Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 11:23
މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީ
މި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީ
ރާއްޖެއެމްވީ
ފާތިރުގެ މަރުގެ މައްސަލަ
ފާތިރުގެ މަރުގެ މައްސަލައިގައި އިރުފާން ރުޝްދީގެ މައްޗަށް ކުރާ ދައުވާގެ ހެކިބަސް ނަގަން ފަށައިފި
ހެކިވެރިއެއްގެ ގޮތުގައި ހާޒިރުވެ ހެކިބަސް ދީފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލެބޯޓަރީގައި މަސައްކަތް ކުރަަމުންދާ އޮފިސަރެއް
ހެކިވެރިޔާ ހާޒިރުކުރީ މި މައްސަލައިގައި ދައުލަތުން ހުށަަހަޅާފައިވާ ވީޑިއޯ އެންޑް އިމޭޖް އެނާލިސިސް ރިޕޯޓަކާއި ގުޅިގެން ހެކިބަސް ނެގުމަށް

ތޫނު އެއްޗަކުން ހަމަލާދީ އުމުރުން 14 އަހަރުގެ ފާތިރު މުހައްމަދު (މ ސަރުމާގެ) މަރާލި މައްސަލައިގައި ދައުވާ އުފުލާފައިވާ އިރުފާން ރުޝްދީގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ.

އަންގާރަ ދުވަހުގެ އަޑުއެހުމުގައި އޮތީ މި މައްސަލައިގެ ހެކިބަސް ނެގުމެވެ. މި އަޑުއެހުމުގައި ހެކިވެރިއެއްގެ ގޮތުގައި ހާޒިރުވެ ހެކިބަސް ދީފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ލެބޯޓަރީގައި މަސައްކަތް ކުރަަމުންދާ އޮފިސަރެކެވެ.

އޭނާ ހާޒިރުކުރީ މި މައްސަލައިގައި ދައުލަތުން ހުށަަހަޅާފައިވާ ވީޑިއޯ އެންެޑް އިމޭޖް އެނާލިސިސް ރިޕޯޓަކާއި ގުޅިގެން ހެކިބަސް ނެގުމަށެވެ.

އެއީ މި މައްސަލައިގައި ފެންނަ ވީޑިއޯ ފުޓޭޖެއްގައި ހިމެނޭ މީހުންގެ ތެރޭގައި އިރުފާން ހުރިތޯ ދެނެގަތުމަށްޓަކައި ހެދި އެނާލިސިސްއެކެވެ. އެގޮތުން އެ ފުޓޭޖަކީ މ. ސަރުމާގޭގެ ގްރައުންޑް ފްލޯރ ގެ އެތެރެ ފެންނަ ގޮތަށް ނަގާފައިވާ ފުޓޭޖެކެވެ.

Advertisement

ހެކިވެރިޔާ ބުނީ، ތުހުމަތު ކުރެވޭ އިރުފާންއާ މި ފުޓޭޖުން ފެންނަ ފަރާތުގެ އެއްގޮތް ކަންތައްތައް ހުރިކަން ރިޕޯޓުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ. އެގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ވީޑިއޯ ފުޓޭޖުން ފެންނަނީ އިރުފާންކަމަށް ހެކިވެރިޔާ ރިޕޯޓުގައި ފާހަގަކޮށްފައިވާނެކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ދިފާއުންވެސް ވަނީ ފުޓޭޖުން ފެންނަ ފަރާތާ އިރުފާންއާ އެއްގޮތްކަމަށް ވިދާޅުވާ ސަބަބުތަކާ ގުޅޭގޮތުން ސުވާލުކޮށް އިތުރު ކަންކަން ސާފުކޮށްފައެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ހެކިވެރިޔާ ބުނީ، އޭނާގެ މޫނުގެ ބައްޓަމާއި، ހަށިގަނޑާއި ރޫފަ ފުލުހުން ބަލާ މިންގަނޑުތަކާ އެއްގޮތަށް ދިމާވާ ކަމަށެވެ.

މި މައްސަލައިގައި އަދިވެސް ދައުލަތުގެ އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް އެބައޮތެވެ.

ފާތިރުގެ މަރާ ގުޅިގެން އިރުފާން ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ އިއުލާނުކުރީ 2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

އޭނާ ފެނުނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު ގދ ތިނަދޫ އާއި 15 މޭލު ބޭރުން އޮޔާ ދަނިކޮށް އެމްއެންޑީއެފުން އެހީތެރިވި ލޯންޗެއްގައި ހުއްޓައެވެ.

އޭރު މަރުގެ ކޮމިޝަނުންވެސް އޮތީ އޭނާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް