ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 20:04
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރެއްވި ހަރިނީ އަމަރަސޫރިޔާ މަގާމުގެ ލިޔުމުގައި ސޮއި ކުރައްވަނީ
ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރެއްވި ހަރިނީ އަމަރަސޫރިޔާ މަގާމުގެ ލިޔުމުގައި ސޮއި ކުރައްވަނީ
އަދަދެރަނަ.އެލްކޭ
ސްރީ ލަންކާ
ސްރީ ލަންކާގެ އައު ރައީސް ގެ ވަޒީރުންގެ މަޖިލީހުގައި 3 މެމްބަރުން
ރިޔާސީ އިންތިޚާބާ ހަމައަށް ސިޔާސީ ގޮތުން މާ ބޮޑު ނުފޫޒެއް ނެތް ޑިސެނަޔަކަގެ ޕީޕަލްސް ޕަވަރ އެލަޔަން ތަމްސީލް ކުރުމަށް 225 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްރީ ލަންކާގެ ޕާލިމެންޓުގައި ތިއްބެވީ އެންމެ 3 މެމްބަރުންނެވެ.

ސްރީލަންކާގެ އައު ރައީސް އަނޫރާ ކުމާރާ ޑިސެނަޔަކަގެ 3 މެމްބަރުންގެ މައްޗަށް އެކުލެވޭ ކެބިނެޓް އަންގާރަ ދުވަހު މަގާމުގެ ހުވާ ކުރައްވައިފިއެވެ.

އައު ބޮޑުވަޒީރުގެ ގޮތުގައި ހުވާކުރުމަށްފަހު ޑރ. ހަރިނީ އަމަރަސޫރިޔާ ވަނީ ޖަސްޓިސް، އެޑިއުކޭޝަން، ލޭބަރ، އިންޑަސްޓްރީޒް، ސައިންސާ އެންޑް ޓެކްނޮލޮޖީ، ހެލްތް އަދި ފުޑް ސެކިއުރިޓީ ވަޒީރުގެ ގޮތުގައި ހުވާކުރައްވާފައެވެ.

ރައީސް ޑިސަނަޔަކަ، ރައީސް ކަމުގެ އިތުރުން ޑިފެންސް، ފައިނޭންސް، އިކޮނޮމިކް ޑިވެލޮޕްމަންޓް، އެނާޖީ، ޕްލޭނިންގ އެންޑް ޓޫރިޒަމް، އަދި އެގްރިކަލްޗަރ މިނިސްޓަރ ކަމުގެ މަގާމު އަދާ ކުރައްވާނެއެވެ.

ދެން ހުރި މިނިސްޓްރީތަކުގެ މިނިސްޓަރ ކަމަށް އައްޔަން ކުރައްވާފައިވަނީ ޕާލިމެންޓްގައި ޕީޕަލްސް ޕަވަރ އެލަޔަންސް އަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރު ވިޖިތަ ހެރަތް އެވެ.                 

ރިޔާސީ އިންތިޚާބާ ހަމައަށް ސިޔާސީ ގޮތުން މާ ބޮޑު ނުފޫޒެއް ނެތް ޑިސެނަޔަކަގެ ޕީޕަލްސް ޕަވަރ އެލަޔަން ތަމްސީލް ކުރުމަށް 225 މެމްބަރުންގެ މައްޗަށް އެކުލެވޭ ސްރީ ލަންކާގެ ޕާލިމެންޓުގައި ތިއްބެވީ އެންމެ 3 މެމްބަރުންނެވެ.

"ސްރީލަންކާގެ ތާރީޚުގައި އެންމެ ކުޑަ ކެބިނެޓް އޮންނާނީ އަޅުގަނޑުމެންގެ ސަރުކާރުގައި،" ޕާޓީގެ މެންބަރު ނަމާލް ކަރުނަރަތްނެ އަންގާރަ ދުވަހު ނޫސްވެރިންގެ ސުވާލަކަށް ޖަވާބު ދެމުން ބުނެފައިވެއެވެ.

ނަމާލް ހާމަކުރި ގޮތުގައި ކުރިއަށް އޮތް 24 ގަޑީއިރުގެ ތެރޭގައި ލަންކާގެ ޕާލިމެންޓް ރައީސް އުވާލައްވާ އައު އިންތިޚާބަކަށް ގޮވާލައްވާނެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރިޔާސީ އިންތިޚާބުގައި ޑިސެނަޔަކަ ކުރި ހޯއްދެވީ 38 ކެންޑިޑޭޓުންނާ ވާދަ ކުރައްވާ، އެންމެ ގާތުން ވާދަކުރެއްވި ސަޖިތު ޕްރެމަދާސާ އަށް ވުރެ 1.3 މިލިއަނަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.

ޑިސެނަޔަކަ ހުވާކުރެއްވުމަށް ފަހު ގައުމާ މުޚާތަބް ކުރައްވާ ފުރަތަމަ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޤައުމުގެ އިޤްތިޞާދީ ދަތިތަކަށް އަވަސް ހައްލެއް ލިބޭނެކަމުގެ އުންމީދުތައް މާ މަތީގައި ނުބެހެއްޓުމަށެވެ.

"އަޅުގަނޑަކީ ޖާދޫގަރެއް ނޫން، އަޅުގަނޑަކީ އަޖައިބު ދައްކާ މީހެއްވެސް ނޫން، އަޅުގަނޑަށް އެނގޭ ކަންތައްތަކާއި ނޭނގޭ ކަންތައްތައް ހުންނާނެ، ނަމަވެސް އަޅުގަނޑު ހުރިހާ ވަގުތެއްގައިވެސް ހެޔޮ ގޮތް ހޯދުމަށް މަސައްކަތްކުރާނަން، އަދި ޤައުމު އަލުން ބިނާކުރުމަށް އެންމެން ގުޅިގެން ކުރާ މަސައްކަތުގައި އިސްނަގައިގެން މަސައްކަތްކުރާނަން،" ޑިސެނަޔަކަ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް