ކ. މާލެ
|
11 އޯގަސްޓް 2025 | ހޯމަ 09:36
ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ ކިންގްސްލީ ކޯމަން
ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ ކިންގްސްލީ ކޯމަން
ރޮއިޓަރސް
އަލް ނަޞްރު
ކޯމަން ހޯދުމަށް އަލް ނަޞްރުން މަސައްކަތް ކުރަނީ
އެގޮތުން އަލް ނަޞްރުން ބަޔާން އަށް ހުށަހެޅުމެއް ފޮނުވާފައިވާ ކަމަށާއި، ބަޔާން އިން ހިތްހަމަ ޖެހޭ ވަރުގެ ހުށަހެޅުމެއް ލިބިއްޖެ ނަމަ، އެ ކުލަބުން ކޯމަން ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކް އަށް ކުޅެމުން އަންނަ ފްރާންސްގެ ކިންގްސްލީ ކޯމަން ހޯދުމަށް، ސައުދީ ޕްރޯ ލީގުގެ އަލް ނަޞްރު އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އަލް ނަޞްރު އިން އަންނަނީ އެ ޓީމުގެ ސްކޮޑު ވަރުގަދަ ކުރުމަށް ކުޅުންތެރިން ހޯދަމުންނެވެ. އެގޮތުން އެ ޓީމުން އެންމެ ފުރަތަމަ ވަނީ ޕޯޗުގަލްގެ ޔާއޯ ފެލިކްސް ހޯދައިފަ އެވެ. އޭގެ ފަހުން، ސްޕެއިންގެ އިނީގޯ މާޓިނޭޒް ހޯދިއިރު، އަދި ވެސް އަލް ނަޞްރުން ކުޅުންތެރިން ހޯދުމަށް މަސައްކަތް ކުރާ ކަމަށް ބުނެފައިވެ އެވެ.

ބައެއް މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން އަލް ނަޞްރުން އަންނަނީ ބަޔާން އަށް ކުޅެމުން އަންނަ ކޯމަން ހޯދުމަށް ވެސް މަސައްކަތް ކުރަމުންނެވެ. އެގޮތުން އަލް ނަޞްރުން އަންނަނީ ކޯމަން ހޯދުމުގެ ގޮތުން ބަޔާންއާ އެކު މަޝްވަރާތައް ކުރިއަށް ގެންދަމުން ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އެގޮތުން އަލް ނަޞްރުން ބަޔާން އަށް ހުށަހެޅުމެއް ފޮނުވާފައިވާ ކަމަށާއި، ބަޔާން އިން ހިތްހަމަ ޖެހޭ ވަރުގެ ހުށަހެޅުމެއް ލިބިއްޖެ ނަމަ، އެ ކުލަބުން ކޯމަން ދޫކޮށްލުމުގެ ފުރުސަތު އޮތް ކަމަށް ބައެއް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބަޔާން އާއި އަލް ނަޞްރުގެ މަޝްވަރާތައް ރަނގަޅު މިސްރާބެއްގައި ކުރިއަށް ގޮސްފި ނަމަ، ކޯމަން އަލް ނަޞްރަށް ބަދަލުވުމުގެ ފުރުސަތު ބޮޑެވެ.

ޔުވެންޓަސް ދޫކޮށްލުމަށް ފަހު، 2015 ވަނަ އަހަރު އެންމެ ފުރަތަމަ ކޯމަން ބަޔާން އަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ ފަހުން ކޯމަން ވަނީ ބަޔާނާ އެކު ދާއިމީ އެއްބަސްވުމެއް އެކުލަވާލައިފަ އެވެ. ބަޔާން އާއެކު އެންމެ ފަހުޖް ކޯމަން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބަޔާންގެ އެއްބަސްވުމުގައި ބާކީ ދެ އަހަރު އޮތް ނަމަވެސް، ކޯމަން ހޯދުމަށް އަލް ނަޞްރުން މަސައްކަތް ކުރަމުން އަންނައިރު، ކޯމަން ހޯދުމަށް އެ ކުލަބުން ބަޔާން އަށް ގާތް ގަނޑަކަށް 30 މިލިއަނާއި، 40 މިލިއަން ޔޫރޯއާ ދެމެދުގެ އަދަދެއް ދައްކަން ޖެހޭނެ ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

ކޯމަން ވަނީ މިހާތަނަށް ބަޔާންގައި ހޭދަ ކުރި 10 ސީޒަންގެ ތެރޭގައި އެ ކުލަބަށް ކުޅެދިން 339 މެޗުގައި 72 ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން ކޯމަން ވަނީ ބަޔާން އާއެކު 20 ތައްޓެެއް ވެސް ކާމިޔާބު ކޮށްފަ އެވެ. ބަޔާން އާއެކު އޭނާ ވަނީ ޖަރުމަނު ލީގު ނުވަ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، ޖަރުމަނު ކަޕް ތިން ފަހަރު، ޖަރުމަނު ސުޕަ ކަޕް ހަ ފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކޮށްފަ އެވެ.

ކޯމަން އަކީ ބަޔާންގައި ހިމެނޭ ކުޅުންތެރިންގެ ތެރެއިން އެ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނޭ ކުޅުންތެރިޔެކެވެ.

- ކޮމެންޓް