ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުން އަމިއްލައަށް ޕްރޮމޯޓްވާން އުޅެ ސަރުކާރުގެ ތަރުތީބު އޮތީ ގެއްލިފައި ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ މި ސަރުކާރުގައި ތަރުތީބެއް ނެތް ކަމަށެވެ. ސަރުކާރުގެ ތަރުތީބު ގެއްލިއްޖެ ކަމަށެވެ. ތަރުތީބު ގެއްލިގެން އުޅެނީ ކުރާ ކަންތައްތަކުގައި އެކަނި ނޫން ކަމަށާއި، މުޅި ނިޒާމުގެ ތަރުތީބު ގެއްލިފައިވާ ކަމަށެވެ. އެގޮތުން ވަކި ބަޔަކު ކުރަންޖެހޭ ކަމެއް އެހެންބަޔަކު ކުރުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި، މި ސަރުކާރުގެ އެކިއެކި ވަޒީރުން އެކިއެކި ވިސްނުމުގައި މަސައްކަތްކުރާތަން ފެންނަމުންދާ ކަމަށެވެ.
ތަފާތު ވިސްނުމުގައި ވަޒީރުން މަސައްކަތްކުރަނީ. ކޮންމެ ވަޒީރަކުންވެސް އުޅެނީ އެ ވަޒީރަކު ޕްރޮމޯޓްވޭތޯ. އެ ވަޒީރަކަށް ވަޒީރުކަމުގައު ނުހެރެވިދާނެކަމަށް ބަލަނީ އެހެންވީމަ ޕްރޮމޯޓްވާން ބޭނުންވަނީ. އެގޮތަށް މަސައްކަތް ކުރާތީ ތަރުތީބު ގެއްލިގެން މިއުޅެނީ. މިވަގުތު ކުރަންޖެހޭ މަސައްކަތް ދޫކޮށްލާފައި މި އޮންނަނީ. ކުރަންނުޖެހޭ މަސައްކަތްތަކާއި މާބޮޑަށް ކުޅެވެނީ. ކުދިކުދި ކަންތައްތަކާއި އުޅެވެނީ ބޮޑެތި ކަންތައްތައް ދޫކޮށްލާފައި.އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު
އަމްރު ވިދާޅުވީ ސަރުކާރުން ކުރަން ބޭނުންވާ ކަންކަމުގެ ނަތީޖާ ހާސިލްކުރަންވެސް ކުރާ ކަންކަމަކީ އޭގެ ނަތީޖާ ނުނުކުންނަ ކަންތައްތައް ކަމަށެވެ. އެގޮތުން ހުރިހާ ދިމާލެއްގައިވެސް ކަންކަން ހުރީ އެގޮތަށް ކަމަށެވެ.
އަމްރު ވިދާޅުވީ އިންޑިއާއަށް ވަގުތުން ދައްކަން ނުޖެހޭ 50 މިލިއަން ޑޮލަރެއް ސަރުކާރުން އަވަސް އަރުވާލައިގެން ދެއްކުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
ކުރަންޖެހޭ ކަންކަން ކުރަން ނޭނގުމަކީ އެއީ މި ސަރުކާރުގެ މިނިސްޓްރީތަކުގައި ދިމާވާ މައްސަލައެވެ. އެހެންވެ އެކަން ދިމާވީ. މިނިސްޓްރީތަކުގައި އެބަތިިބި ސިވިލްސަރވިސްގެ ކޮލިފައިޑް ރަނގަޅު މީހުން. ކުންފުނިތަކުގައި ވެސް އެބަތިވި ރަނގަޅު ކޮލިފައިޑް މީހުން. އެމީހުން ބުނާ ބަސް އަޑުއަހަންވާނެ. އަމިއްލައަށް މާމޮޅުކަމެއް ކުރަން ހަދައިގެން ކޮންމެ ފަހަރަކުވެސް ގޯސްވަނީ. އެހެންވީމާ އިންސްޓިޓިއުޝަންތަކުގައި ތިބި ވަރުގަދަ މީހުންގެ އަޑު އަހާފައިކުރަންވާނީ. ކުއްލިއަކަށް އަންނަ ބަޔަކު އައިސްކުރަން ހެދީމަ އެކަމެއް ނުވާނެ.އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު
އަމްރު ވިދާޅުވީ ގައުމުގެ ހަމައެއްލަމައެއް ނެތް ކަމަށެވެ. އަދި މި ކަންކަން ހައްލުކުރަން ޖެހޭ ކަމަށާއި، ސަރުކާރުން މި ކަންކަން ހައްލުނުކުރެވި މުޒާހަރާ ކުރަން އާންމުން ނުކުތުމަކީ އެއީ ގޮތެއް ނޫން ކަމަށެވެ. ސަރުކާރުން ވާހަކަ މަދުކޮށް އަމަލު ގިނަކުރަން ޖެހޭ ކަމަށާއި، މިހާރު ކަންކަން ރަނގަޅުކުރިވަރަކަށް ކުރިއަށް އޮތްތަނުގައިވެސް ކަންކަން ރަނގަޅުވެގެންދާނެ ކަމަށެވެ.