ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 12:52
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
ހަތް ވަނަ މެޗުން ވެސް މޮޅުވެ، ބާސެލޯނާ އެއް ވަނައިގައި
ލީގުގައި މިހާތަނަށް ބާސެލޯނާ އިން ހަތް މެޗު ކުޅެފައިވާއިރު، ހަތް މެޗުން ވެސް މޮޅުވެ އެ ޓީމު އެއް ވަަނައިގައި އޮތީ 21 ޕޮއިންޓާއެކު އެވެ.

ސްޕެނިޝް ލީގުގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބާސެލޯނާ އިން އެ ޓީމުގެ މޮޅުވުމުގެ ސިލްސިލާގައި ކުރިއަށް ޖެހިލައިފި އެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 1-0ންނެވެ. އެ މެޗާ ކުރިމަތިލީއިރު ބާސެލޯނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވީ ގޯލު ކީޕަރުގެ މައްސަލަ އެވެ. ލީގުގައި ބާސެލޯނާ އިން ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާގެ ސަބަބުން، އެ ޓީމުގެ އެއް ނަންބަރު ގޯލު ކީޕަރު މާކް އަންދްރޭ ޓާ ސްޓެގެން ވަނީ ކުޅުމާ ދުރަށް ދާން ޖެހިފަ އެވެ. ގެޓާފޭ މެޗުގައި ބާސެލޯނާގެ ގޯލު ބެލެހެއްޓީ އިނާކީ ޕެނާ އެވެ.

މެޗުގައި ބާސެލޯނާ އިން އެ ޓީމުގެ ލަނޑު ޖެހީ ފުރަތަމަ ހާފުގަ އެވެ. މެޗު ފަށައިގެން 19 ވަނަ މިނެޓުގައި އެ ލަނޑު ޖަހައިދިނީ ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އެވެ. އޭގެ ފަހުން ވެސް މެޗުގައި ލަނޑު ޖެހުމަށް ބާސެލޯނާ އިން ވަނީ މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ލިބުނު ފުރުސަތުތައް އެ ޓީމަށް ނިންމާ ނުލެެވުނެވެ.

ލީގުގައި މިހާތަނަށް ބާސެލޯނާ އިން ހަތް މެޗު ކުޅެފައިވާއިރު، ހަތް މެޗުން ވެސް މޮޅުވެ އެ ޓީމު އެއް ވަަނައިގައި އޮތީ 21 ޕޮއިންޓާއެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 17 ޕޮއިންޓެވެ. ބާސެލޯނާގެ ކޯޗުކަމާ ޖަރުމަނުގެ ހަންސީ ފްލިކް ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް