޔަޤީނުން ވެސް ޔުނައިޓެޑު އެނބުރި އަންނާނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

އަބަދު ވެސް އައު ދުވަހެއް އަންނާނެ ކަމަށާއި، މެންޗެސްޓަރ ޔުނައިޓެޑު އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.

އޭނާ މިހެން ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ޓޮޓެންހަމް އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. ޔުނައިޓެޑުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެ ޓީމު ބަލިވެފައި ވަނީ 3-0ންނެވެ. އެއާއެކު ޓެން ހާގަށް ފާޑު ކިޔުންތައް އަމާޒުވަމުން އަންނައިރު، އޭނާ އަށް އޮތް ޕްރެޝަރު ބޮޑު ވާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ޓެން ހާގް ބުނީ އެ މެޗަށް ފަހު ޗޭންޖިން ރޫމުގައި ޔުނައިޓެޑުގެ ކުޅުންތެރިންނަށް އޭނާ ހިތްވަރު ދީފައިވާނެ ކަމަށެވެ. އެގޮތުން އަބަދު ވެސް އައު ދުވަހެއް އަންނާނެކަން ކުޅުންތެރިންނަށް ހަނދާން ކޮށްދީފައިވާނެ ކަމަށް ޓެން ހާގް ބުންޏެވެ. މާދަމާ އަކީ ވެސް އައު ދުވަހެއް ކަމަށާއި، ޔަޤީނުން ވެސް ޔުނައިޓެޑު އެނބުރި އަންނާނެ ކަމަށް ޓެން ހާގް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޓެން ހާގް ބުނީ އޭނާގެ ކުޅުންތެރިންނަކީ ވަރަށް ވަރުގަދަ ޝަޚުސިއްޔަތެއްގެ ބައެއް ކަމަށެވެ. އެގޮތުން ދިމާވާ ގޮންޖެހުންތަކާއި، ދަތިތަކާ ކުރިމަތިލާން އޭނާގެ ކުޅުންތެރިންނަށް އިނގޭނެކަން ފާހަގަކޮށް ޓެން ހާގް ބުނީ، ބައްޔާ އެކު ޔުނައިޓެޑުން އަވަހަށް ކަންކަން ދެނެގަންނަން ޖެހޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކަންކޮށް، ޔުނައިޓެޑު ކުރިއަށް އަރަން ޖެހޭނެ ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

އިތުރަށް ވާހަކަ ދައްކަމުން ޓެން ހާގް ބުނީ، މަޤާމުން ވަކި ކޮށްފާނެ ކަމާ މެދު ނުވިސްނާ ކަމަށެވެ. ޔުނައިޓެޑުގައި ހުންނަން އޭނާ ނިންމީ އެންމެން އެކުވެގެން ކުރިއަށް ގެންދިޔަ ކަންތައްތަކަށްފަހު ކަމަށް ވެސް ޓެން ހާގް ބުންޏެވެ. އެގޮތުން ޔުނައިޓެޑުން ކުރަން ޖެހޭ ކަންކަން ދެނެގަތުމަށްފަހު، ވެރިންނާއި، ކުޅުންތެރިން އަދި ކޯޗިން އޮފިޝަލުން އެކުގައި މަސައްކަތް ކުރާނެ ކަމަށް ވެސް ޓެން ހާގް ބުންޏެވެ. އަދި ޔުނައިޓެޑާ އެކު ކުރިއަށް ދިޔުމުގައި އެންމެން ތިބީ އެއް ސަފެއްގައި ކަމަށް ވެސް ޓެން ހާގް ވަނީ ބުނެފަ އެވެ.

މިހާތަނަށް ކުޅުނު ހަ މެޗުން ހަތް ޕޮއިންޓާއެކު ޔުނައިޓެޑު އޮތީ ލީގު ތާވަލްގެ 12 ވަނައިގަ އެވެ. ތިން މެޗުން މޮޅުވެ، ދެ މެޗުން ބަލިވެފައިވާއިރު، އެއް މެޗުން ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް