ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 18:33
މާލޭގެ ބޮޑުތަކުރުފާނު މަގު
މާލޭގެ ބޮޑުތަކުރުފާނު މަގު
ރާއްޖެއެމްވީ
ދުނިޔޭގެ ހިތުގެ ބަލީގެ ދުވަސް
ރާއްޖޭގައި ހިތުގެ ބަލި ޖެހުމަށް މެދުވެރިވާ ހިރާސްތަކަށް މީހުން ހުށަހެޅިފައިވާ މިންވަރު އިތުރު: ހެލްތް މިނިސްޓްރީ
ހިތުގެ ބަލި ޖެހިގެން ކޮންމެ އަހަރަކު 17 މިލިއަން މީހުން މަރުވޭ
ރާއްޖޭގައި 15 އަހަރާއި 65 އަހަރާއި ދެމެދުގެ %4.7 މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުން
ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ދުޅަހެޔޮ ހިތެއްގެ ވެރިބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރަންޖެހޭ

ރާއްޖޭގައި ހިތުގެ ބަލި ޖެހުމަށް މެދުވެރިވާ ހިރާސްތަކަށް މީހުން ހުށަހެޅިފައިވާ މިންވަރު އިތުރު ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ކޮންމެ އަހަރެއްގެ 29 ސެޕްޓެންބަރަކީ ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހުގެގޮތުގައި ފާހަގަ ކުރަމުންދާ ދުވަސް ކަމަށްވާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ދުނިޔޭގައި އެންމެ ގިނައިން މީހުން މަރުވާ އެއް ބަޔަކީ ހިތުގެ ބަލި ކަމަށެވެ. ކާޑިއޯ ވެސްކިއުލަރ ޑިޒީޒް (ސީވީޑީ) އެވެ.

ހިތުގެ ބަލި ޖެހިގެން ކޮންމެ އަހަރަކު 17 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ހާރޓް ފެޑެރޭޝަން އިން ލަފާކުރާއިރު، މި މަރުތަކުގެ މައިގަނޑު ސަބަބުތަކަކީ ކޮރޮނަރީ ހާޓް ޑިޒީޒް ނުވަތަ ސްޓްރޯކް ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ ހިތުގެ ބަލީގެ ހާލަތަށް ބަލާއިރު، ގައިންގަޔަށް ނާރާ ބަލިތަކުގެ ހިރާސްތައް ދެނެގަތުމަށް 2020 އިން 2021އަށް ރާއްޖޭގައި ހެދުނު ''ނޮން ކޮމިއުނިކަބްލް ޑިޒީޒް ރިސްކް ފެކްޓަރ ސަރވޭ 2020- 2021 އިން ސައްކާ ގޮތުގައި ރާއްޖޭގައި 15 އަހަރާއި 65 އަހަރާއި ދެމެދުގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލި، ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ޖެހިފައިވާ މީހުން ކަމަށެވެ. އަދި 27.7 އިންސައްތަ މީހުންނަކީ މި ބަލިތަކަށް ދިގު މުއްދަތަށް ބޭސް ބޭނުން ކުރަމުންދާ މީހުން ކަމަށެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި މިދިރާސާގެ ބައިވެރިންގެ މެދުގައި ހިތުގެ ބަލި ޖެހުމަށް ހުށަހެޅޭ މިންވަރު ދެނެގަތުމަށް ހަދާފައިވާ އެސެސްމަންޓުން (ކާޑިއޯ ވެސްކިއުލަރ ޑިޒީޒް ރިސްކް %20) އިން ދައްކާ ގޮތުން 40 އަހަރާއި 69 އަހަރާ ދެމެދު އުމުރު ފުރައިގެ 2.3 އިންސައްތަ (%3 ފިރިހެނުން %1.4 އަންހެނުން) އަކީ 10 އަހަރުގެ ތެރޭގައި ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންނެވެ. އަދި 7.7 އިންސައްތަ މީހުން ( %7.5 ފިރިހެނުން، %7.9 އަންހެނުން) އަކީ 10-20 އިންސައްތައަށް ހިތުގެ ބަލި ޖެހުމުގެ ފުރުސަތު އޮތް މީހުންނެވެ.

Advertisement

މީގެ އިތުރުން ވެސް ހިތުގެ ބަލީގެ ހިރާސް އިންސައްތަ އިން ދައްކާ ގޮތުން މި ބަލި ޖެހުމުގެ ފުރުސަތު އޮތް 61.8 އިންސައްތަ މީހުން (% 50.4 ފިރިހެނުން، %82.7 އަންހެނުން)ނަށް ބަލި ޖެހުމުން ދުރުކުރުމަށް ޑްރަގު ތެރަޕީ އަދި ކައުންސެލިންގ ބޭނުންވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ހިތުގެ ބަލި ޖެހުމަށް މެދުވެރިވާ ހިރާސްތަކަށް މީހުން ހުށަހެޅިފައިވާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ދުޅަހެޔޮ ހިތެއްގެ ވެރިބަޔަކަށް ވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް އެޗްޕީއޭއިން ބުނެއެވެ.

ހިތުގެ ބަލީގެ ސަބަބުން ބަލި ޖެހޭ މީހާއަށާއި، އަދި ބަލި ޖެހޭ މީހާގެ އާއިލާތަކަށާއި، މުޖުތަމައުއަށް ވެސް އަސަރު ކުރާކަން ފާހަގަކޮށް އެޗްޕީއޭއިން ބުނީ ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތިވާ ކަމަށެވެ. އެހެންކަމުން ހިތުގެ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން ހިތުގެ ދުޅަހެޔޮކަމަށް ރައްކާތެރިވުމަށް ރަނގަޅު ކާނާ ކެއުމުގެ ވައްޓަފާޅިއެއް ބައްޓަން ކުރަންޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އޭގެ ތެރޭގައި ކެއުމުގައި ތަރުކާރީއާއި މޭވާ އަދި ޕްރޮޓީންސް ހިމެނުމާއި ސަރުބީއާއި ކޮލެސްޓްރޯލް ހިމެނޭ ކާނާ މަދު ކުރުން ހިމެނެއެވެ. އަދި ލޭގެ ޕްރެޝަރ ދަށްކުރުމަށްޓަކައި ހަކުރު އަދި ލޮނު ބޭނުން ކުރާ މިންވަރު މަދު ކުރަންޖެހެއެވެ. ކެއުމުގެ ވައްޓަފާޅި ބައްޓަން ކުރުމުގެ އިތުރުން ކަސްރަތު ކުރުމާއި ހެލިފެލިވެ އުޅުމަކީ ހިތުގެ ދުޅަހެޔޮކަމަށްޓަކައި ފަރުވާތެރިވާން ޖެހޭ މުހިންމުކަމެއްގެ ގޮތުގައި އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް