އާއްމުކޮށް ބޭނުންކުރާ ތަރުކާރީ، މޭވާގެ ގިނަ ބާވަތްތަކުގެ އަގު މާލޭ ބާޒާރުގައި އުފުލި، މީގެ ކުރިން ލުނބޯ ކިލޯއެއް 35 ރުފިޔާއަށް ވިއްކި ނަމަވެސް މިހާރު ލުނބޯ ކިލޯއެއްގެ އަގު 60 ރުފިޔާއަށް ވުރެ މައްޗަށް އަރައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ވިޔަފާރިވެރިން ބުނީ ކުރިން ލުނބޯ ގަންނަން ލިބޭ އަގަށް ވުރެ މިހާރު ބާޒާރުގައި ލުނބޯ ހުރީ ދެގުނަ ތިންގުނަ މައްޗަށް ޖެހިފައި ކަމަށެވެ.
މިދިޔަ ހަފްތާއިން ފެށިގެން ފިޔާ އަދި ބިހުގެ އަގުވެސް ވަރަށް ބޮޑުތަނުން ވަނީ އުފުލިފައިވެއެވެ.
ރާއްޖެއަށް މޭވާ އާއި ތަރުކާރީ އެތެރެކުރާ ފަރާތްތަކުން ބުނާ ގޮތުގައި ޑޮލަރުގެ ތާށިކަމުން ތަކެތި ބޭރުން ގެނައުމުގައި ވަރަށް ބޮޑަށް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.
ގިނަ ތަކެތީގެ އަގުއުފުލިފައިވާއިރު ލޯކަލް މާރުކޭޓުގައި މިރުހުގެ އަގު މިދުވަސްކޮޅު އެއްވަރެއްގައި ހިފެހެއްޓިވާކަން ފާހަގަ ކުރެވެއެވެ. މިހާރު ބާޒާރުގައި 100 ގްރާމުގެ މިރުސް ވިއްކަމުން ދަނީ 20 ރުފިޔާ އާއި 25 ރުފިޔާއާ ދެމެދުގެ އަގެއްގައެވެ.
ބާޒާރުމަތީ ފިހާރަތަކަކުން ހޯދުނު މައުލޫމާތުން އެނގޭ ގޮތުގައި، މިރުސް ލިބުމުގައި މާބޮޑު ދަތިކަމެއް މިވަގުތަކަށް ނެތެވެ.
ބައެއް ވިިޔަފާރިވެރިން ފާހަގަކުރި ގޮތުގައި ރާއްޖެއަށް މިރުސް އިމްޕޯޓުކުރާ ޤައުމުތަކުން މިރުސް އިމްޕޯޓްކުރާ މިންވަރު މިދުވަސްކޮޅު ކޮންމެސްވަރަކަށް މަދުވި ނަމަވެސް ރާއްޖޭގައި ހައްދާ މިރުސް ރަށްރަށުން ގިނަ އަދަދަކަށް ގެންނާތީ މިރުސް ލިބުމުގައި ދަތިކަމެއް ނެތެވެ.