އަމާން މަގުމަތަކެއް ގާއިމްކުރުމަށް މާލެސިޓީއަށް ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ކުރަންޖެހޭ ކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަހް ވިދާޅުވީ ކޮންޓްރޯލެއް ނެތި މާލެސިޓީއަށް ވެހިކަލް އިތުރުވެގެން ދިއުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަސްލަހް ވިދާޅުވީ އެކެއްގެ ނަމުގައި ދެތިން ހަތަރު ވެހިކަލް ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، މިހާރު ވެސް ވެހިކަލްތަކާއި ހެދި މާލޭސިޓީގެ މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ ކަމަށެވެ.
މާލެސިޓީއަށް ވެހިކަލް އެތެރެކުރުމާއި، ރަޖިސްޓްރީ ކުރުން ކޮންޓްރޯލް ކުރުމަކީ ކަމާގުޅުންހުރި މުއައްސަސާތަކުން ކުރަންޖެހޭ މަސައްކަތެއްކަން ފާހަގަކުރައްވައި އަސްލަހް ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީން އަބަދުވެސް ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ކުރުމުގެ މަޝްވަރާތައް ކުރި ނަމަވެސް އަމަލީ ސިފައެއް ނާންނަ ކަމަށެވެ. އަދި ވިދާޅުވީ ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މި މައްސަލައަށް އަވަސް ހައްލެއް ގެންނަންޖެހޭ ކަމަށެވެ.
ތި ފާހަގަކުރިހެން އެކެއްގެ ނަމުގައި އެބަހުރި ތިން ސައިކަލު ނުވަތަ ދޭތި ރަޖިސްޓްރީ ކޮށްލާފައި. ކޮންމެ ދެ މަފިރިއެއްގެ އަތުގައި ކާރަކާއި ސައިކަލެއް އެބަހުރޭ. އެކަންކަން ވެސް އެބަޖެހޭ ކޮންމެވެސް ގޮތަކަށް ކޮންޓްރޯލް ވެގެން އަންނަން. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ތި ފާހަގަކުރެއްވި ފަދައިން މިކުޑަކުޑަ ބިން ކޮޅަށް ނުކަތާވަރަށް އެބަހުރި އުޅަނދުތައް ރަޖިސްޓްވެފައި. މިހާރު މިއޮތް ގޮތަށް މިކަން ދޫކޮށްލާފިކަމަށްވަންޏާ ވެހިކަލްއާ ހެދި އުދަނގޫވާ ހިސާބަށް ހިނގާބިގާވެ އުޅެން މިހާރު ވެސް އުދަނގޫ. މިހާރު ވެސް ޕޭމަންޓުން ކޮޅުން ހިނގާލާފައި ފޭބެން އޮންނަނީއެއް ނޫން. ކުރިއަށް އޮތްތާގައި މިއަށް ވުރެ ވެސް ދަތި އުދަނގޫތައް ވަމުންދާނެ. އެހެންވީމަ ވެހިކަލް ރަޖިސްޓްރީ ކުރުން މިއީ ކޮންމެހެން ވެސް ކޮންޓްރޯލް ކުރަންޖެހޭ ކަމެއް.ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަހް
ޕަބްލިކް ޓްރާންސްޕޯޓަށް އިޝާރާތް ކުރައްވައި އަސްލަހް ވިދާޅުވީ އާއްމު ރައްޔިތުން ޕަބްލިކް ޓްރާންސްޕޯޓަށް ބޮޑަށް ބަރޯސާވާންޖެހޭ ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، މަގުތަކުގައި ވެހިކަލްތައް ގިނަވުމާއި، ޕާކުކޮށްފައި ހުންނަ ގޮތުން ޕަބްލިކް ޓްރާސްޕޯޓުގެ ޚިދުމަތް ވެސް ރަނގަޅަށް ނުދެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރޭ އަޅުގަނޑުމެންގެ ތެރޭގައި. އަޅުގަނޑުމެން އެބަޖެހޭ މި ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކުރަން އާދަކުރަން ވެސް. އޭރުން ވެސް އަޅުގަނޑަށް ހީވަނީ މި މަގުމަތީގައި ބާރުބޮޑުވާ ބޮޑުވުން އެ ޕަބްލިކް ޓްރާންސްޕޯޓަށް އަޅުގަނޑުމެން އެއަށް ބުރަވެ އެ ބޭނުންކުރުން އަޅުގަނޑުމެންގެ ތެރޭގައި އާއްމުވެއްޖެ ކަމަށްވާނަމަ ކޮންމެ މީހަކު ވެހިކަލް ހޯދާ ހޯދުމަށް އެކަންކަން މަދުވެގެންދާނެ.ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސެއިން އަސްލަހް
ފުލުހުން ބުނީ އަމާން މަގުތަކެއް ގާއިމް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މަގުތަކުގައި ވެހިކަލްތައް ބޭނުންކުރާ މިންވަރު މަދުވުމަކީ ވެސް އަމާން މަގުތަކެއް ފެނިގެންދާނެ ކަމެއްކަން ފުލުހުން ފާހަގަކުރެއެވެ.