Advertisement
ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 16:12
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު
އެސްޓީއޯ
ޑިވަލަޕްމަންޓް ބޭންކް
ޑިވަލަމްޕަންޓް ބޭންކެއް ރާއްޖެއަށް ބޭނުން ނުވޭ، މިއީ ކަންދައްކަން ކުރާ ކަމެއް - އަމްރު
ވިސްނަންޖެހޭނީ ސީދާ ރައްޔިތުންނަށް މިކަމުން ފައިދާވާނީ ކޮންކަމަކުންތޯ ބަލާ އެކަމެއް ކުރުން
ބޭންކު ގާއިމްކުރެވިގެން ދިއުމުން، ރައްޔިތުންނަށް އެކަމުންވާނެ ފައިދާއެއް މިހާތަނަށް ސަރުކާރަށް ބުނެ ނުދެވޭ

ޑިވަލަޕްމަންޓް ބޭންކަކަށްވުރެ މިވަގުތު ރައްޔިތުންނަށް މުހިންމީ ކުދި ވިޔަފާރި ކުރިއަރުވައި ބޯހިޔާވަހިކަމަށް ފަސޭހައިން ފައިނޭންސް ހޯދޭނެ ގޮތްތަކެއް ކަމަށާއި، އެކަން ކުރުމުގެ ބަދަލުގައި ފެނިގެންދަނީ ބޭނުމެއް ނެތް ކަންތައްތަކެއް ސަރުކާރުން ކުރަމުން އަންނަތަން ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގެ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު ވިދާޅުވީ ޑިވަލަޕްމަންޓް ބޭންކެއްގެ ވާހަކަ ވަރަށް ބޮޑަށް ދައްކަމުން އައިސް އެތަނަށް ލައިސަންސް ހޯދަންވެގެން ޑޮކިއުމެންޓް ހަދާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އަދި އޭގެ ފަހުން އެތަނުގެ ސީއޯގެ ވަނަވަރު ލިބުނު ވާހަކަ ފަހުން ހާމަކުރި ކަމަށެވެ. އަދި މިހެން ގޮސް ވަރަށް ގިނަ ސްޓޭޖްތަކަކަށް އެ ވާހަކަތައް އެބަ ދެކެވޭ ކަމަށެވެ.

Advertisement

އަމްރު ވިދާޅުވީ އެ ބޭންކު ގާއިމްކުރެވިގެން ދިއުމުން، ރައްޔިތުންނަށް އެކަމުންވާނެ ފައިދާއެއް މިހާތަނަށް ސަރުކާރަށް ބުނެ ނުދެވޭ ކަމަށާއި، ޑިވަލަޕްމަންޓް ބޭންކުގެ ބޭނުން ރައްޔިތުންނަށް ކިޔައި ނުދެވޭ ކަމަށެވެ.

ޑިވަލަޕްމަންޓް ބޭންކަކީ ކޮބައިތޯ؟ ކޮންމެވެސް ދާއިރާއެއް ތަރައްގީކުރުމަށް އެފަދަ ބޭންކުތަކުން ފައިސާ ދޫކުރާނީ. ރާއްޖޭގައި އޮތީ ފަތުރުވެރިކަމުގެ އިންޑަސްޓްރީ. ބައިވަރު ރަށްތައް އެބައޮތް ނުހެދި. އެހެންވީމާ އެ ބޭންކަކީ އެކަމަށް އަންނަ ބޭންކެއް ކަމުގައިވެއްޖެއްޔާ އާންމުންނަށް އެއިން ލިބޭނެ ފައިދާއަކީ ކޮބައިތޯ. މިހާރުވެސް ރާއްޖޭގައި ރިސޯޓްތައް މަދީކީ ނޫން. ޑޮލަރު ވަންނަވަރު މަދީކީ ނޫން. ރާއްޖޭގައި 7 ތަރީގެ ބޮޑެތި ރިސޯޓްތައް އެހުރީ. އެކަމަކު މިއުޅެންޖެހެނީ ޑޮލަރުވެސް ނުލިބިގެން އާސަންދަ އެއްގޮތަކަށްވެސް ލިބޭގޮތް ނުވެގެން. އެކަހަލަ ބައިވަރު ކަންތައްތަކެއްގައި މިއުޅެނީ.
އެސްޓީއޯގެ ކުރީގެ މެނޭޖިންގެ ޑިރެކްޓަރު ހުސައިން އަމްރު

އަމްރު ވިދާޅުވީ ވިސްނަންޖެހޭނީ ސީދާ ރައްޔިތުންނަށް މިކަމުން ފައިދާވާނީ ކޮންކަމަކުންތޯ ބަލާ އެކަމެއް ކުރުން ކަމަށާއި، ކަމެއް ކުރުމުގެ ވާހަކަ ދެއްކުމެއްވެސް ނޫން ކަމަށެވެ.

އަޅުގަނޑުމެން އެއިރު ވިސްނިން ޑިޖިޓަލް ބޭންޖެއް ހަދާ ވާހަކަ. ބޭރުން ގެންނަ ވާހަކައެއްވެސް ނޫން. އެއީ ދެކަމެއް ކުރަން. އެއްކަމަކީ ބޭންކިންގ ސެކްޓަރއިން ބޭރުވެފައި ތިބި ބައިވަރު ދިވެހިން އެބަތިބި. އެމީހުން ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމަކީ އެއް ބޭނުން. ކިތައްމެއް އަހަރެއް ޓެކްސީ ދުއްވިޔަސް އަދި މަހަކު ތިރީސް ސާޅީސް ހާސް ރުފިޔާ ލިބުނަސް އޭނައަށް ބޭންކުން ކާރެއް ގަންނަން ލޯނެއް ނުދޭނެ. ދެވަނަ ކަމަކަށް ޑިޖިޓަލް ބޭންކް ހަދާފައި ބޭރުގައި އެ ހިދުމަތް ދިނުން. އެއިރުން ޑޮލަރު ވަންނާނީ. ހަމައެކަނި ބޭންކެއް ހެދިޔަސް ޑޮލަރެއް ނުވަންނާނެ.
އެސްޓީއޯގެ ކުރީގެ މެނޭޖިންގެ ޑިރެކްޓަރު ހުސައިން އަމްރު

އަމްރު ވިދާޅުވީ ޑިވަލަޕްމެންޓް ބޭންކަކީ ހަގީގަތުގައި ރާއްޖެއަށް ބޭނުންވާ ބޭންކެއް ނޫން ކަމަށެވެ. އެއީ އެއްގޮތަކަށްވެސް މިވަގުތުކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ރާއްޖެއަށް މިވަގުތު ބޭނުންވަނީ ވިޔަފާރިތަކާއި ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރެވޭނެ ގޮތަށް ލުއިފަސޭހަކޮށް ލޯނު ލިބޭނެ ގޮތް ހެދުން ކަމަށެވެ.

ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީ.އެސް.އައި.ޕީ މަޝްރޫޢުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިންގ ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުޤުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދެވި "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ކުންފުންޏެއް އުފެއްދީ މެއި 16، 2024 ގައެވެ.

ނަމަވެސް މިހާތަނަށް މި ބޭންކުން ކުރާނެ ކަންކަން އަދި ފަށާނެ ކަންކަމާއި، ފައިނޭންސް ހޯދާ ހިންގާނެ ގޮތެއް ސަރުކާރުން ހާމަ ނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް