ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 21:47
މައިކަލް ފެލްޕްސް
މައިކަލް ފެލްޕްސް
ރާއްޖެއެމްވީ
މައިކަލް ފެލްޕްސްގެ ކާމިޔާބީތައް
ކާމިޔާބު ބޭނުންތަ؟ މައިކަލް ފެލްޕްސް ގެ ވާހަކަ އަޑުއެހިންތަ؟
އޮލިމްޕިކް ކުޅިވަރުތަކުގެ ތާރީޚުގައި އެންމެ ގިނަ މެޑަލް ހޯދާފައިވާ އެތުލީޓަކީ މައިކަލް ފެލްޕްސްއެވެ. އޭނާ މަޝްހޫރުވެފައިވަނީ ފެތުމުގެ ރޮނގުން އޮލިމްޕިކް މެޑަލުން މިހާތަނަށް ބަލި ނުކުރެވުނު ރަސްގެފާނުގެ ނަމުންނެވެ. ފެލްޕްސްގެ ކާމިޔާބީން ދަސްވާ އެންމެ މުހިންމު ފިލާވަޅަކީ "ކާމިޔާބީ އޮތީ ކޮމްފޯޓް ޒޯންގެ ބޭރުގައި" ކަމެވެ. އޭނާގެ ކާމިޔާބީގެ ފަހަތުގައި ވަނީ އަރާމު ދޫކޮށްލައި، އުނދަގޫ މަސައްކަތްތަކެއް ކުރުމެވެ.

މައިކަލް ފެލްޕްސް އުފަންވީ 30 ޖޫން 1985 ގައި ބޯލްޓިމޯރ، މެރިލޭންޑަށެވެ. އޭނާ ފެތުމުގެ ދާއިރާއަށް ޝައުޤުވެރިވީ އުމުރުން އެންމެ 7 އަހަރުގައި މައިގަނޑު ދެ ސަބަބަކަށްޓަކައެވެ. އޭގެ ތެރެއިން އެއް ސަބަބަކީ، އޭނާގެ ބޮޑު ދައްތައިން ކަމުގައިވާ ހިލަރީ އާއި ވިޓްނީ ފަތާ މަންޒަރު ފެނި، އެ ފަތާހިތް ޖެހުމެވެ. އަނެއް ސަބަބަކީ، ކުޑައިރުއްސުރެ ފެލްޕްސްއަކީ ވަރަށް 'ހަލަނި' ކުއްޖަކަށްވުމާއެކު، ފެތުމުގެ ދާއިރާގައި އޭނާ 'ބިޒީ' ކޮށްލައިފިނަމަ އެކަންތައް ރަނގަޅުކޮށްލެވިދާނެ ކަމަށް އޭނާގެ މަންމަ ޤަބޫލުކުރުމުންނެވެ.

ވަރަށް ޅަ އުމުރުގައި އޭނާގެ ހިތުގައި ފެތުމަށް އޮތް ލޯބި ދެނެގަނެވި، މި ޝައުޤުވެރިކަމާއެކު، އުމުރުން އެންމެ 10 އަހަރުގައި ނޯތު ބޯލްޓިމޯ އެކުއެޓިކް ކްލަބުގައި އޭނާ ބައިވެރިވިއެވެ.

ޤާބިލު މީހެއްކަން ދެނެގަތުން

ނޯތު ބޯލްޓިމޯ އެކުއެޓިކް ކްލަބަށް ފެލްޕްސް ގުޅުމަކީ ފެލްޕްސް އާއި އޭނާގެ ކޯޗު ބޮބް ބޯމަން އާ ބައްދަލުވުމުގެ ފެށުމެވެ. ނޯތު ބޯލްޓިމޯ އެކުއެޓިކް ކްލަބުގެ ކޯޗެއްގެ ހައިސިއްޔަތުން، ބޯމަން ފެލްޕްސްގެ ޤާބިލުކަން ވަރަށް އަވަހަށް ދެނެގަތެވެ. އަދި އޭނާއަށް އިތުރަށް ތަމްރީނު ކުރުމަށް ބާރުއަޅަން ފެށިއެވެ.

1999ވަނަ އަހަރު، އުމުރުން އެންމެ 14 އަހަރުގައި މައިކަލް ފެލްޕްސް އެމެރިކާގެ ޤައުމީ ސްވިމިންގ ޓީމަށް ހޮވުނެވެ. މިއީ އޭނާގެ ކެރިއަރުގެ ފެށުމުގެ ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.

މައިކަލް ފެލްޕްސްގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ ވަރަށް ޅަ އުމުރުގައި

ކުޑައިރުއްސުރެ ފެތުމުގެ ހުނަރަށް ޝައުޤުވެރިވި ފެލްޕްސް، 15 އަހަރުގެ އުމުރުގައި ފުރަތަމަ އޮލިމްޕިކްސްގައި ބައިވެރިވިއެވެ. އެއީ 2000 ވަނަ އަހަރު ސިޑްނީގައި ބޭއްވުނު އޮލިމްޕިކްސްއެވެ. އެއާއެކު، އެންމެ ހަގު ޕްރޮފެޝަނަލް ފެތުންތެރިޔާގެ ރެކޯޑު އޭނާ ހޯދިއެވެ. ހަމައެއާއެކު، 2001 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕް ޓްރަޔަލްސްގައި ފެލްޕްސް 200 މީޓަރު ފެތުމުން ވާރލްޑް ރެކޯޑް މުގުރާލާ، އެންމެ ޅަ އުމުރުގައި މި ރެކޯޑު ހަދާލި ފެތުންތެރިޔާގެ މަޤާމު ހޯދިއެވެ. އެއަށްފަހު، އުމުރުން 16 އަހަރު ވަންދެން، ފެލްޕްސް އޭނާގެ ކޯޗު ބޮބް ބޯމަންއާއެކު ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރިއެވެ. މި ދަތުރުތަކާއި އޭނާގެ ޚާއްޞަ ހުނަރުވެރިކަމުގެ ސަބަބުން، ފެލްޕްސް އާއި ބޯމަން ވެގެންދިޔައީ މުޅި ދުނިޔޭގައިވެސް މަޝްހޫރު ދެ ނަމަކަށެވެ.

ފެލްޕްސްގެ ކެރިއަރުގައި އެންމެ ފާހަގަކޮށްލެވޭ އެއް އޮލިމްޕިކްސްއަކީ 2008 ވަނަ އަހަރު ބޭއްވުނު ބެއިޖިންގ އޮލިމްޕިކްސްއެވެ. މި އޮލިމްޕިކްސްގައި އޭނާ 8 ރަން މެޑަލް ހޯދައި، އެއް އޮލިމްޕިކްސްއެއްގައި އެންމެ ގިނަ ރަން މެޑަލް ހޯދި އެތުލީޓްގެ ރެކޯޑު ހާސިލްކުރިއެވެ. ކޯޗް ބޯމަންގެ އިރުޝާދުގެ ދަށުން، ފެލްޕްސް ފަސް އޮލިމްޕިކްސްގައި ވާދަކޮށް، ޖުމްލަ 28 މެޑަލް ހާސިލުކުރިއެވެ. މީގެ ތެރޭގައި 23 ރަން މެޑަލް، 3 ރިހި މެޑަލް އަދި 2 ބްރޯންޒް މެޑަލް ހިމެނެއެވެ. މިއީ އޮލިމްޕިކް ތާރީޚުގައި ވެސް މިހާތަނަށް އެތުލީޓަކު ހާސިލްކޮށްފައި ނުވާ ވަރުގެ ބޮޑު ކާމިޔާބީއެކެވެ. އޭނާގެ މި ކާމިޔާބީތަކުގެ ސަބަބުން، ގިނަ ބަޔަކު އޭނާއަށް "އޮލިމްޕިކް ރަސްގެފާނު" ގެ ލަޤަބު ދީފައިވެއެވެ. ފެލްޕްސް ބުނެފައިވާ ގޮތުގައި، ބޯމަންއާއެކު ތަމްރީނު ކުރުމަކީ އޭނާ ނިންމި އެންމެ ބުއްދިވެރި އެއް ނިންމުމެވެ.

ފެލްޕްސް އޭނާގެ ކޯޗު ބޮބް ބޯމަންއާއެކު

ކާބިޔާބީގެ ސިއްރަކީ ކޮބާ؟

ފެލްޕްސްގެ ކާމިޔާބީގެ ސިއްރަކީ އޭނާ ކުރި ތަމްރީން ތަކޭ ބުންޏަސް މީހަކު އަދި ހައިރާން ނުވެދާނެއެވެ. އެހެންނަމަވެސް، އޭނާގެ އާދަޔާ ޚިލާފު އަދި ގިނަ ވަގުތު ހޭދަކުރަންޖެހޭ ތަމްރީނުތަކަކީ އާދައިގެ މީހަކަށް އުފުލޭވަރުގެ ބުރައެއް ނޫނެވެ. އޭނާގެ ކެރިއަރުގެ އެންމެ ޕީކް ދުވަސްވަރު، ހަފްތާއަކު ގާތްގަނޑަކަށް 80,000 މީޓަރު ފަތާކަމަށް ވަނީ ރިކޯޑުކުރެވިފައެވެ. އެއީ ގާތްގަނޑަކަށް 50 މޭލެވެ. ވަރުބަލިކަމެއްނެތި ކުރާ ތަމްރީން ތަކުގެ އިތުރުން، އޭނާ ހަފްތާއަކު މަދުވެގެން 3 ފަހަރު ޖިމަށް ދެއެވެ. ޖުމްލަ ގޮތެއްގައި، އޭނާ ހަފްތާއަކު 6 ދުވަހު، ދުވާލަކު 5 ނުވަތަ 6 ގަޑިއިރު ތަމްރީނުކުރެއެވެ. މި މިންވަރަށް ތަމްރީނުކުރުމަކީ ފުލްޓައިމް ވަޒީފާއަކާ އެއްފަދަ ބުރަ މަސައްކަތެއް ކަމަށް އޭނާ ޤަބޫލުކުރެއެވެ.

މައިކަލް ފެލްޕްސް؛ އޭނާ ހަފްތާއަކު 6 ދުވަހު، ދުވާލަކު 5 ނުވަތަ 6 ގަޑިއިރު ތަމްރީނުކުރޭ

ޖިސްމާނީ ތަމްރީނުތަކުގެ އިތުރުން، އެކަށީގެންވާ މިންވަރަށް ނިދުމާއި އަރާމުކުރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއެވެ. މިކަމަށް އެކަށީގެންވާ ސަމާލުކަމެއް ނުދެވިއްޖެނަމަ، އޭނާގެ ކުޅިވަރުގެ ފެންވަރަށް ނޭދެވޭ އަސަރުކޮށް، އަދި އަނިޔާވުމުގެ ފުރުޞަތު އިތުރުވާކަމަށް އޭނާ ފާހަގަކުރެއެވެ. ފެލްޕްސް ބުނާ ގޮތުގައި، ކޮންމެ ރެއަކު މަދުވެގެން 8 ގަޑިއިރު ނިދުމުގެ އިތުރުން، ދުވާލު މަދުވެގެން 2 ނުވަތަ 3 ގަޑިއިރު އަރާމުކުރުމަކީ އޭނާއަށް ކޮންމެހެންވެސް މުހިއްމު ކަމެކެވެ. މީގެއިތުރުން، ފެލްޕްސް ވަނީ ދުވާލަކު 10،000 ކެލޮރީސް ކެއުމުގެ ޚާއްޞަ ޑައެޓް ޕްލޭނެއް ގެންގުޅެފައެވެ.

މައިކަލް ފެލްޕްސްގެ ޑައެޓް ޕްލޭނެއް

ފެލްޕްސްގެ ކާމިޔާބީގެ އަނެއް މުހިންމު ސިއްރަކީ ކުދިކުދި ކަންކަމަށް ސަމާލުކަން ދިނުމެވެ. އޭނާ ބުނާ ގޮތުގައި ބޮޑެތި ލަނޑުދަނޑިތައް ޙާޞިލުކުރެވެނީ ކުދިކުދި މަސައްކަތްތަކުން، ފަރުވާތެރިކަމާއެކު އެކަންތައްތައް އެންމެ ފަހަރަކުވެސް ދޫކޮށްނުލާ ކުރުމުންނެވެ. މީގެ ތެރޭގައި ސްޓްރެޗް ކުރުމާއި، އައިސް ފެނުން ފެންވެރުމާއި މަސާޖުކުރުން ހިމެނެއެވެ. ހަމައެގޮތުން، ސްޓްރެސް ކޮންޓްރޯލް ކުރުމުގެ ހުނަރު ދަސްކޮށް، އަމިއްލަ ނަފްސަށް ބޮޑެތި ލަނޑުތަކެއް ކަނޑައަޅައި، އެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ކެނޑިނޭޅި މަސައްކަތް ކުރުމަކީ ވެސް އެހާމެ މުހިއްމު ކަމެއް ގޮތުގައި އޭނާ ފާހަގަކުރެއެވެ. ކިތަންމެ ބަޔަކު އެއީ "މޮޔަ ކަމެކޭ" ބުންޏަސް، އެމީހުންގެ ބަސްތަކަށް ފަރުވާލެއް ނުބަހައްޓާ، އަމާޒުތައް ކަނޑައެޅިއެވެ. މިއީ އޭނާގެ ކާމިޔާބީގައި މުހިންމު ދައުރެއް އަދާކުރި ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއެވެ.

މަސައްކަތުގެ އަޚްލާޤްވެސް ހަމަ ސަތޭކަ

ބުރަ ތަމްރީނުތަކާއި، އާދަޔާޚިލާދު ޑައިޓެއްގެ އިތުރުން ފެލްޕްސް އަކީ މަސައްކަތުގެ އަޚްލާޤު ވެސް އެހާމެ ފުރިހަމަ މީހެއް ކަމަށް އޭނާގެ ކޯޗު ފާހަގަކުރެއެވެ. އޭނާގެ މަސައްކަތުގެ އަޚްލާޤާއި، ހިތްވަރާއި، އަޒުމް އޭނާގެ ހުނަރާ އެކުވެގެން، ވިދިވިދިގެން އައި 5 އޮލިމްޕިކް މުބާރާތުގައިވެސް ކާމިޔާބު ހޯދުމުގެ މަގު އޭނާއަށް ފަހިވެގެން ދިޔައެވެ. އާދަޔާ ޚިލާފު ކަންތައްތައް ހާސިލްކުރުމަށްޓަކައި، އާދައިގެ މިންވަރަށްވުރެ މާބޮޑަށް މަސައްކަތް ކުރަންޖެހޭކަން އޭނާއަށް ރަނގަޅަށް އެނގުނެވެ.

ފެލްޕްސްގެ ކޯޗު ބޮބް ބޯމަން އޭނާ ސިފަކުރަނީ ފެތުމުގެ މައިދާނުގައި "އެފަދަ ދެވަނައެއް ނުވާ" އަދި "އަމާޒު ހިފެހެއްޓޭ" މީހެއްގެ ގޮތުގައެވެ. ނަމަވެސް އަމިއްލަ ދިރިއުޅުމުގައި އޯގާތެރި، ހިތްހެޔޮ އަދި އެހެން މީހުންނަށް އަހައްމިއްޔަތުކަންދޭ މީހެއްގެ ގޮތުގައެވެ.  

ފެލްޕްސް އަދި އޭނާގެ ކޯޗުވެސް ފާހަގަކުރާ ގޮތުގައި، ފެލްޕްސްގެ ކާބިޔާބީގެ އެންމެ ބޮޑު ސިއްރަކީ އޭނާގެ ތަމްރީނުތަކަށް ބެހެއްޓި ފަރުވާތެރިކަމެވެ. ފެލްޕްސް ވަނީ 5-6 އަހަރު ވަންދެން އެއް ދުވަހެއްވެސް މެދުކަނޑާނުލައި ތަމްރީނުތައް ހަދާފައެވެ. ހަފްތާ ބަންދު ނުވަތަ ޗުއްޓީއެއް ނުނަގައެވެ. ބައެއް ދުވަސްތަކުގައި ހޭލަން ބޭނުން ނުވިނަމަވެސް، އޭނާ ތެދުވެ ތަމްރީނަށް ދިޔައެވެ. އޭނާގެ ކޯޗު ބުނާގޮތުގައި އޭނާ އުފަންދުވަހުގައިވެސް އަދި ކްރިސްމަސް ދުވަހުގައިވެސް ތަމްރީން ވައްޓައެއް ނުލައެވެ. އަދި ކޮންމެ ނާކާމިޔާބީ އަކީވެސް އައު ފުރުސަތު ތަކެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރިއެވެ.

ފެލްޕްސް އޭނާގެ ކޯޗު ބޮބް ބޯމަންއާއެކު؛ ބޯމަން އޭނާ ސިފަކުރައްވާފައިވަނީ ފެތުމުގެ މައިދާނުގައި "އެފަދަ ދެވަނައެއް ނުވާ" އަދި "އަމާޒު ހިފެހެއްޓޭ" މީހެއްގެ ގޮތުގަ

ފެލްޕްސްގެ ކާމިޔާބީން ދަސްވާ އެންމެ މުހިންމު ފިލާވަޅަކީ "ކާމިޔާބީ އޮތީ ކޮމްފޯޓް ޒޯންގެ ބޭރުގައި" ކަމެވެ. އޭނާގެ ކާމިޔާބީގެ ފަހަތުގައި ވަނީ އަރާމު ދޫކޮށްލައި، އުނދަގޫ މަސައްކަތްތަކެއް ކުރުމެވެ. ހަމައެއާއެކު، ހަމައެކަނި ހުނަރު އޮތުމަކުން ނުފުދޭ ކަމެވެ. އޭގެ ބަދަލުގައި، އަމިއްލަ ނަފްސަށް ގޮންޖެހުމާއި، ދަތި އުނދަގޫ މަސައްކަތްތަކަށް ކެރިލެނބުމާއި، އަރާމާއި ފަސޭހަ ދޫކޮށްލުމަކީ ކާމިޔާބީގެ މަންޒިލަށް ވާޞިލުވުމަށް މުހިއްމު ސިފަތައް ކަމެވެ. މި ފިލާވަޅުތަކަކީ ހަމައެކަނި ކުޅިވަރުގެ ދާއިރާއަށް ޚާއްޞަވެގެންވާ ކަމެއް ނޫނެވެ. މިއީ، ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށްވެސް އެޕްލައިކުރެވޭނެ މުހިންމު ފިލާވަޅެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް