ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 10:25
ކުލަބު ބްރޫޖާއި ޑޯޓްމަންޑު ކުޅުނު މެޗުގެ ތެރެއިން
ކުލަބު ބްރޫޖާއި ޑޯޓްމަންޑު ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ކުލަބު ބްރޫޖް ބަލިކޮށް، ޑޯޓްމަންޑަށް ރަނގަޅު ފެށުމެއް
މެޗުގައި ޑޯޓްމަންޑުގެ ތިން ލަނޑު ޖެހި ކުޅުންތެރިންނަކީ ވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ކުޅުންތެރިންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ކުލަބު ބްރޫޖާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބޮރޫޝިއާ ޑޯޓްމަންޑުން އެ ޓީމުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ކުލަބު ބްރޫޖުގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ޑޯޓްމަންޑުން ކާމިޔާބު ކުރީ 3-0ންނެވެ. މެޗުގައި ޑޯޓްމަންޑުން އެ ޓީމުގެ ތިން ލަނޑު ވެސް ޖެހީ ފަހު ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ދެ ވަނަ ހާފުގައި ޑޯޓްމަންޑުން ވަނީ ތިން ލަނޑު ޖަހައިގެން މެޗު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ 76 ވަނަ މިނެޓުގައި ޑޯޓްމަންޑަށް ލީޑު ނަގައިދިނީ ޖެމީ ގިޓެންސް އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ އެމްރީ ކޭން އެވެ.

އޭގެ ފަހުން މެޗުގެ 86 ވަނަ މިނެޓުގައި ގިޓެންސް ވަނީ އިތުރު ލަނޑެއް ޖަހައި، ޑޯޓްމަންޑަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މި ލަނޑު އޭނާ ޖެހީ ފެލިކްސް މެކާ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މެޗުގައި ޑޯޓްމަންޑުގެ ތިން ވަނަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން، ޝާހޯ ގުރާސީ ޖެހި ލަނޑެކެވެ.

މެޗުގައި ޑޯޓްމަންޑުގެ ތިން ލަނޑު ޖެހި ކުޅުންތެރިންނަކީ ވެސް ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ކުޅުންތެރިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް