ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 17:27
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް
ރާއްޖެއެމްވީ
ނޮޅިވަރަންފަރު ހައުސިން ޔުނިޓްގެ މައްސަލަ
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުން ހުއްޓުވައިފި
ހައުސިން ޔުނިޓް ދޫކުރުމަށް ޕޮއެންޓް ދޭ އުސޫލަކީ ދެކޮޅު ޖެހޭ އުސޫލެއް ނޫން
ހައުސިން މިނިސްޓްރީއަށް ހުށަހެޅި އެއްވެސް ޝަކުވާއަކަށް ޖަވާބެއް ނުލިބޭ
މި މައްސަލަ އޭސީސީން ވެސް ދަނީ ތަހުގީގު ކުރަމުން

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ލިބުނު މީހުންގެ ދާއިމީ ލިސްޓް އާންމު ކުރުން ހުއްޓުވައިފިއެވެ.

ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓު ދޫކުރުމުގައި ގިނަ މައްސަލަތަކެއް ހުރި ގިނަ އެރަށުގެ ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން އެރަށުގެ ރައްޔިތެއް ބުނީ ހައުސިން ޔުނިޓް ދޫކުރުމަށް ޕޮއެންޓް ދޭ އުސޫލަކީ ދެކޮޅު ޖެހޭ އުސޫލެއް ނޫން ކަމަށާއި، އިންސާނީ ހައްގުތަކަށް އަސަރު ކުރާ ކަމަށެވެ. އުސޫލުގައިވާ ގޮތުން އެކަނިވެރި މައިންނަށް ޕޮއެންޓް ނުލިބޭ ކަމަށާއި، ޝަރުއީ ގޮތުން ދަރިން ބަލާކަމުގެ ލިޔުން ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ.

ނޮޅިވަރަންފަރުން ދޫކުރާ ހައުސިން ޔުނިޓްތަކެއް ކަމަށްވާއިރު، ރަށުގެ ރައްޔިތުންނަށް އިސްކަންދޭންޖެހޭކަން ފާހަގަކޮށް އެމީހުން ބުނެފައިވަނީ އުސޫލު އޮތް ގޮތުން ގިނަ ޕޮއެންޓް ލިބެނީ ރަށުން ބޭރު މީހުންނަށް ކަމަށެވެ. އަދި ދެމަފިރިން ހައުސިން ޔުނިޓަށް ކުރިމަތިލާނަމަ ފިރިމީހާގެ ނަންމަތީގައި ގޯއްޗެއް އޮތް ކަމަށްވާނަމަ ފިރިހެން މީހާގެ ބައިން 26 ޕޮއެންޓް އަދި އަންހެން މީހާގެ ބައިން 30 ޕޮއެންޓް ކެނޑޭ ކަމަށް އެމީހުން ބުނެއެވެ. މީގެ އިތުރުން ވެސް ގިނަ މައްސަލަތައް ހުރި ކަމަށް އެމީހުން ބުނެއެވެ.

އެމީހުން ބުނީ އުސޫލަކީ ހައުސިން މިނިސްޓްރީން އެކުލަވާފައިވާ އުސޫލެއް ކަމަށާއި، އެއުސޫލާ ގުޅޭގޮތުން ކައުންސިލްއާ މަޝްވަރާކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއުސޫލުގައި ހުރި ދެކޮޅު ނުޖެހޭ ގިނަ ކަންކަމަށް ހައްލު ނުގެނެސް އެ އުސޫލަށް ބަލައިގެން ޕޮއެންޓް ދީފައިވާ ކަަމަށެވެ. މި މައްސަލަ ހައުސިން މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައިނުވާ ކަމަށް އެމީހުން ބުނެއެވެ.

މިމައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ ހައުސިން ޔުނިޓްގެ މައްސަލަަކާ ގުޅިގެން ދާއިމީ ލިސްޓް ނެރުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް)އިން ހުއްޓުވާފައިވާ ކަމަށެވެ.

ހައުސިން ޔުނިޓް ލިބޭ ވަގުތީ ލިސްޓް އާއްމު ކުރުމާއެކު އާއްމު ރައްޔިތުންގެ 50ށް ވުރެ ގިނަ ޝަކުވާ ލިބުނު ކަމަށާއި، ބައެއް ޝަކުވާތަކަށް ކައުންސިލުން ޖަވާބުދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ދާއިމީ ލިސްޓް ނެރުން ހުއްޓުވާފައިވާތީ ޝަކުވާތަކަށް ޖަވާބު ނުދޭ ކަމަށް ނަދީމް ވިދާޅުވިއެވެ.

މީގެ އިތުރުން ނަދީމް ވިދާޅުވީ މިމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ބަލަމުންދާ ކަމަށެވެ.

ހައުސިން ޔުނިޓްތައް ދޫކުރުމުގައި ވަރަށް ލަސްވެފައިވާކަން ފާހަގަކުރައްވައި ނަދީމް ވިދާޅުވީ މިދިޔަ ސަރުކާރުން އެ ހައުސިން ޔުނިޓްތައް މަރާމާތުކޮށްފައިވާ ކަމަށެވެ. މި ތަންތަން ދޫކޮށްލުމަށް މަސައްކަތް ކުރަމުންދާއިރު، މިފަދަ ގޮތަކަށް ހުއްޓުވުމަކީ ވެސް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ނަދީމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ހައުސިން ޔުނިޓްތައް ދޫކުރުމުގެ އެންމެފަހު މަރުހަލާގައި އިންސާނީ ހައްގަކަށް އުނި ކަމެއް އަންނަ ކަމަށް ބުނެ ދާއިމީ ލިސްޓް ނެރުން ހުއްޓުވާފައިވާތީ ކަންބޮޑުވާ ކަމަށާއި، ގިނަ ރައްޔިތުންތަކެއްގެ ހައްގު ވެސް ގެއްލޭ ކަމަށެވެ.

މައްސަލައާ ގުޅޭގޮތުން ފާހަގަކޮށްލަން ބޭނުންވަނީ އުސޫލުތަކެއް ހެދިގެން މިނިސްޓްރީއާއެކު ޑިސްކަސް ކުރެވިގެން އިއުލާން ކުރެވުނު އުސޫލެއްގައި އިންސާނީ ހައްގަކަށް އުނި ކަމެއް އަންނަ ކަމަށް އެންމެފަހު ވަގުތު އެނގުނީމަ އަޅުގަނޑުމެން ވަރަށް ކަންބޮޑުވޭ. އަނެއްކަމަކީ ސަރުޚާރުގެ އެހައި ބޮޑު މަޝްރޫއެއްގެ ދަށުން ހެދިފައި ހުރި ގެތަކެއް ދިނުން ލަސްވާ ކަމަށްވާނަމަ އޭގެ ސަބަބުން ވަރަށް ގިނަ އާއްމު ރައްޔިތުންނަށް ގެއްލުން ވެގެންދާނެ. އެއީ ގެތަކަކީ މީގެ 10 ވަރަކަށް އަހަރުގެ ކުރީގެ ގެތަކެއް. އެގެތައް މަރާމާތު ކުރީ މިދިޔަ ސަރުކާރުން. މަރާމާތުކޮށްފައި ޕްރޮޖެކްޓް ނިންމާފައި ހުންނަތާ މިހާރު ގާތްގަނޑަކަށް އަހަރާ ގާތް ކުރަނީ.
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް
ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތައް- ރާއްޖެއެމްވީ

ނޮޅިވަރަންފަރު ގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކޮށްފައިވަނީ އޯގަސްޓް މަހުގެ ތެރޭގައެވެ.

- ކޮމެންޓް