ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 12:50
ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް
ކެލާ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝަރީފް
ރާއްޖެއެމްވީ
ލާމަރުކަޒީ ނިޒާމު
މިއަދު ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމުގެ ބާރު ދުވަހެއް ދުވަހަކަށް ހަނި ވަމުންދާ މަންޒަރު: ޝަރީފް
ލާމަރުކަޒު ކުރުމަކީ އެމްޑީޕީ ނޫން ޕާޓީތަކުން ނުހަނު ބިރުގަންނަ ކަމެއް ކަމަށް ވިދާޅުވި
އެމްޑީޕީއަކީ އަބަދުވެސް ލާމަރުކަޒު ކުރުމަށް ވަކާލާތު ކުރާ ޕާޓީއެއް

މިއަދު ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ދުވަހެއް ދުވަހަކަށް ހަނި ވަމުންދާ މަންޒަރު ކަމަށް ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ލާމަރުކަޒު ކުރުމަކީ އެމްޑީޕީ ނޫން ޕާޓީތަކުން ނުހަނު ބިރުގަންނަ ކަމެއް ކަމަށާއި، އެމްޑީޕީއަކީ އަބަދުވެސް ލާމަރުކަޒު ކުރުމަށް ވަކާލާތު ކުރާ ޕާޓީއެއް ކަމަށެވެ.

Advertisement

އެހެންނަމަވެސް މިއަދުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު އެކަހެރި ކުރަމުންދާ މަންޒަރު ފެންނަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

މިއީ އެމްޑީޕީ ނޫން ޕާޓީތަކުން ވަރަށް ބިރު ގަންނަ ކަމެއް، އެމްޑީޕީއަކީ އަބަދުވެސް އެކަމަށް ވަކާލާތުކުރާ ޕާޓީއެއް.
ކެލާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝަރީފް

ޝަރީފް ވިދާޅުވީ، ރަށްރަށުގައިވެސް ކައުންސިލުތަކުން ކުރަމުން އަންނަ މަސައްކަތްތަކަށް ސަރުކާރުން ބާރު ފޯރުވަމުންދާ ކަމަށާއި، މިއީ ލާމަރުކަޒީ ނިޒާމަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މިއަދު ފެންނަމުންދަނީ ލާމަރުކަޒީ ނިޒާމު ދުވަހެއް ދުވަހަކަށް ހަނި ވަމުންދާ މަންޒަރުކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އެހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުން ހުށަހެޅި ބިނާވެށި ޕްލޭން ކުރުމުގެ ބިލާއި ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައުމުގެ ބިލާ މެދު އެތައް ކައުންސިލަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން މި ދެބިލަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ފޯރުކޮށްދޭ ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް، ނުހަނު ބޮޑު ބަދަލުތައް އަންނާނެ ބިލްތަކެއް ކަމަށް ގިނަ ކައުންސިލުތަކުން ވަނީ ބުނެފައެވެ.

އާބަން ޑިވެލޮޕްމެންޓް ބިލްގައިވާ ގޮތުން އާބަން ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާނީ ލޯކަލް ކައުންސިލެއްގެ އިހުތިސާސް ތެރޭގައި ހިމެނޭ ސަރަހައްދެއް ކަމަށް ވިޔަސް އެ ސަރަހައްދެއް ޕްލޭން ކުރުމާއި ތަރައްގީ ކުރުމުގެ ހުރިހާ ކަމެއް ކުރުމުގެ ބާރު އޮންނާނީ އެ ސަރަހައްދަކަށް ކަނޑައަޅާފައިވާ އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ.

އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީއެއް އެކުލަވައި ލުމުން ޕްލޭނިން މިނިސްޓްރީގެ ދަށުން ހިންގާ އާބަން ޕްލޭނިން އާއި އާބަން ޑިވެލޮޕްމަންޓް ޑިޕާޓްމެންޓްގެ ގާނޫނީ ހުރިހާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދި މުދަލާއި ވަސީލަތްތަކުގެ އިތުރުން މުވައްޒަފުން ވެސް އެ އޮތޯރިޓީ އަށް ބަދަލުވާނެ އެވެ.

އެކި ފަރާތްތަކުގެ ކަންބޮޑުވުންތައް ފާޅު ކުރަމުން ދިޔަ ނަމަވެސް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލު ވަނީ ފާސްކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް