ކ. މާލެ
|
24 ސެޕްޓެންބަރ 2024 | އަންގާރަ 11:22
ެމެޗުގައި ލަނޑު ޖެހުމަށްފަހު އަލް ނަޞްރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ެމެޗުގައި ލަނޑު ޖެހުމަށްފަހު އަލް ނަޞްރުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
އަލް ނަސްރު
ކިންގް ކަޕް އޮފް ޗެމްޕިއަންސް
ކިންގް ކަޕްގެ ގަދަ 16ން އަލް ނަޞްރު ޖާގަ ހޯދައިފި
މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި ލަނޑު ޖަހައިގެން އަލް ނަޞްރު ވަނީ މޮޅުވެފަ އެވެ.

ކިންގް ކަޕް އޮފް ޗެމްޕިއަންސްގެ ގަދަ 32 ޓީމު ވާދަކުރި ބުރުގައި އަލް ހަޒްމާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރުން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އަލް ނަޞްރުން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އަލް ހަޒްމުން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި ލަނޑު ޖަހައިގެން އަލް ނަޞްރު ވަނީ މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލް ނަޞްރަށް ލީޑު ނަގައިދިނީ ސަޑިއޯ މާނޭ އެވެ. އަލް ހަޒްމުން ވަނީ ދެ ވަނަ ހާފުގައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މެޗުގެ 62 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބާސިލް ޔޫސުފް އަލް ސައްޔާލީ އެވެ. މެޗުން މޮޅުވުމަށް އަލް ނަޞްރުން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގަ އެވެ. އެ ލަނޑު ޖަހައި، މުބާރާތުގެ ގަދަ 16 ވަނަ ބުރުން އަލް ނަޞްރަށް ޖާގަ ހޯދައިދިނީ ނަވާފް ބައުޝާލް އެވެ.

ދާދި ފަހުން އަލް ނަޞްރުން ވަނީ އެ ޓީމުގެ ކޯޗަކަށް ހުރި ލުއިސް ކަސްޓްރޯ މަގާމުން ވަކި ކުރުމަށްފަހު، އެ މަގާމަށް ސްޓެފާނޯ ޕިއޯލީ ހަމަޖައްސައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް