މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ދަރިވަރުން އިސްނަގައިގެން، ލޭ ހަދިޔާ ކުރުމާމެދު އާންމުން ހޭލުންތެރިކޮށް، އަމިއްލަ އިސްނެގުމަށް ލޭ ހަދިޔާ ކުރާ މީހުން އިތުރު ކުރުމަށް ކެމްޕެއިން އެއް ފަށައިފިއެވެ.
"އަތުކުރި އޮޅާލަމާ" ނަމުގައި ކުރިއަށްދާ ކެމްޕެއިނަކީ ވޮލެންޓިއަރކޮށް ލޭ ހަދިޔާ ކުރާ މީހުން މަދުވުމު ގެ ސަބަބުން، ދިމާވާ ދަތިތައް ހައްލުކޮށް، ދިވެހިން ގެ މެދުގައި ލޭ ހަދިޔާ ކުރުމު ގެ ސަގާފަތް އަށަގެންނެވުމަށް ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
ކަމާ ބެހޭ އިދާރާތަކާ ގުޅިގެން، މި ކެމްޕެއިން މިހާރު ވަނީ ސޯޝަލް މީޑިއާގައި ފަށާފައެވެ. ފާއިތުވި ދުވަސްތަކުގައި އަންހެނުންނާއި ފިރެހެނުން ހިމެނޭ ގޮތުން އެކި އުމުރުފުރާ ގެ މީހުން އަތުކުރި އޮޅާލާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ.
ދިވެހިރާއްޖޭގައި އާންމުކޮށް ލޭ ބޭނުންވަނީ ދިމާވާ ކުއްލި ހާދިސާތަކުގައި ޒަހަމްވެގެން ފަރުވާ ހޯދާ މީހުންނަށާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އިތުރުން ވިހެއުމު ގެ ތެރޭގައި ދިމާވާ ކަންކަމާ ގުޅިގެންނާއި ތެލެސީމިއާ އަދި އެހެން ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ. ރާއްޖެއަކީ އެކިއެކި ސަބަބުތަކާ ހުރެ ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ލޭ ބޭނުންވާ ގައުމެކެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުން އިސްނަގައިގެން ފެށި މި ކެމްޕެއިން ގެ ސަބަބުން، ދިވެހިންގެ ތެރޭގައި ލޭ ހަދިޔާ ކުރުމު ގެ ސަގާފަތް އާންމުވެ، ލެއަށް ބޭނުންވާ އެތައް ބަޔަކު ނުރައްކަލުން ސަލާމަތްވުމަށް މަގުފަހިވެގެންދާނެއެވެ.
'އަތުކުރި އޮޅާލަމާ' ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރި ވަނީ ދިވެހިރާއްޖޭ ގެ ޤައުމީ ޔުނިވަރސިޓީގައި ބެޗްލާސްއޮފް އާރޓްސް އިން މީޑިއާ އެންޑް ޕީއާރު ކިޔަވާ ދަރިވަރުންނެވެ.
އެ ކެމްޕެއިން ގެ ލީޑަރު ޝަފްރާޒު އަހުމަދު "ރާއްޖެއެމްވީ"އަށް ވިދާޅުވީ "އަތުކުރި އޮޅާލަމާ" އެ ނަން ދީފައިވަނީ ވަރަށް ޚާއްސަ މަޤްސަދެއްގައި ކަމަށާއި އޭގެ މާނައަކީ ލޭ ހަދިޔާކުރުމަށް އެންމެންނަށް ވެސް މަސައްކަތް ކުރެވިދާނެ ކަމަށެވެ.