ޔުއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ބަޔާން މިއުނިކް އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.
ބަޔާންގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާން އިން ދެ ލަނޑު ޖެހިއިރު، ޗެލްސީ އިން ވެސް ލަނޑެއް ޖެހި އެވެ. އަދި މެޗުގައި ބަޔާންގެ ތިން ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.
މެޗު ފަށައިގެން 20 ވަނަ މިނެޓުގައި ބަޔާން އަށް ލީޑު ލިބުނީ ޗެލްސީގެ ޑިފެންޑަރު ޓްރެވޯ ޗަލޯބާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ހަތް މިނެޓު ފަހުން ބަޔާން އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ލީޑު ފުޅާ ކޮށްދިނީ އިންގްލެންޑުގެ ކެޕްޓަން ހެރީ ކޭން އެވެ.
ބަޔާން އިން ދެ ވަނަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން، ޗެލްސީ އިން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކޯލް ޕާމާ އެވެ. މެޗުގައި ބަޔާން އިން އެ ޓީމުގެ ތިން ވަނަ ލަނޑު ޖެހީ 63 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ވެސް ބަޔާން އަށް ޖަހައިދިނީ ކޭން އެވެ.
މޮޅަކުން ބަޔާން ޗެމްޕިއަންސް ލީގު ފަށާފައިވާއިރު، މުބާރާތުގައި ދެން އެ ޓީމަށް އޮންނާނީ އޮކްޓޫބަރު މަހު ޕަފޯސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ޗެލްސީ އަށް އޮންނާނީ ބެންފީކާއާ ދެކޮޅަށް ކުޅޭ މެޗެވެ.