Advertisement
ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 18:21
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޑޫ ސިޓިގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން - 6-11-2025
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޑޫ ސިޓިގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން - 6-11-2025
ރައީސް އޮފީސް
އައްްޑޫ ސިޓީ
އައްޑޫ ސިޓީ އަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުވާނެ ދުވަހެއް ނޭނގޭ!
ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ 19 މަޝްރޫޢެއްގައި ސޮއިކޮށްފައިވޭ

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ނުލިބި ގިނަ ދުވަސްވެ ރައްޔިތުންގެ ނުހަނު ކަންބޮޑުވެފައި ވަނިކޮށް ދާއިމީ ހައްލެއް ހޯދައިދެވޭނެ ވަކި ތާރީޙެއް ވިދާޅުނުވެ، ވަށާޖެހޭ ދާއިމީ ޙައްލެއް މިކަމަށް ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާ ބުދަ ދުވަހުގެ ރޭ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. އައްޑޫ ހައި ސްކޫލުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި މުއިއްޒު ވަނީ، އައްޑޫ ސިޓީ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމުގައި ފާހަގަކުރައްވަމުން، 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމުކުރުމަކީ އެމަނިކުފާނުގެ ސަރުކާރުން ކުރައްވާނެ ކަމެއްކަމުގެ ޔަޤީންކަން، އައްޑޫ ސިޓީގެ ރައްޔިތުންނަށް ދެއްވާފަ އެވެ. ނަމަވެސް މިމަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

އެންމެ ފަހުންވެސް އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް، ތިނަދޫ ސިޓީގައި ހުރި ދެ ޖެންސެޓް ވަނީ އައްޑޫއަށް ގެންގޮސްފަ އެވެ. މިކަމާއި ގުޅިގެން ތިނަދޫ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މުއިއްޒު ވަނީ، އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ވަކިވަކީން ފާހަގަކުރައްވާފަ އެވެ.

އިންފްރާސްޓްރަކްޗަރ ނުވަތަ މަގުހެދުން

ދެން އެންމެ ބޮޑުވެފައި އޮތީ އިންފްރާސްޓްރަކްޗަރ ނުވަތަ މަގު ހެދުމުގެ މައްސަލަކަމުގައި ވިދާޅުވެ، ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، މި މައްސަލައަށް ޙައްލެއް ނުލިބި އޮތުމުގެ ސަބަބުން އިޤްތިޞާދަށް ވެސް ހުރަސްތަކެއް ކުރިމަތިވާކަމުގަ އެވެ. މަގުތައް ހެދުމަކީ އާންމު ރައްޔިތުންނަށްވެސް ކޮންމެހެން ބޭނުން ކުރިއެރުމެއް ކަމަށާ، ވަޢުދުވެވަޑައިގެންނެވި ގޮތަށް، ސިޓީގެ ހުރިހާ މަގުތަކެއްވެސް ހައްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން، މުއިއްޒު ވަނީ ދެއްވާފަ އެވެ. މަގު ހެދުމުގެ މަޝްރޫޢު ނިންމަވާނީ، މަރުހަލާތަކަށް ބައިނުކުރައްވައި ކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ.

ވަޒީފާ

މާލެއަށް ދިރިއުޅުން ބަދަލުކުރައްވާ އެއް ސަބަބަކީ ވަޒީފާކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި އައްޑޫ ސިޓީއިން ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ހަމަޖެހިގެންދާނެ ކަމުގެ ޚަބަރު ހިއްސާކުރައްވާފަ އެވެ. ވަކީން ޚާއްޞަކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއަށް ގެންދަވާން ހަމަޖެހުނު މަޝްރޫޢުތަކާއެކު، ދާދި އަވަހަށް ވަޒީފާތައް އުފެދި، އައްޑޫ ސިޓީގެ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ފަތުރުވެރިކަން

މުއިއްޒު ވަނީ، އަހަރުތަކެއް ވަންދެން ކުރިއެރުމެއް ނުލިބި ހުއްޓިފައި އޮތް ޝަންގްރިއްލާ ރިސޯޓް، މިއަހަރުގެ ފަހުކޮޅު ހުޅުވޭނެ ކަމުގެ ޔަޤީންކަން ލިބިވަޑައިގެންފައިވާކަން ހާމަކުރައްވާފަ އެވެ. ހަމަ މިފަދައިން ހަންކެޑެ މަޝްރޫޢުގައި ހުރި ހުރަސްތައްވެސް ނައްތާލެވި، 1000 އެނދުގެ އިންޓަގްރޭޓަޑް ޓުއަރިޒަމް މަޝްރޫޢެއް މާލަހެއް ނުވެ ފެށޭނެ ކަމުގައި މުއިއްޒު ވިދާޅުވި އެވެ. އަދި، އެމަނިކުފާނުގެ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދަވާ އައްސޭރި ޓުއަރިޒަމް މަޝްރޫޢުގެ ތެރެއިންވެސް ވަޒީފާގެ ފުރުޞަތުތައް އިތުރު ވެގެން ދާނެކަން މުއިއްޒު ފާހަގަކުރެއްވި އެވެ.

އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ 19 މަޝްރޫޢެއްގައި މިރަސްމިއްޔާތުގައި ސޮއިކޮށްފައިވާއިރު، އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތްތައް، މުއިއްޒުގެ މި ދަތުރުފުޅުގައި ހިމެނިގެން ވަނީ ފައްޓަވާފަ އެވެ. އެގޮތުން ސޮއިކުރި ކޮންމެ މަޝްރޫޢަކާއި، ޢަމަލީ ގޮތުން މަސައްކަތް ފެށުނު ކޮންމެ މަޝްރޫޢެއް ވެސް ފުރިހަމަކަމާއެކު ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން، މުއިއްޒު ވަނީ ތަކުރާރުކޮށް ދެއްވާފަ އެވެ.

- ކޮމެންޓް