ދުސްތޫރީ ހަމަތަކުގެ މަތިން ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތްތައް ރޫޅާލުމަކީ ޤާނޫނުގެ ޙުކުމަށް ޙުރުމަތްތެރިކޮށް ހިތާ، ތަހްޒީބު މުޖްތަމަޢުތަކުގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިފަދައިން ވިދާޅުވީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ކުރީގެ އެއްބަސްވުމުގައި ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށް ވިދާޅުވެ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެކްސްގައި ކުރެއްވި ޕޯސްޓަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
މިނިސްޓަރ މުއްތޮލިބު ހޯމަ ދުވަހު ވިދާޅުވެފައި ވަނީ ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ކުރީގެ އެއްބަސްވުމުގައި ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރުމުން ކަމަށެވެ.
އަދި އެގޮތުން ބިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގައި ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ މުއްތޮލިބުގެ މި ވާހަތަކަށް ރައްދުދެއްވައި ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސަރުކާރުގެ އިދާރާޔަކުން މިހާ ފާޅުކަން ބޮޑުގޮތަކަށް ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަންކަން ނިންމާއިރު، މިއީ ދައުލަތުގެ ބަންޑާރަނައިބުގެ ޤާނޫނީ ލަފާގެ މަތިން ހިނގާ ކަންކަންތޯ ސުވާލު އުފެދޭ ކަމަށެވެ.
އޭނާ ވިދާޅުވީ ދުސްތޫރީ ހަމަތަކުގެ މަތިން ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރުން ކޮށް ނިންމާފައިވާ ޤާނޫނީ މުޢާމަލާތްތައް ރޫޅާލުމަކީ ޤާނޫނުގެ ޙުކުމަށް ޙުރުމަތްތެރިކޮށް ހިތާ، ތަހްޒީބު މުޖްތަމަޢުތަކުގައި ކަންހިނގައިގެން ވާނެ ގޮތެއް ނޫން ކަމަށާއި ކުރީގެ ސަރުކާރުން ޢާންމުކުރި އުޞޫލެއްގެ ދަށުން ގޯތި ލިބިގަތުމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކާ އެކު، އެއްބަސްވުންތައް އެކުލަވާލެވި، އެފަރާތްތަކާ ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރެވުނު ހިސާބުން އެއީ އެފަރާތްތަކުގެ މިލްކެއްކަމުގައި މެނުވީ ޤާނޫނީގޮތުން ނުބެލެވޭނެ ކަމުގައެވެ.
އަދި ކަންމިހެން އޮތްއިރު، ފުރިހަމަވެފައިވާ މުޢާމަލާތެއް ތަންފީޒުކޮށް ގޯތީގެ މިލްކުވެރިންނަށް ގޯތި ޙަވާލުކުރުމުގެ ބަދަލުގައި ، މިހާރުގެ ސަރުކާރުން ކުރީގެ ގޯތި ދޫކުރެވުނު އުޞޫލާ ފުށޫއަރާ އެހެން އުޞޫލެއް ޢާންމުކުރުމަކީ ޤާނޫނީ ނިޒާމުތައް ދަންނަ ކަމެއް ނޫން ކަމުގައި ވެސް ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ ސަރުކާރާއި ގޯތި ލިބުނުފަރާތްތަކާ އެކު ވެފައިވާ އެއްބަސްވުންތައް ، ޤާނޫނާ ފުށޫއަރާ ކަމަށް ބުނެ ބަދަލުކުރުމަކީ ކޮންޓްރެކްޓާ ބެހޭ ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް، ސަރުކާރުގެ ފަރާތުން އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ ޚުޞޫމަތެއް އޮވެއްޖެއްޔާ އެކަމުގައި ގޮތެއް ނިންމާނީ ކަމާބެހޭ ކޯޓުން ކަމަށެވެ.
ސަރުކާރުގެ އިދާރާޔަކުން މިހާ ފާޅުކަން ބޮޑުގޮތަކަށް ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަންކަން ނިންމާއިރު، މިއީ ދައުލަތުގެ ބަންޑާރަނައިބުގެ ޤާނޫނީ ލަފާގެ މަތިން ހިނގާ ކަންކަންތޯ ސުވާލު އުފެދޭ!
— Dr. Ahmed Abdulla Didi (@AABDULLADIDI) July 7, 2025
ދުސްތޫރީ ހަމަތަކުގެ މަތިން ސަރުކާރެއް ބަދަލުވާ ކޮންމެ ފަހަރަކު ކުރީގެ ސަރުކާރުން ކޮށް… https://t.co/uu9lSktQf5
މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ގޯތިތައް ގުޅިފަޅުން ދޭގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ، ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅަން ވަނީ ގުރުއަތު ނަގައިފަ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ އާ ބަދަލާ އެއްގޮތަށް، ގޯތި ލިބިފައިވާ މީހުންނަށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެކަމަށް އެދުމުން، އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ.