ކ. މާލެ
|
14 ޖުލައި 2025 | ހޯމަ 18:37
ސްކޭމްގެ މައްސަލަތައް
ސްކޭމްގެ މައްސަލަތައް
ރާއްޖެއެމްވީ
ސްކޭމްގެ މައްސަލަ
27 އަހަރުގެ މަސައްކަތުން އެއްކުރި 560238 ރުފިޔާ "ދަވާލީ"، 24 ގަޑި އިރު ވެސް ނުވަނީސް!
560238 ( ފަސް ލައްކަ ފަސްދޮޅަސް ހާސް ދުއިސައްތަ ތިރީސް އަށް) ރުފިޔާ މިއީ ކިޔާލަން ދުލަށް ލުއި ވިޔަސް، އެއްވެސް ހާލެއްގައި ކުޑަ އަދަދެއް ނޫނެވެ. އައިޝަތު ރަޝީދާ އާއި އޭނާގެ ފިރި މީހާ އުމުރު ދުވަހުގެ މަސައްކަތުން އެއްކުރި ފައިސާ ގެއްލުނީ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

560238 ( ފަސް ލައްކަ ފަސްދޮޅަސް ހާސް ދުއިސައްތަ ތިރީސް އަށް) ރުފިޔާ މިއީ ކިޔާލަން ދުލަށް ލުއި ވިޔަސް، އެއްވެސް ހާލެއްގައި ކުޑަ އަދަދެއް ނޫނެވެ. މި އަދަދު މިއީ އާއްމު ދިވެހި ރައްޔިތަކު އުމުރު ދުވަހު ކުރާ ބުރަ މަސައްކަތުން ވެސް އެއްކުރަން ފަސޭހަ އަދަދެއް ނޫނެވެ. މީހަކު ފައިސާ އެއް ކުރަނީ ފަހަށް ވިސްނުމަށް ފަހު، ވަރަށް ގިނަ ކަންކަން އިގްތިސާދުކޮށް ވަގުތުން ވަގުތަށް ކުރަން ޖެހޭ ކަންކަން ކުރުމުގައި ނުލާހިކު ރޭވުންތެރިވެގެންނެވެ. އެހެންވީމަ އެ ފައިސާ ހިނދުކޮޅެއްގެ ތެރޭގައި މީހެއްގެ ނުވަތަ ބައެއްގެ މުށުތެރެައަށް ދިއުން އެއީ ކިހާވަރެއްގެ އަސަރެއް ކުރާނެ ކަމެއްކަން ހިތަށް ގެންނަން ވެސް ދަތިވާނެއެވެ.

މާލޭގައި ދިރިއުޅެމުން އަންނަ އައިޝަތު ރަޝީދާ އާއި އޭނާގެ އަބްދުލް ހަމީދަށް ދިމާވީ މިފަދަ ހިތްދަތި ތަޖުރިބާއެކެވެ.

ކުއްލިއަކަށް "ސިމް" މަސައްކަތް ނުކުރުމުން ބޮޑު ސުވާލު މާކެއްގެ ތެރެއަށް!

މިކަން ހިނގި ގޮތް ރާއްޖެ އެމްވީ އާއި އައިޝާ ވަނީ ހިއްސާކޮށްދީފައެވެ. އެގޮތުން، މި މަހުގެ 21 ވަނަ ދުވަހުގެ މެންދުރު 12:00 ހާއިރު ކުއްލިއަކަށް އޭނާގެ ފޯނު ރީސްޓާޓްވީކަމަށް އޭނާ ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ބުނެފައެވެ. އަދި ފޯނު ރީސްޓާޓްވުމަށް ފަހު އަލުން ފޯނު ޖެއްސި އިރު، އެ ފޯނަށް ލައްވާފައިވާ ސިމް މަސައްކަތް ނުކުރާ ކަމަށް ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ. އައިޝާ ކިޔާދިން ގޮތުގައި އޭނާގެ ފިރިމީހާގެ ފޯނު އަލުން ހުޅުވުނު އިރު، ސިމް މަސައްކަތް ނުކުރުމުގެ އިތުރުން، ފޯނު އެއްކޮށް ރީސެޓްވެފައިވާކަން ފާހަގަވިއެވެ.

އެހެން ސިމެއް ފޯނަށް ލައްވައިގެން ވެސް އެ ފޯނު އެ ވަގުތު މަސައްކަތް ނުކުރުމުން އައިޝާ އާއި އޭނާގެ ފިރިމީހާ އަށް ވިސްނުނީ އެ ފޯނުގެ މައްސަލަ އެއް ދިމާވި ކަމަށެވެ. ކަންދިމާކުރި ގޮތުން މިކަން ހިނގާފައި ވަނީ އޭނާގެ ފިރި މީހާގެ ބައްޕަ ނިޔާވެގެން ހދ.ނޮޅިވަރަމްފަރަށް ގޮސް ތިބި ވަގުތެއްގައެވެ. އެހެންކަމުން އެ ވަގުތު ފޯނު ހެދުމަށް ތެޅިގަތުމަށް ވުރެ ބޮޑެތި ޒިންމާތައް އެ ދެމަފިރިން ވެސް އަދާކުރަން އޮތީ ޖެހިފައެވެ.

އެހެންކަމުން "ފޯނަށް ދިމާވި މައްސަލަ" އަށް ހައްލެއް ހޯދަން އެ ދެމަފިރިން ނިންމީ މާލެ އަނބުރާ ދިއުމަށް ފަހުގައެވެ.ފޯނާއި ސިމަށް މައްސަލަ ދިމާވިތާ އެއް ދުވަސް ވެސް ނުވަނީސް އެ ދެމަފިރިން މާލެއެވެ. ޖޫން މަހުގެ 22 ވަނަ ދުވަހު ހަވާރު 05:00ގެ ފްލައިޓުން މާލެ އައުމަށް ފަހު އެ ރޭ އައިޝާގެ ފިރިމީހާގެ ސިމް، ބައްތި ފޯނަކަށް ލެއްވިއެވެ. އެއީ ފޯނު ހެދެންދެން އެ ސިމް ބޭނުން ކުރުމުގެ އުންމީދުގައެވެ.

ދިމާވެގެން އުޅޭ މައްސަލައިގެ ބޮޑުކަން މި ދެމަފިރިންނަށް ރޭކާލި ހިސާބަކީ މިއީއެވެ. ބައްތި ފޯނަށް ސިމް ލެއްވުމާއި އެކު އެއީ "އަންރެޖިސްޓަރޑް ނަމްބަރ" މިހެންނެވެ. ސިމްގެ ނަމްބަރަކީ ވުޖޫދުގައި ވެސް ނެތް ނަމްބަރެއް ކަމަށް އެ މެސެޖުގައި ބުނި ހިސާބުން އެ ދެމަފިރިން ވެސް ވެއްޓުނީ ބޮޑު ހާސްކަމެއްގެ ތެރެއަށެވެ.

ސިމް ކްލޯންކޮށް، އީސިމް އެއް ހަދާފައިވާކަން ހާމަވުން!

ސިމް މަސައްކަތް ނުކުރާ ކަން އެނގުނު ހިސާބުން ވެގެން ގުޅޭ ގޮތް އޮޅުން ފިލުވަން އައިޝާ ވެސް އަދި އޭނާގެ ފިރިމީހާވެސް ބޭނުންވިއެވެ. އެގޮތުން ވެގެން އުޅޭގޮތެއް އޮޅުން ފިލުވުމަށް އެންމެ ފުރަތަމަ ގުޅާފައި ވަނީ ދިރާގަށެވެ.

"ގުޅާފަ ސުވާލުކުރިން ސިމް އަށް ކިހިނެތްތޯވީ. އެކޮޅުން ( ދިރާގުން) މި އަހަނީ އީ ސިމްއެއްހޭ ބެނުން ކުރަނީ. އަޅުގަނޑު ބުނިން ނޫނެކޭ. ފިޒިކަލް ސިމްއެކޭ ބޭނުން ކުރަނީ. އެކޮޅުން ބުނި އެކަމަކު އީސިމް އެއް އިންކަމަށޭ ދައްކަނީ. އަޅުގަނޑު ބުނިން ސިމް ބްލޮކް ކޮށްލަދޭށޭ" އައިޝާ ވިދާޅުވިއެވެ.

އެ ކޯލް އާއި ހިސާބުން ދިމާވެގެން އުޅެނީ ހަމައެކަނި ފޯނު ނަމްބަރު ނުވަތަ ސިމްގެ މައްސަލަ އެއް ނޫންކަމުގެ އިހުސާސް އައިޝާ އަށް ވެސް ކުރެވުނެވެ. އައިޝާގެ ފޯނުން ފިރިމީހާގެ އެކައުންޓުން މުއާމަލާތެއް ކޮށްފައިވޭތޯ ބެލުމަށް އޭނާ ޚިދުމަތް ހޯދަމުން އައި ބޭންކަށް ގުޅި އިރު ވެސް އޭނާ އުންމީދުކޮށްގެން ހުރީ "ސްކޭމެއް"ގައި ޖެހުނު ކަމުގެ ބިރު ހަގީގަތަކަށް ނުވޭތޯއެވެ.

ބޭންކަށް ގުޅޭނެ ގޮތެއް ނުވުމާއި، ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށްފައި ހުރިކަން އެނގުން!

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ގުޅި ހިސާބުން ކުރެވިފައިވާ ޝައްކު ޔަޤީނަށް ބަދަލުވިއެވެ. 21 ވަނަ ދުވަހުން ފެށިގެން އައިޝާގެ ފިރިމީހާގެ ރުފިޔާ އެކައުންޓުން 251000 ދެ ލައްކަ ފަންސާސް އެއް ހާސް ރުފިޔާ ޓްރާންސްފަރ ކޮށްފައިވެއެވެ. ޑޮލަރ އެކައުންޓުން 10005 ޑޮލަރު ޓްރާންސްފަރކޮށްފައިވާކަން ހާމަވިއެވެ. އެ ހިސާބުން ވަގުތުން މި މައްސަލަ "ފްރޯޑް"ގެ މައްސަލަ އެއް ގޮތުގައި ރެޖިސްޓަރކޮށްދިނުމަށާއި އެކައުންޓް ހޯލްޑްކުރުމަށް ވަނީ އެދިފައެވެ.

ވީ އެންމެ އަވަހަކަށް ފިރިމީހާގެ އެކައުންޓްތަކުގެ މުއާމަލާތްތައް ހުއްޓުވުމަށް ކުރި މަސައްކަތަށް ހުރަސް އެޅުނު އަނެއް ސަބަބަކީ އައިޝާ ބުނާ ގޮތުން އޭނާ ގުޅައިގެން އިސްލާމިކް ބޭންކުން ފޯނަށް ޖަވާބު ނުދިނުމެވެ.

"ގުޅޭނެ އެއްވެސް ގޮތެއް ނެތް. އެންމެ ފަހުން ރަހުމަތްތެރިއަކަށް ގުޅައިގެްނ ކުރި މަސައްކަތުން ބުނެފި އެކައުންޓްގެ ޑީޓެއިލްސް ނުދެވޭނެ އޭ. އެކަމަކު އެކައުންޓް ހޯލްޑްކޮށްލެވޭ ގޮތް ވެއްޖެ. އޭގެ އަނެއް ދުވަހު ޑިސްޕއިޓް ފޯމެއް ލާށޭ ބުނީ. އޭރުން ޑީޓެއިލްސް ލިބެނެއޭ." އައިޝާ ވަނީ މި ނޫހަށް މައުލޫމާތު ދެމުން ބުނެފައެވެ.

އެމްއައިބީ އަށް ގޮސް ޑިސްޕިއުޓް ފޯމް ހުށަހަޅައިގެން ހޯދި މައުލޫމާތު ޖޫން 21 ވަނަ ދުވަހު އޭނާގެ އެމްއައިބީ އެކައުންޓުން 4405 ޑޮލަރު ޓްރާންސްފަރ ކޮށްފައިވާކަން ޙާމަވިއެވެ. އަދި ރުފިޔާ އެކައުންޓުން 7000 ރުފިޔާ ޓްރާންސްފަރކޮށްފައިވެއެވެ. އަދި އައިޝާގެ އެމްއައިބީ އެކައުންޓުން 975 ޑޮލަރު، 21 ވަނަ ދުވަހު ޓްރާންސްފަރކޮށްފައިވެއެވެ. އަދި ހަމަ އެދުވަހު ރުފިޔާ އެކައުންޓުން 30،000 ރުފިޔާ ޑިޕޮސިޓްކުރުމަށް ފަހު އެހެން މީހަކަށް ވަނީ ޓްރާންސްފަރކޮށްފައެވެ.

އެންޓި ސްކޭމަށް ގުޅާ މައްސަލަ ހުށަހެޅި! އެކަށީގެންވާ އެހީ އެއް ނެތި ލިބުނީ މާޔޫސްކަން!

މި މައްސަލަ ދިމާވުމާއި އެކު އެންޓި ސްކޭމް ސެންޓަރަށް ގުޅާ މައްސަލަ ވަނީ ހުށަހަޅާފައެވެ.

"މިއީ މިފަދަ އެންމެ ފުރަތަމަ ރެކޯޑް ކުރި މައްސަލަ ކަމަށް ބުނި. އެތަނަށް ބަޔާންދީ ފޯނުގެ ޑަމްޕެއް ވެސް ނަގާފައި ވަނީ. އެކަމަކު މިހާތަނަށް ރިކަވާވީ ޖުމްލަ 20000 ރުފިޔާކަމަށް އެ ބޭފުޅުން (އެންޓި ސްކޭމް ސެންޓަރުން) ބުނަނީ. މިހާރު ގިނަ ފަހަރު ފޯނެއް ނުނަގާ. 21ގެ ރެއާއި ހަމައަށް ހުރިހާ ކޭޝް އެއް ނަގާފައި ހުރީ. ފުލުހުން ބުނި ޓޫފެކްޓަރ އޮތެންޓިކޭޝަން ހަދާފަ ނެތީމަ ކަމަށް އެހެންވީ. އެކަމަކު އެއީ ކުރިން އެނގޭ ކަމެއް ނޫން. އަދި އަޅުގަނޑު ވާހަކަ ދެއްކި އާއްމު ގިނަ މީހުންނަށް ނޭނގޭ. އެނގެނީ ފުލުހުގައި އުޅޭ މީހަކަށް ނޫނީ އެފަދަ އެހެން ތަނެއްގައި އުޅޭ މީހަކަށް." އައިޝާ ބުނެފައިވެއެވެ.

އެންމެ ފުރަތަމަ އެ މީހުން ދިން އުންމީދަކީ ސްކޭމްގެ ޒަރީއާ އިން ގެއްލުނު ފައިސާގެ ދެބައިކުޅަ އެއް ބައި ރިކަވަރ ކުރެވިދާނެކަމުގެ އުއްމީދެވެ. 72 ގަޑި އިރު ތެރޭގައި އެ މިންވަރަށް ފައިސާ އަނބުރާ ލިބޭނެ ކަމަށް ބުނީ އެންޓި ސްކޭމް ސެންޓަރގެ އިސް މީހާ ކަމަށް ވުމާއި އެކު އައިޝާ އާއި އޭނާގެ ފިރިމީހާ ތިބީ އެކަން އެހެންވާނެ ކަމަށް ވަރަށް ބޮޑަށް އުއްމީދުކޮށްގެންނެވެ.

އައިޝާ ބުނާގޮތުން އޭނާ އަށް ފުލުހުންގެ ފަރާތުން ވެސް އެންމެ އެކަށީގެންވާ އިޖާބައެއް ނުލިބެއެވެ. އަދި އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޮޑު ސްކޭމް އެއްގައި ޖެހުނު އިރު އެފަދަ ކަންކަމާއި މެދު އާއްމުން ހޭލުންތެރިކުރެވޭ މިންވަރު ކުޑަވުމެވެ.

" އަރޖެންސީ އެއް ނުފެނޭ. އަޅުގަނޑު މި މައްސަލަ ފައިލް ކުރި ފަހުން އެ ވާހަކަ ފުލުހުން ދައްކާ. އެހާ ފަސޭހައިން އީސިމް ހެދޭ އިރު އާއްމުންނަށް އެކަން އެނގެން ޖެހޭ ވަރަށް ހޭލުންތެރި ނުވޭ. މިއީ އަޅުގަނޑުގެ ފިރިމީހާ 27 އަހަރުން އެއްކުރި ފައިސާ. މިއީ އަޅުގަނޑުމެންނަށް ކުޑަ އަދަދެއް ނޫން. އިތުބާރު ގެއްލޭ ފޭސް ރެކޮގްނިޝަން އަކާއި ނުލާ އެކަން ކުރެވޭތީ އަޅުގަނޑަށް އިތުބާރު ގެއްލޭ އެ ޚިދުމަތްދޭ ކުންފުންޏާއި މެދު ވެސް." އޭނާ ވަނީ ބުނެފައެވެ.

މި މައްސަލަ ނިއުޅެމުން ދިޔަ ވަރަކަށް ފެނުނީ މި ސްކޭމް އަކީ ރޭވިގެން ހީލަތްތެރިކަމާއި އެކު ހިންގާފައިވާ ކަމެއް ކަމެވެ. އައްޑޫ، ފުވައްމުލައް، ހުޅުމާލޭގެ އިތުރުން ލ.އަތޮޅުގެ އޭޓީއެމްތަކުން މި ފައިސާ ނަގާފައި އެބަހުއްޓެވެ. އެހެންވީމަ މިއީ ކިހާ ފުނަށް މޫލާފައިވާ ސްކޭމްގެ ހާއްޔެއްގެ މަލަމަތިކަން މި މައްސަލައިން އެކަނި ވެސް ހާމަވެއެވެ.

އާއްމުކޮށް ސްކޭމް އޭ ބުނީމަ ހިތަށް އަންނަ އެއްވެސް ކަމެއް މި ކޭސްގައި ނުހިނގައެވެ. ލިންކެއް ނުފޮނުވައެވެ. އޯޓީޕީ އެއް ނުފޮނުވައެވެ. މެސެޖެއް ނުފޮނުވައެވެ/ސްކޭމަރުންގެ ވައްޓަފާޅި ބަދަލުވާ އިރު އެންމެ އާއްމު މީހާ އަށް ތިލަ ވާ މިންވަރަށް އެކަމާއި މެސެޖުތައް ފޯރުކޮް ނުދެވޭ ނަމަ އެ އާއްމުންނަށް ދެރަ ނިކަމެތިކަމާއި ކުރިމަތިލާން ޖެހުން އެއީ މާ ދުރުގައި އޮތް ކަމެއް ނޫނެވެ.

މުޅި މައްސަލަ އަށް ބަލާ އިރު މި ސްކޭމްގައި ޖެހުނީ އާއްމުކޮށް އަޑު އަހާ ސްކޭމްތަކާއި ތަފާތުކޮށެވެ. މިއީ ފަރުވާ ކުޑަ ކަމުން ހިނގިކަމެކޭ ބުނެވޭކަށް ނެތެވެ. ފޭސް ރިކޮގްނިޝަންއަކާއި ނުލާ ފަސޭހައިން އީސިމް ހެދުމަކީ މި ސްކޭމް ހިންގަން އެހާ ފަސޭހަވި އެއް ސަބަބެވެ. 27 އަހަރު ދުވަހުގެ ބުރަ މަސައްކަތުން އެއް ކުރި ފައިސާ ހިނދުކޮޅެއްގެ ތެރޭގައި ގެއްލުނީއެވެ.

- ކޮމެންޓް