ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 20:40
ކަނޑުމަސް
ކަނޑުމަސް
ގެޓީ އިމޭޖަސް
މަސްވެރިކަމުގެ ސިނާއަތް
ކުންފުނިތަކުން މަސްގަތް މިންވަރު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ
މިއަހަރުގެ ދެވަނަ ކުއަރޓާގައި ގަތް މަހުގެ މިންވަރު މިދިޔަ އަހަރުގެ ދެވަނަ ކުއަރޓާ އާ އަޅާ ބަލާއިރު 10،469 މެޓްރިކް ޓަނު ދަށްވެފައިވާ ކަން ފާހަގަ ކުރެވެއެވެ.
ޚަބަރުގެ އޯޑިއޯ

މިއަހަރުގެ ދެވަނަ ކުއަރޓާގައި ކުންފުނިތަކުން މަސްގަތް މިންވަރު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

މަސްވެރިކަމުގެ މުޅި ސިނާއަތު ހީނަރުވެ، މަސްވެރިންގެ އާމްދަނީ ދަށްވެ، މަސްވެރިންގެ ޝަކުވާ އިތުރުވެފައިވާ މި ދަނޑިވަޅުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސެޕްޓެމްބަރު 15 ވަނަ ދުވަހު ނެރުނު 'ކުއަރޓާލީ އިކޮނޮމިކް ބުލެޓިން' ގައި ބުނެފަފައިވަނީ، މި އަހަރުގެ ފުރަތަމަ ކުއަރޓާގައި ގައި މަސްވެރިކަމުގެ ސިނާއަތު ދަށްވެފައިވާ ބީދައިން އަހަރުގެ ދެވަނަ ކުއަރޓާގައިވެސް މަސްވެރިކަމުގެ ސިނާއަތު އިތުރަށް ދަށަށް ދާނެ ކަމަށެވެ.

އެމްއެމްއޭ އިން ހާމަ ކޮށްފައިވާ ގޮތުގައި 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި، ޖުމްލަ 12،135.5 މެޓްރިކް ޓަނުގެ މަސް ގަނެފައިވާއިރު، މިއީ 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު 46 އިންސައްތަ (10،469.0 މެޓްރިކް ޓަނު) އިގެ ބޮޑު ދަށްވުމެކެވެ.

މިއީ މައިގަނޑު ގޮތެއްގައި ކަނޑުމަސް ގަތް މިންވަރު 56 އިންސައްތަ (11،531.1 މެޓްރިކް ޓަނު) ދަށަށް ގޮސްފައިވާތީ އައިސްފައިވާ ހީނަރުކަމެއް ކަމަށް އެމްއެމްއޭ އިން ފާހަގަ ކުރެއެވެ. އެހެން ނަމަވެސް ރީނދޫއުރަހަ ކަންނެލި ގަތް މިންވަރު 53 އިންސައްތަ (1،054.6 މެޓްރިކް ޓަނު) އިތުރުވެފައިވާ ކަމުގައި އެމްއެމްއޭ އިން ބުނެއެވެ.

މި ކުއާޓަރގައި ރާއްޖޭގެ ކުންފުނިތަކަށް މަސް ގަތް އަގުތަކަށް ބަލާއިރު، އެވްރެޖް އަގު 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކަނޑުމަސް ކިލޯއަކަށް 15.0 ރުފިޔާ އަދި ގަނޑުކުރި ކަނޑުމަސް ކިލޯއެއް 17.0 ރުފިޔާ އަށް ހުރިއިރު، 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކަނޑުމަސް ކިލޯއަކަށް 18.0 ރުފިޔާ އަދި ގަނޑުކުރި ކަނޑުމަސް ކިލޯއަކަށް 20.0 ރުފިޔާއަށް މަތިވިކަން އެމްއެމްއޭ އިން ފާހަގަ ކުރެއެވެ.

އެހެންނަމަވެސް، ރާއްޖޭގެ ކުންފުނިތަކުން ރީނދޫއުރަހަ ކަންނެލި ގަތް އެވްރެޖް އަގު 2023 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ކިލޯއަކަށް 65.8 ރުފިޔާ ދިން އިރު، 2024 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގައި ކިލޯއަކަށް 56.6 ރުފިޔާއަށް ވަނީ އަގު ދަށަށް ގޮސްފައެވެ.

- ކޮމެންޓް