Advertisement
ކ. މާލެ
|
23 އޯގަސްޓް 2025 | ހޮނިހިރު 18:08
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ
ސްޓެލްކޯ
ސްޓެލްކޯ
މާލެ ސަރަހައްދުން ކަރަންޓު ކެނޑުން ހައްލު ނުވުމުން ވެސް ފަހުމީ އަށް ގޯސްވީ ކުރީ ސަރުކާރު!
ދެން ކުރަން ހުރީ ކަރަންޓް ކަނޑާ ނުލާ ކުރެވެން ހުރި މަސައްކަތްތައް ކަމަށް ފަހުމީ ވިދާޅުވި
ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި މުހިންމު މަސައްކަތެއް ކުރުމަށް ކަރަންޓް ވަނީ ކަނޑާލާފަ
ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ މާލެ ސަރަހައްދުގައި ޕަވަރޕްލާންޓެއް އެޅުމުގެ ވިސްނުން ތަފާތުވުން ކަމަށް ފަހުމީ ވިދާޅުވި

މާލެ ސަރަހައްދުން ކަރަންޓް ކެނޑުމުގެ ޒިންމާ ނެގުމުގެ ބަދަލުގައި، ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ނުވެ އޮތީ ކުރީ ސަރުކާރުގެ ސަބަބުން ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީ ސިފަކުރައްވައިފިއެވެ.

އޭނާ އެފަދައިން ސިފަކުރައްވާފައި ވަނީ ބައެއް މީޑިއާތައް ގެންދަވައިގެން ދެއްވި ބަސްތީގަތުމެއްގައެވެ.

ހުޅުމާލޭގައި ގާއިމުކޮށްފައިވާ 50 މެގަވޮޓްގެ އިންޖީނުގޭގައި ކޮންމެހެން ކުރަންޖެހޭ މުހިންމު މޭޖަރ މަސައްކަތެއް ކުރުމަށް، ހޮނިހިރު ދުވަހުގެ ހެނދުނު ހުޅުމާލޭގެ 50 މެގަވޮޓް އިންޖީނުގެ ނިއްވާލާފައިވެއެވެ. އަދި އެކަމުގެ ސަބަބުން ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން، ކޮންމެ ސަރަޙައްދަކުން ގާތްގަނޑަކަށް އެއްގަޑިއިރަށް ކަރަންޓުގެ ޚިދުމަތް ކެނޑިފައިވެއެވެ.

ފަހަކަށް އައިސް ކަރަންޓު މާލެ ސަރަހައްދުން ކަރަންތް ކެނޑުން އާއްމު ވެފައިވާ އިރު ފަހުމީގެ އިންޓަރވިއުގައި އޭނާ ވަނީ މިހާރު އެ މައްސަލަ ހައްލުކުރުމަށް ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންދާ ކަަމށް ވިދާޅުވެފައެވެ. އެގޮތުން ކަރަންޓް ކެނޑިފައި، ކަރަންޓު ނުލިބި ހޭދަވާ ވަގުތު ކުޑަކުރުމަށް ވެސް މަސައްކަތް ކުރާ ކަމަށް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ. މާލެ އަކީ އާއްމުކޮށް އެހެން ޤައުމުތަކުގެ ވެރިކަން ކުރާ ސިޓީގައި ހުންނަ ފަދަ ކަރަންޓް ގްރިޑެއް އޮންނަ ތަނެއް ނޫން ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. އަދި ކަރަންޓް ނުކެނޑޭނެ ގޮތަކަށް ކަންކަން ކުރުމަށް މަސައްކަތް ކުރާ ކަމަށާއި ކަރަންޓާއި ނުލާ އުޅެވޭނެ ގޮތެއް މާލޭގައި ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލު ނުވާ ސަބަބަކީ ކުރިން ނިންމާފައި އޮތް ގޮތާއި ޚިލާފަށް މާލެ ސަރަހައްދުގައި ޕަވަރޕްލާންޓެއް އަޅަން މި ސަރުކާރުން ބޭނުން ނުވުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ސުވަލަކީ ސަރުކާރަށް ދެ އަހަރު ވެގެން ދިޔަ އިރު، ދޮޅު އަހަރު ވީ އިރު އެކަން ކީއްވެތޯ ނުވީ. ފުރަތަމަ ވެރިކަމަށް އައިސްފައި އަޅުގަނޑުމެންގެ ވިސްނުމަކީ ހުޅުމާލޭގައި ނުވަތަ މާލޭގައި އިތުރު ޕަވަރ ޕްލާންޓެއް ނޭޅުން. ހުޅުމާލެ އިންޑަސްޓްރިއަލް އޭރިއާ އަކީ އިންޑަސްޓްރިއަލް އޭރިއާ އެއް ނޫން. މިހާރު މީހުން އުޅޭ ސަރަހައްދެއް އެއީ. އަޅުގަނޑުމެން ވިސްނީ ތިލަފުށީގާއި މީހުންނާއި ދުރުގައި އެޅުން." އޭނާ ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ހޮނިހިރު ދުވަހު ކުރި މަސައްކަތަކީ ސްޓެލްކޯ އިން ކުރަން ނިންމާފައިވާ މަސައްކަތްތަކުގެ ތެރެއިން ބޮޅެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާލެ އިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ އިތުރު ބައެއް މަސައްކަތްތައް އަދިވެސް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ދެން ކުރަން ހުރީ ކަރަންޓް ކަނޑާ ނުލާ ކުރެވެން ހުރި މަސައްކަތްތައް ކަމަށް ފަހުމީ ވިދާޅުވިއެވެ.

" ކޮންމެ ކަމެއް ވެސް މި ދިމާވަނީ އާޚިރުގައި ފައިސާ އާއި ދެތްތޯ. ވަރަށް ބޮޑެތި އަދަދުތަކުގެ ފައިސާ ވާހަކަ މި ދައްކަނީ. އަޅުގަނޑުމެންވެސް ކަންބޮޑުވޭ ކަރަންޓު ކެނޑޭތީ. " އޭނާ ވިދާޅުވިއެވެ.

ސަރުކާރަށް ދޮޅު އަހަރު ވި އިރު އެކަން ނުކުރެވޭ ސީދާ ސަބަބެއް އެ މަނިކުފާނަށް ސާފުކޮށްދެވިފައެއް ނުވެއެވެ. ފަހުން އައިސް މާލެ އާއި ހުޅުމާލެ އިން ކަރަންޓު ކެނޑޭ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

- ކޮމެންޓް