އިސްލާމް ދީނާ ގުޅުންހުރި ދާއިރާތަކުން ދޭ އެހީތެރިކަން ފުޅާކުރުމަށް އިސްކަން ދެއްވާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ އިސްލާމިކް މިނިސްޓްރީ އާއި ގައުމީ ޔުނިވަރސިޓީ އާއި ދެމެދު އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ދާއިރާ އިން ތައުލީމް ފޯރުކޮށްދިނުމަށާއި ސްކޮލަޝިޕްގެ ފުރުސަތުތައް ފުޅާކުރަން ވިސްނުން ގެންގުޅުއްވާނެ ކަމަށް ވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ. މިނިސްޓަރ ޝަހީމް ވިދާޅުވީ އިސްލާމް ދީނާއި ތަމްރީނާއި ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީ އޮންނާނީ އަބަދުވެސް ތައްޔާރަށް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ގައުމީ ޔުނިވަރސިޓީން ދިވެހިން ތައުލީމީ އުސްމިނަށް ގެންދިއުމަށް ކުރާ މަސައްކަތުގެ އަގު ވަޒަން ކުރައްވާ ކަމަށެވެ. ޝަހީމް އިތުރަށް ވިދާޅުވީ ޤައުމީ ޔުނިވަރސިޓީން ދީނީ އެކި ރޮނގުތަކުން ތަޢުލީމް ޙާސިލްކޮށްފައިވާ ގިނަ ދަރިވަރުންތަކެއް ތިބި ކަމަށެވެ. ފަހުމުނާމާއާއެކީގައި ދީނީ ތަޢުލީމު ދެވޭ ފެންވަރު އިތުރުވާނެކަމަށް ޔަޤީންކުރަނީ." ވަޒީރު ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް ވަނީ މިފަދަ އެއްބަސްވުމެއްގެ މުހިންމު ކަމަށް އަލިއަޅުވާލައްވާފައެވެ. އަދި މި އެއްބަސްވުމާއެކު އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅިގެން ތަޢުލީމު ފެތުރުމާއި ދިރާސާތައް ކުރުމުގެ އިތުރުން ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގުރާތައް އިތުރުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި އެއްބަސްވުމުގެ ޒަރީއާއިން ޢިލްމީ ދިރާސާތައް ހެދުމާއި އިސްލާމް ދިނާ ގުޅުންހުރި ދާއިރާތަކުން މަތީ ތަޢުލީމަށް ކިޔެވޭނެ ގޮތް ހަމަޖެއްސުމަކީ އުންމީދު ކުރައްވާ ކަމެއް ކަމަށް ވެސް އެކަމަނާ ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ދިވެހި ޒުވާނުންގެ ކިބައިގައި ދީނީ އަދި ޤައުމީ ލޯބި އާލާކުރުމަށް ވެސް މި އެއްބަސްވުމާއި އެކު މަގުފަހިވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ބުދަ ދުވަހު ސޮއި ކޮށްފައިވާ އެ އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. އަދޮ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ވައިސް ޗާންސެލަރ ޑރ. ޢައިޝަތު ޝެހެނާޒް އާދަމެވެ.