ކ. މާލެ
|
29 ސެޕްޓެންބަރ 2024 | އާދީއްތަ 00:30
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ
އޭއެފްޕީ
ލުބުނާން-އިޒްރޭލް ހަނގުރާމަ
އީރާނުގެ އިންޒާރު: ހިޒްބުﷲގެ ލީޑަރުގެ ލޭގެ ބަދަލު ނުހިފާ ދޫނުކުރާނަން
ރޮއިޓަރސް ނިއުސް އޭޖެންސީން ސަރަޙައްދުގެ ދެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، ސަލާމަތީ ސަބަބުތަކަށް ޓަކައި ރޫހާނީ ލީޑަރު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ތަނަކަށް ބަދަލުކުރެވިފައެވެ.

އިޒްރޭލުގެ ވައިގެ ހަމަލާއެއްގައި ލުބުނާނުގެ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ޝަހީދުވުމާ ގުޅިގެން، އޭނާގެ ލޭގެ "ބަދަލު ނުހިފާ ދޫނުކުރާނެ" ކަމަށް އީރާނުގެ ރޫހާނީ ލީޑަރު ވިދާޅުވެއްޖެއެވެ.

އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ނަސްރުﷲ ޝަހީދުވުމާ ގުޅިގެން އީރާނުގައި ހިތާމައިގެ 5 ދުވަސް އިޢުލާނުކުރައްވާފައެވެ. އަދި ނަސްރުﷲ އަކީ "މަގެއް އަދި ފިކުރެއް" ކަމަށާއި، އެ މަގުން ކުރިއަށްދާނެ ކަމަށް ރޫހާނީ ލީޑަރު ވިދާޅުވިއެވެ.

ހުކުރު ދުވަހު ބެއިރޫތަށް އިޒްރޭލުން ދިން ހަމަލާގައި އީރާނުގެ އިންޤިލާބީ ގާޑުގެ ޖެނެރަލެއްވެސް ޝަހީދުވި ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އޮކްޓޯބަރުގެ 7 ގެ ހަމަލާތަކާއި ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން އިޒްރޭލާއި ހިޒްބުﷲ އާ ދެމެދު ހަމަލާތައް ބަދަލު ކުރެވޭތާ އަހަރެއްހާ ދުވަސް ވަނީ ފާއިތުވެފައެވެ. އެންމެ ފަހުން މި ހިނގި ހަމަލާތަކާ ގުޅިގެން މެދުއިރުމަތި ހަނގުރާމައަކަށް ވެއްޓިދާނެ ކަމުގެ ބިރު އިތުރުވެފައިވާކަން ރިޕޯޓްތަކުގައި ފާހަކޮށްފައިވެއެވެ.

ތަޖުރިބާކާރުންގެ ނަޒަރުގައި މެދުއިރުމަތީގައި ދެން ވާނެ ގޮތް ބިނާވެގެންވަނީ އާޔަތުﷲ ޚާމަނާއީ ނިންމަވާ ނިންމެވުންތަކެއްގެ މައްޗަށެވެ.

އީރާނުގެ ރޫހާނީ ލީޑަރުގެ އިންޒާރު އިޒްރޭލަށް ދެއްވި ނަމަވެސް، ފާއިތުވި ދެތިން ދުވަހު ލުބުނާނަށް އިޒްރޭލުން ދިން މަރުގެ ހަމަލާތަކާ ގުޅިގެން ހިޒްބުﷲ އަށް ބޮޑެތި ގެއްލުންތަކެއް އިޒްރޭލުން ދީފައިވީނަމަވެސް އެކަންކަމަށް ބަދަލު ހިފުމުގެ ރޫހުގައި އީރާނުގެ ލީޑަރު އަދި އީރާނުގެ އިސްވެރިންގެ ފަރާތުން އެއްޗެއް ވިދާޅުވެފައިނުވާކަން ފާހަގަ ކުރެވެއެވެ. ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި އެއީ އީރާނުން ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ ކަމަށް ބެލެވެއެވެ.

ޖުލައި މަހު ތެހެރާނުގައި ހަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާ އަވަހާރަކޮށްލުމުގެ ބަދަލުހިފުމަށް އީރާނުން ކުރި އިންޒާރުވެސް މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެއެވެ. އީރާނާއި ހަމާސްއިން އެ ޢަމަލުގެ ތުހުމަތު ކުރަނީ އިޒްރޭލަށެވެ.

އިޒްރޭލުން ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ އުދުވާނުގައި އެންމެ ބޮޑަށް އިޒްރޭލާ ދެކޮޅަށް ޖިހާދު ކުރާ ހިޒްބުﷲ އާއި ހަމާސްއަކީ އިޒްރޭލު، އެމެރިކާ، އިނގިރޭސިވިލާތް އަދި އެހެން ބައެއް ޤައުމުތަކުން ޓެރަރިސްޓު ޖަމާޢަތްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާޢަތްތަކެއްކަން ފާހަގަ ކުރެވެއެވެ.

އާޔަތުﷲ ޚާމަނާއީ ހޮނިހިރު ދުވަހު މުސްލިމުންނަށް ގޮވާލެއްވީ "އެމީހުންގެ ވަސީލަތްތަކާއި އެހީތެރިކަމާއެކު" ހިޒްބުﷲ އާ އެކުގައި ތިބުމަށެވެ. އެހެންނަމަވެސް ނަސްރުﷲ ޝަހީދު ކޮށްލުމުގެ ބަދަލު ހިފާނެ ކަމަށް ސީދާ ވިދާޅުވެފައެއް ނުވެއެވެ.

ރޮއިޓަރސް ނިއުސް އޭޖެންސީން ސަރަޙައްދުގެ ދެ އޮފިޝަލަކާ ހަވާލާދީ ބުނެފައިވަނީ، ސަލާމަތީ ސަބަބުތަކަށް ޓަކައި ރޫހާނީ ލީޑަރު ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ތަނަކަށް ބަދަލުކުރެވިފައި ކަމަށެވެ. އަދި އީރާނުން ގެންދަނީ ހިޒްބުﷲ އާއި އެހެން ބައިވެރިންނާ މުވާސަލާތްކޮށް، ދެން އަޅާނެ ފިޔަވަޅުތައް ކަނޑައެޅުމަށް މަޝްވަރާތައް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް