ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 23:42
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު (ކ) އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ރައީސް ޔާމީން
ނިއުޔޯކަށް މުއިއްޒު ކުރެއްވި ދަތުރުފުޅަށް 10 ވަރަކަށް މިލިއަން ޚަރަދު ވާނެ: ރައީސް ޔާމީން
ޔާމީން ވަނީ ސަރުކާރުން ޚަރަދު ކުރުމުގައި އިސްކަން މިދެނީ ކިހިނެއްތޯ ސުވާލު ކުރައްވާފަ
ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ކޮށްފައިވާ ބޮޑެތި ޚަރަދުތައް ވެސް ވަނީ ފާހަގަ ކޮށްފަ

އދ. ގެ އާންމު މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުކީ ޚަރަދު ބޮޑު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅަށް ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަލްސާގައި ހުކުރުވިލޭރޭ ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ޔާމީން ފާހަގަ ކުރެއްވި ގޮތުގައި، ރައީސަކު ބޮޑު ވަފުދަކާއެކު ނިއުޔޯކަށް ދަތުރުފުޅެއް ކުރެއްވުމަކީ ވަރަށް ޚަރަދު ބޮޑު ކަމެއް ކަމުގައެވެ.

Advertisement

"އދ އަށް މުއިއްޒު ކުރައްވައިގެން އުޅުއްވާ ދަތުރުފުޅު އަޅުގަނޑު ބުނިން އެއީ ވަރަށް ޚަރަދު ބޮޑު ދަތުރެކޭ، ރައީސަކު ވަޑައިގަންނަވަންޏާ އެ ޑެލިގޭޝަނެއްގެ ޚަރަދުތަކާ އެއްޗެހި ވަރަށް ބޮޑުވެގެންދާނެއޭ، ނިއުޔޯކުގެ ހުރިހާ ހޮޓާތައް ހުންނާނީ ފުރިފައޭ، އަގުތައް ބޮޑުވާނޭ، މި ދަތުރުފުޅަށް ގާތްގަނޑަކަށް 10 ވަރަކަށް މިލިއަން ޚަރަދުވެއްޖެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް މުއިއްޒު އެހާ ބޮޑު ޚަރަދެއް ކުރައްވައިގެން އދ އަށް ވަޑައިގެން އުޅުއްވާ އިރު މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން މަސްވެރިން ރުޅި ގަދަވެގެން ދާންދޫ އަށް ބުރާސްފަތި ދުވަހު ފިޝަރީޒް މިނިސްޓްރީން ދިޔަ ވަފުދެއް އެރަށަށް އެރިޔަ ނުދިން ހާދިސާ އާ ގުޅޭ ގޮތުން ރައީސް ޔާމީން ވަނީ ވާހަކަފުޅުގައި ބައްލަވާލައްވާފައެވެ.

ޔާމީން ވަނީ ސަރުކާރުން ޚަރަދު ކުރުމުގައި އިސްކަން މިދެނީ ކިހިނެއްތޯ ސުވާލު ކުރައްވާފައެވެ.

"ރާއްޖޭގެ ރައްޔިތުން ވަރަށް ނިކަމެތިކޮށް މިތިބީ، ރާއްޖޭގެ ރައްޔިތުންގެ ޝިކާޔަތާ، ރާއްޖެއަށް ހުރި ދަތިތަކުގެ ވާހަކަ އދ ގައި ދައްކަވާއިރު ވެރިންނަކަށް ނުފެނޭ މަސްވެރިކަމުގެ ހާލަތު އޮތް ގޮތެއް،" ޔާމީން ވިދާޅުވިއެވެ.

މަސްވެރިންގެ ކަމަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިނާއަތު ކަމަށް ވާއިރު މި ސަރުކާރުގެ މުހިންމު އެޖެންޑާގެ ނަމްބަރު އެކެއް، ދޭއް، ތިނެއްގައި ލައްވާ ނުލައިގެން މިއުޅޭނީ ކީއްވެތޯވެސް ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ. އިސްކަންދޭ ކަމެއްގެ ގޮތުގައި ނުހިމެނީ ކީއްވެތޯވެސް ރައީސް ޔާމީން ވަނީ ސުވާލު ކުރައްވާފައެވެ.

ހުކުރުވިލޭރޭގެ ޖަލްސާގައި ރައީސް މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ކޮށްފައިވާ ބޮޑެތި ޚަރަދުތައް ވެސް ވަނީ ފާހަގަ ކޮށްފައެވެ.

މިގޮތުން އެ ދަތުރުފުޅުގެ ގިނަ ބައިވެރިން ދަތުރުފުޅު ކުރައްވާފައިވަނީ ބިޒްނަސް ކުލާހުން ކަމަށާއި، ދަތުރު ރާވާފައިވަނީ އެންމެ އަގުހެޔޮ އަދި އެންމެ ކުރު މަގުން ނޫންކަން ފާހަގަ ކޮށްފައިވެއެވެ. ޖަލްސާގައި ހާމަކުރި މައުލޫމާތުން އެނގޭ ގޮތުގައި ބިޒްނަސް ކުލާހުން ދަތުރުކުރި ފަރާތްތަކުގެ ޓިކެޓަށް އެކަނި އެއް މިލިއަން ރުފިޔާ ވަނީ ޚަރަދުވެފައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ދަތުރުގެ ޚަރަދުގެ ތެރޭގައި ޕޮކެޓް މަނީ އާއި ޓިޕްސް ދިނުމަށް ވެސް އެތައް ހާސް ރުފިޔާއެއް ދަތުރުގެ ބައިވެރިންނަށް ރައްޔިތުންގެ ފައިސާ އިން ހޭދަ ކޮށްފައިވާކަން ޖަލްސާގައި ވަނީ ފާހަގަ ކޮށްފައެވެ.

މި ގޮތުން ޓިޕްސް ދިނުމަށް އެކަނި 72 ހާސް ރުފިޔާ ދީފައިވާކަން ވަނީ ހާމަވެފައެވެ.

Advertisement

Advertisement
- ކޮމެންޓް