ކ. މާލެ
|
27 ސެޕްޓެންބަރ 2024 | ހުކުރު 15:59
ރައީސް ޑރ މުހައްމަދު މުއިއްޒު
ރައީސް ޑރ މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ ގްރެފިކްސް
ރައީސް ޑރ މުއިއްޒު
ރައީސް މުއިއްޒުގެ އަގުބޮޑު ނިއުޔޯކް ދަތުރުފުޅުން ހާސިލްވީ ކޮން ކަމެއް؟
މާލީ ހާލަތު މިހާ ނާޒުކޮށް އޮތް ދަނޑިވަޅެއްގައި ޚާރިޖީ ދާއިރާގެ ބޭފުޅުން ސިފަކުރައްވާ ނިއުޔޯކަށް އަންނަ "ހައްޖު" މޫސުމުގެ ދުވަސްވަރަކީ އިންތިހާ އަށް ނިއުޔޯކުގެ ހޮޓާތަކާއި ޚިދުމަތްތަކުގެ އަގު އުފުލިގެންދާ ދަނޑިވަޅަކަށް ވާއިރު، އެހާ ބޮޑު ވަފުދަކާއެކު ރައީސް މުއިއްޒު މި ކުރެއްވި ދަތުރުފުޅުގެ އަގު ދިވެހިރައްޔިތުން ދައްކަންޖެހޭލެއް ކުޑައެއް ނުވާނެއެވެ. ސުވާލަކީ މިފަދަ ބޮޑު ހޭދައެއް މިދަތުރުފުޅަށް ކުރައްވައިގެން ހާސިލްވީ ކޮންކަމެއްތޯއެވެ؟

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އދ. ގެ މައިމަރުކަޒު ހުންނަ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަކީ ޝައްކެއްވެސް ނެތް ގޮތުގައި ދައުލަތައް ބޮޑު ޚަރަދެއް އުފުލަންޖެހޭނެ ދަތުރުފުޅެކެވެ.

ދަތުރުފުޅަށް ފުރާވަޑައިގަތުމަށް ކުޑަތަންވެފައިވަނިކޮށްވެސް ރާއްޖެއިން އަދާކުރަން ޖެހޭ 50 މިލިއަން ޑޮލަރެއްގެ މައްސަލަ އޮތީ ފެންމަތިވެފައެވެ. ނަސީބު ރަނގަޅު ކަމުން އެކަން އިންޑިއާގެ ހެޔޮ ކަމުން ފަސްކޮށްލައިދިނުމުން މިވަގުތައް އެކަން އޮތީ ހަމަޖެހިފައެވެ.

މާލީ ހާލަތު މިހާ ނާޒުކޮށް އޮތް ދަނޑިވަޅެއްގައި ޚާރިޖީ ދާއިރާގެ ބޭފުޅުން ސިފަކުރައްވާ ނިއުޔޯކަށް އަންނަ "ހައްޖު" މޫސުމުގެ ދުވަސްވަރަކީ އިންތިހާ އަށް ނިއުޔޯކުގެ ހޮޓާތަކާއި ޚިދުމަތްތަކުގެ އަގު އުފުލިގެންދާ ދަނޑިވަޅަކަށް ވާއިރު، އެހާ ބޮޑު ވަފުދަކާއެކު ރައީސް މުއިއްޒު މި ކުރެއްވި ދަތުރުފުޅުގެ އަގު ދިވެހިރައްޔިތުން ދައްކަންޖެހޭލެއް ކުޑައެއް ނުވާނެއެވެ.

އެތަންތަނަށް ފަރިތަ ބޭފުޅުން ވިދާޅުވާ ގޮތުގައި އެންމެ ނަގާލާފައިވެސް ދުވާލަކަށް 500 ޑޮލަރު ވަރު ބޮލަކަށް ހޮޓަލަށް ޗާޖު ކުރާނެއެވެ. ނިއުޔޯކުގެ ތަޖުރިބާ ހުރި ބޭފުޅަކު އަންދާޒާ ކުރެއްވި ގޮތުގައި ރައީސް މުއިއްޒުގެ މި ދަތުރުފުޅަށް 10 ނުވަތަ 12 މިލިއަން ރުފިޔާ ޚަރަދުވުމަކީ ވަރަށް ގާތް ކަމެކެވެ.

ކިތަންމެ ބޮޑު ޚަރަދެއް ކުރައްވައިގެން ވިޔަސް ރާއްޖެއަށް އެކަމުން ބޮޑު މަންފާއެއް ވަންޏާ، އެއް ލާރިން ދެލާރި ލިބެންޔާ ނުވަތަ ބައިނަލް އަގްވާމީ މައިދާނުގައި ޚާއްސަ ގަދަރެއް ރާއްޖެއަށް ލިބޭ ވަރުގެ ކަމެއް އެކަމުން ފައިދާވަންޏާ މައްސަލައެއް ނެތެވެ. ޚަރަދާމެދު ޝަކުވާ ކުރާނެ ބޭނުމެއް ނެތެވެ. އެހެން ނަމަވެސް އެކަން އޮތީ އެހެންތޯއެވެ؟

ސަރުކާރުން ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ދިވެހިންނަށް އައި ބޮޑު އީދެއްގެ ގޮތުގައި ތަމްސީލްކޮށްދޭން މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ގޮތްގޮތައް ގްރެފިކްސް ހަދާ ތަގްރީރް ތަކުގެ ޖުމްލަތައް ރަނުން ފެވިޔަސް އެއީ ޓެކްސްޕޭޔަރުންނަށް އެކަމުގެ ކާމިޔާބު މިނޭނެ މިންގަނޑަކަށް ނުވެއެވެ.

ރައީސަކު އދ އަށް ވަޑައިގަންނަވާނެ އެންމެ މުހިންމު އެއް މަގްސަދަކީ، ދުނިޔޭގެ ސަފުގައި ރާއްޖޭގެ ގަދަރު މަތިކޮށް އެހެން ގައުމުތަކާ އޮންނަ ގުޅުން ވަރުގަދަކޮށް ރާއްޖެއަށް އެހެން ފަރާތްތަކުން ކުރާ ގަދަރާއި އިހްތިރާމް އޮތްކަން ހާމަ ކުރެއްވުމަށެވެ. އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ދިވެހި ރާއްޖޭގެ ޚާރިޖިއްޔާއިން ޑރ. މުއިއްޒުގެ ދަތުރުފުޅު މިދެންނެވި ބީދައިން ނަންބަރު މަތި ކުރަން ވަރަށް ގިނަ މަސައްކަތްތައް ކުރެއްވިއެވެ. ވަރަށް ގިނަ މިޝަންތަކަށް ބައްދަލުވުންތަކަށް އެދިވަޑައިގަތެވެ. ވަރަށް ގިނަ އިއްޒަތްތެރިންނާ އެކުގައި ޑރ. މުއިއްޒު ހުންނަވާ މަންޒަރު ދެއްކޭތޯ މަސައްކަތް ކުރެއްވިއެވެ. އެހެން ނަމަވެސް ނަތީޖާ ފެނުނީ އުއްމީދު ކުރި ގޮތަކަށް ނޫނެވެ.

އދ ރަސްމީ ވެބްސައިޓުން ހާމަ ކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގަތުމަށް 87 ގައުމެއްގެ އެންމެ މަތީ ވެރިން (ހެޑް އޮފް ސްޓޭޓް) ވަޑައިގަތެވެ. ޑރ. މުއިއްޒު އާ ބައްދަލުވެ ވަޑައިގަތީ އެތަނުން އެންމެ ބޭފުޅަކަށެވެ. އެއީ ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް އެވެ. އިތުރު ބޭފުޅެއްގެ ބައްދަލުވުމެއް ހަމަޖެހޭ ގޮތެއް ނުވިއެވެ.

ވަލީ އަހުދުގެ ދަރަޖައިގެ އެއް ބޭފުޅަކު ވަޑައިގަތެވެ. އެއީ ކުވޭތުގެ ވަލީ އަހްދެވެ. މިކަމުގައި ސައްތައިސައްތަ ކާމިޔާބެވެ އެބޭފުޅާ އާ ރައީސް މުއިއްޒުއާ ބައްދަލުވިއެވެ.

ގައުމުތަކުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިންގެ ގޮތުގައި 28 ބޮޑުވަޒީރުން ނިއުޔޯކަށް ވަޑައިގަތެވެ. އޭގެ ތެރެއިން ޑރ. މުއިއްޒު އާ ބައްދަލުވެވަޑައިގަތީ އެންމެ ބޭފުޅަކަށެވެ. އެއީ ޕާކިސްތާނުގެ ބޮޑު ވަޒީރެވެ.

ޚާރިޖީ ވަޒީރުންގެ ފެންވަރުގައި 13 ގައުމަކުން މަންދޫބުން ބައިވެރިވެވަޑައިގަތެވެ. ރައީސް މުއިއްޒު އާ ބައްދަލުކުރެއްވީ އެންމެ 5 ޚާރިޖީ ވަޒީރުންނެވެ.

މިހާ މަތީ ދަރަޖައަކަށް ތައްޔާރުވެ ވަޑައިގެން އަދި އެހާ މަތީ ވަފުދާއެކު އެމެރިކާގައި އެހާ ގިނަ ދުވަސް ހޭދަ ކުރެއްވި އިރު އެމެރިކާ ސަރުކާރުގެ ނަންކިޔާ ވެރިޔަކާ ބައްދަލުކުރެއްވި ތަނެއް ނުފެނެއެވެ. އެކަން ކުޑަކޮށްވެސް ފޫބެދެނީ ޔޫއެސްއެއިޑް ގެ އެޑްމިނިސްޓްރޭޓަރާ އެކު ބޭއްވެވި ބައްދަލުވުމުންނެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އާ ރައީސް މުއިއްޒު ބައްދަލުކުރެއްވިކަމީ ރަނގަޅެކެވެ. އެހެން ނަމަވެސް އާންމު މަޖިލީހަށް ވަޑައިގެންނެވި އިރު އާންމު މަޖިލީހުގެ ރައީސް އާ ބައްދަލުވެފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދަތުރުފުޅުގައި ނިއުޔޯކަށް ވަޑައިގެން އާންމު މަޖިލީހުގެ ރައީސް އާ ބައްދަލު ކުރައްވަން އެޕޮއިންޓްމެންޓެއް ލިބޭތޯ ކުރެއްވި މަސައްކަތް ކާމިޔާބުވާ ގޮތް ނުވީއެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅުގައި ގިނަ ހަވާސާ އިވެންޓް (ސައިޑް އިވެންޓް) ތަކުގައި ބައިވެރިވެޑައިގަތްތަން ފެނެއެވެ. އޭގެތެރޭގައި ރާއްޖޭން އަމިއްލަ އަށް އިންތިޒާމް ކުރި އިވެންޓްތަކާއި އެހެން ގައުމަކާ ބައިވެރިވެގެން ބޭއްވި އިވެންޓްތައް ހިމެނެއެވެ. ސައިޑް އިވެންޓަކީ ސައިޑް އިވެންޓެވެ. މާ ބޮޑު ނަތީޖާއެއް ނުކުންނަ ކަމެއް ނޫނެވެ. އެއީ އެއްގޮތަކުން އިސްތިހާރުވެލުމެކެވެ. ކުރަންޖެހޭ ޚަރަދާ ބަލާއިރު ތަޖުރިބާކާރުންގެ ނަޒަރުގައި ކޮންމެހެން އިންތިޒާމް ކުރަން ޖެހިއްޖެ ހާލަތެއްގައި މެނުވީ އަމިއްލަ އަށް އިސްނަގައިގެން އިންތިޒާމް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅު ޕްރޮމޯޓް ކުރުމުގައި އަވަދިނެތި މަސައްކަތްކުރާ މުސާރަވެރިން އެމަނިކުފާނަކީ އދ. ގެ ސަލާމަތީ މަޖިލީހުގައި ތަގުރީރު ކުރެއްވި ރާއްޖޭގެ ފުރަތަމަ ރައީސް ކަމަށް ބުނެ އެވާހަކަ ހަރުއަޑުން އެބަފަތުރައެވެ. އެއީ ތެދެކެވެ. އދ ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދެއްކެވި ރާއްޖޭގެ ފުރަތަމަ ރައީސް އަކީ ޑރ. މުހައްމަދު މުއިއްޒުއެވެ. އެހެން ނަމަވެސް ސެކިއުރިޓީ ކައުންސިލްގެ ބަހުސެއްގައި ބައިވެރި ފުރަތަމަ ދިވެއްސަކީ ޑރ. މުއިއްޒެއް ނޫނެވެ. އެހެން ކޮންމެ ގައުމަކަށް ވެސް ފުރުސަތު އޮންނަ ފަދައިން ސެކިއުރިޓީ ކައުންސިލްގެ 'ޖެނެރަލް ޑިބޭޓް' ތަކުގައި ނަން ނޯޓު ކޮށްގެން ރާއްޖެއިން މީގެ ކުރިން ކިތަންމެ ފަހަރަކު ބައިވެރިވެ ބަޔާންތައް ދީފައި އެބަހުއްޓެވެ. އެއިން ކޮންމެ ފަހަރަކު އޭރަކު ހުންނެވި ރައީސަކު ބޭނުންފުޅުވި ނަމަ އެކަން އެ ރައީސަކަށް ކުރެއްވުނީހެވެ. އެހެން ނަމަވެސް ގައުމުގެ ނަމުގައި އެ ބުނަން ޖެހޭ އެއްޗެއް ބުނީމާ އެކަން ފުދޭ ގޮތައް އޮންނަ ކަންކަމުގައި ރައީސުން ކަމާ ކަންފަށާ ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ. ޑރ. މުއިއްޒު ސެކިއުރިޓީ ކައުންސިލްގައި ދެއްކެވި ވާހަކަފުޅަށްވުރެ މާ ގަދަފަދަ އިބާރާތުންވެސް އެ ކައުންސިލްގައި ރާއްޖޭގެ ބަސް މީގެ ކުރިން ވަނީ އިއްވާފައެވެ. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އަދި އެ ކައުންސިލްގައި މީގެ ކުރިން ވާހަކަދެއްކެވި ބޭފުޅުން ޑރ. މުއިއްޒުގެ ވަފުދުގައިވެސް ހިމެނިވަޑައިގަންނަވައެވެ. އެނެއްކޮޅުން ރާއްޖޭގެ ރައީސް ސެކިއުރިޓީ ކައުންސިލްގައި ވާހަކަފުޅު ދެއްކެވި އިރު އެހެން އެއްވެސް ގައުމެއްގެ އެންމެ އިސްވެރިޔަކު އެ މާލަމުގައި ނެތުމީވެސް ފެނިގެންދިޔަ އައިބެއް ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެއެވެ. އޭގެ އިތުރުން 25 ސެޕްޓެމްބަރުގައި ސެކިއުރިޓީ ކައުންސިލްގެ އިއްތިފާގުން ފާސްކުރި "ޕްރެޒިޑެންޝަން ސްޓޭޓްމަންޓް އޮން ލީޑަރޝިޕް ފޯ ޕީސް" ގައި ރައީސް މުއިއްޒުގެ ހުށަހެޅުއްވި އެއްވެސް ކަމެއް ނެތެވެ. އެމަނިކުފާނުގެ ނަމެއްވެސް ކަމެއްވެސް އެޔަކުން ނުފެނުނެވެ. އެހެން ކަމުން މިކަމުން ހޯއްދެވީ މެޑެލް އެއް ކަމަށް ދައްކަވަން އުޅުއްވުން ވަނީ ވަކީން އަދި އައިބު ކަމަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް