ކެންޔާ އަންހެނަކު ލައްވާ ހަށިވިއްކުވިކަން ސާބިތުވި ނަމަވެސް ހަމަ އެ މައްސަލައިގައި އުފުލާފައިވާ މީހުން ޓްރެފިކް ކުރުމުގެ ކުށް ސާބިތު ނުވާކަމަށް ދަށު ކޯޓުން ނިންމި ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކޮށްފިއެވެ.
މި މައްސަލައިގައި ސ ހިތަދޫ ސައުތުކްރޯސް މޫސާ މުންތަސިމްގެ މައްޗަށް ދެ ދައުވާއެއް އުފުލިއެވެ.
އެ ދެ ދައުވާ އޭނާގެ މައްޗަށް އުފުލާފައިވަނީ ގެސްޓް ހައުސްގެ ކޮޓަރިއެއްގެ ތެރޭގައި ކެންޔާ އަންހެނަކު ލައްވައި ފައިސާއަށް ހަށިވިއްކުމުގެ އަމަލު ހިންގުވުމާ ގުޅޭ މައްސަލައެއްގައެވެ.
ކެންޔާ އަންހެން މީހާ ލައްވައި ހަށި ވިއްކުވި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި "މީހަކު ލައްވާ ހަށިވިއްކުވުމުގެ ކުށުގެ ދައުވާ" ސާބިތުވެ، ހަތް އަހަރަށް ޖަލަށް ލާން 2017 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުންވެސް 2021 ވަނަ އަހަރު ވަނީ ތާއީދު ކޮށްފައެވެ.
އެހެންނަމަވެސް، މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި މީހުން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކުރުމުން ދައުލަތުން އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރީއެވެ. ހައިކޯޓުންވެސް ނިންމީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ނިންމުމުގައި ބުނީ ޓްރެފިކް ކުރެވުނުކަމަށް ބުނާ މީހާ ރާއްޖެ އައީ އޭނާގެ އަމިއްލަ ރުހުމުގައިކަން އެނގެން އޮންނަ ކަމަށާއި، އޭނާ ލައްވާ ހަށި ވިއްކުވާފައިވަނީ ގަދަކަމުން ނޫންކަމަށް އެނގެން އޮންނަ ކަމަށެވެ.
އެހެންކަމުން ހަށި ވިއްކުވިކަން ސާބިތުވިނަމަވެސް، މިއީ ޓްރެފިކިންގ އަށް ފެތޭ މައްސަލައެއް ނޫންކަން ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.
އެހެންވެ ދައުލަތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރީއެވެ.
ސުޕްރީމް ކޯޓުގައި ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ އަޑުއެހުމަކީ މި މައްސަލައިގެ ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމެކެވެ.
މީހުން ޓްރެފިކް ކުރުވުން ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ މީހުން ޓްރެެފިކް ކުރުމަކީ ކުށެއް ކަމަށާއި، ޓްރެފިކް ކުރުމާ ގުޅޭ ކޮންމެ އަމަލަކީ ޓްރެފިކް ކުރުން ކަމަށް ބެލެވޭނެ ކަމަށެވެ.
އޭގެ ތެރޭގައި މަސައްކަތެއް ނުވަތަ ޚިދުމަތެއް ކުރުމަށް ލާޒިމު ކުރުވުމާއި، އޭނާ ލައްވާ މަސައްކަތް ކުރުވުމަށް ޝަރުތުކޮށް ޤާނޫނާ ޚިލާފު މަޖުބޫރު ކުރުވުމެއް ކުރުވުމަކީވެސް ޓްރެފިކް ކުރުން ކަމަށް ބެލެވޭނެ ކަމަށް ހިމެނިފައިވެއެވެ.
އަދި އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ 10 އަހަރަށް ޖަލަށް ލުންކަންވެސް ފާހަގަކޮށްފައިވެއެވެ.
އެހެންނަމަވެސް، އެ ޤާނޫނުގެ ދަށުން މީހަކު ޓްރެފިކް ކުރުމަށް މުންތަސިމް ކޮށްފައިވާ އަމަލަކީ ކޮބައިކަން ދަށު ކޯޓުގެ ޝަރީއަތުގެ މަރުޙަލާގައި ދައުލަތުގެ ފަރާތުން އެއްވެސް ވަރަކަށް ފާހަގަކޮށްފައި ނުވާކަމަށް ފަނޑިޔާރު އަޒްމިރަލްދާ ވިދާޅުވިއެވެ.
އަދި ފަހުން ހައިކޯޓުގައި އަލިއަޅުވާލާފައިވާ މާއްދާތަކަކީ އެއްވެސް ވަރަކަށް ދަށު ކޯޓުގެ މަރުޙަލާގައި އުންސުރުތައް ސާބިތު ކުރުމަށް ދައުލަތުން ބޭނުން ކޮށްފައިވާ މާއްދާތަކެއް ނޫންކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ކުށުގެ ތުހުމަތުގައިވާ މީހާގެ މައްޗަށް ކުރެވޭ ދައުވާ ސާފު ކޮށްދިނުމާއި، ކުށުގެ އުންސުރުތަކަކީ ކޮބައިކަމާ އަދި އެކަންކަން ކޯޓުގައި ސާބިތު ކޮށްދިނުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާއެއް، މި މައްސަލައިގައި މުންސަތިމްގެ މައްޗަށް މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ދައުވާ އުފުލާފައިވަނީ މުޅި ޤާނޫނު ލިޔެފައިވާ ފޮތް ހުޅުވައި މައްސަލަ ބަލާ ފަނޑިޔާރަށް ވެދުން ކުރާ ބީދައިން، އެ ފޮތް ކިއުމަށްފަހު މައްސަލަ ބަލާ ފަނޑިޔާރަށް މޫސާ މުންތަސިމްގެ އަމަލުތައް އެންމެ ގާތްކުރާ ޤާނޫނީ މާއްދާއަކާ ހަވާލާ ދިނުމަށްފަހު ކުށް ސާބިތު ކުރުމަށް ފަނޑިޔާރުގެ ފުރިހަމަ އިހުތިޔާރަށް ދޫކޮށްލާ މޭރުމުން، މުޅި ޤާނޫނާ ހަވާލާދީ ކުރެވޭ ދައުވާތަކުގައި ތުހުމަތު ކުރެވޭ މިހާގެ އަމަލުތައް ފެތޭ މާއްދާ ކަނޑައަޅައި، އެ މާއްދާގެ ދަށުން އުންސުރުތައް ސާބިތުވާ ގޮތް ބުނެދިނުމަކީ ފަނޑިޔާރުގެ ޒިންމާއެއް ނޫން،ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު
އެހެންކަމުން މި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާޤުން ނިންމަވާފައިވަނީ ހައިކޯޓުގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތް ކަމަށެވެ. އެގޮތުން އޭނާގެ މައްޗަށް ޓްރެފިކިންގ ގެ ކުށް ސާބިތުނުވާކަމަށް ނިންމާފައިވާ ނިންމުމަށް ސުޕްރީމް ކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހިމްއެވެ.