ގދ. ތިނަދޫ އަށް ދިމާވެފައިވާ ފެނުގެ މައްސަލައަށް ހައްލު ހޯދުމަށް އަވަސް އަރުވާލައިގެން ފެނަކައިން ފެން ޕްލާންޓެއް ހޯދި މައްސަލައަކީ "އޮޅުވާ ނުލެވޭހާ ސާފުކޮށް ފެންނަން އޮތް ކޮރަޕްޝަނާއި ވައްކަމުގެ ބޮޑު ޖަރީމާއެއް" ކަމަށް މި މުޅި މުއާމަލާތް ހިނގިގޮތް އެނގޭ ފަރާތަކުން ބުނެފިއެވެ.
މި މައްސަލަ ފެންމަތިވުމުން އެކަން ދިފާއުކޮށް ފެނަކައިން ނެރުނު ނޫސްބަޔާނުގައި އެމްޑަބްލިޔުއެސްސީ އިން 5 ހަފްތާ ތެރޭ ފެންޕްލާންޓެއް ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން، މިހާރު ޕްލާންޓް ގަތުމަށް އެޗްކިއު ހޯލްޑިންގްސް އާ އެކު ވެފައިވާ އެއްބަސްވުމަށް ބަލާއިރު، އެމްޑަބްލިޔުއެސްސީ އިން ހުށަހެޅި މުއްދަތަށް ވުރެ އެޗްކިއު އާއެކު އެއްބަސްވެފައިވާ މުއްދަތު ދިގުކަން ކަށަވަރު ކުރެވޭ ކަމަށް މައުލޫމާތު ދިން ފަރާތުން ނަން ނުޖެހުމަށް ޝަރުތުކޮށް އެކަމުގެ ތަފްސީލް ކިޔައިދެމުން ވަނީ ފާހަގަ ކޮށްފައެވެ.
ފެނަކައިން ނެރުނު ބަޔާނުގައި، ގދ. ތިނަދޫއަށް ފެން ޕްލާންޓު ހޯދުމުގައި އަމަލުކޮށްފައިވަނީ އެންމެ އަވަހަށް މައްސަލަ ހައްލު ކުރެވޭނެ ގޮތަށް ކަމަށް ބުނާއިރު، މި ނޫހަށް މައުލޫމާތު ދިން ފަރާތުން ބުނީ، އެޗްކިއު އިން ޕްލާންޓް އެއް ދުވަސްތެރޭ ފޯރުކޮށް ދިނުމަށް އެއްބަސްވެފައި ވާއިރު ޕްލާންޓް ގުޅައި ހިންގުމަށް ބޭނުންވާ އެހެން ހުރިހާ ސާމާނެއް ފޯރުކޮށްދިނުމަށް އެއްބަސްވެފައިވަނީ 45 ދުވަހުންނެވެ. އަނެއްކޮޅުން ފެނަކައިގެ ނޫސް ބަޔާނުގައި އެމްޑަބްލިޔުއެސްސީ އިން 5 ހަފްތާ ތެރޭގައި ހުރިހާ ސާމާނަކާއެކު މުޅި ޕްލާންޓް ފޯރުކޮށްދޭން ވަނީ ހުށަހަޅާފައެވެ. މައުލޫމާތު ދިން ފަރާތުން ފާހަގަ ކުރާ ގޮތުގައި "މިހެން މިކަން އޮތް އިރު، މާ އަގު ހެޔޮކޮށް، މާ ރަނގަޅު ޕޭމެންޓް ޕްލޭނެއްގައި މާ އަވަހަށް ޚިދުމަތް ދެވޭގޮތައް ޕްލާންޓެއް ދިނުމަށް ހުށަހެޅިކަން ފެނަކައިގެ ނޫސް ބަޔާނުން އެނގޭ،" ކަމަށެވެ.
ބޮޑު އަގުގައި ނެގި ފެންޕްލާންޓް ބަހައްޓައި ހިންގޭނީ 45 ދުވަހުން އެއަށް ބޭނުންވާ ތަކެތި ލިބިގެން ކަމަށް ވާއިރު، އެ މުއްދަތަކީ އެމްޑަބްލިޔުއެސްސީ އިން ހުށަހެޅި މުއްދަތައްވުރެ ދިގު މުއްދަތެއް ކަމާއި ވަގުތުން ބަހައްޓައިގެން ހިންގޭ ވަރަށް ސާމާނު ހަމަނުވާ ޕްލާންޓެއް އާދަޔާޚިލާފު ބޮޑު އަގުގައި ވަގުތުން ފައިސާ ދީގެން ގަނެފައިވަނީ، މައުލޫމާތު ދިން ފަރާތުން ދެކޭ ގޮތުގައި، "ކޮރަޕްޝަންގެ މުޑުދާރު އަމަލެއްގެ ތެރެއިންކަން،" އެއީ ސާފުކޮށް ފެންނަން އޮތް ކަމެކެވެ.
އޭނާ އިތުރަށް ބުނިގޮތުގައި، ތިނަދޫގައި އިތުރު ޕްލާންޓެއް ބަހައްޓާނެ ބެޑެއް ތައްޔާރުކުރެވިފައި ނެތުމުން އެ މަސައްކަތައްވެސް ގިނަ ވަގުތުތަކެއް ނަގާނެއެވެ. އޭގެ އިތުރުން، ޕްލާންޓް އެ ރަށަށް ގެންދިޔަ ކަމަށް ބުނެ ފެނަކައިން އާންމު ކޮށްފައިވާ ފޮޓޯތަކުން ޕްލާންޓެއް ކަމަށް ބުނެ ދައްކާފައިވަނީ ޕްލާންޓެއްގެ ވަކިވަކި ބައިތަކެކެވެ. އެއާއެކު ޕްލާންޓް އިންސްޕެކްޓް ކުރަން ފެނަކައިން ތިނަދޫ އަށް ފޮނުވި ޓީމަށް ވެސް އެސްމްބަލް ކޮށް ފުރިހަމަ ކުރެވިފައިވާ ޕްލާންޓެއް ނުފެންނަ ކަމަށް އިތުބާރުހުރި ގޮތެއްގައި ވަނީ މައުލޫމާތު ލިބިފައެވެ.
މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ މިއީ ފެނަކައިގެ މުޅި ތާރީހުގައި ވެސް މިކަން މިގޮތަށް ކުރި ފުރަތަމަ ފަހަރެވެ. އޭނާ ބުނިގޮތުގައި މި ހުރިހާ ކަމަކަށް ބަލާއިރު، އެންމެ އަވަހަށް ވެސް އެ ޕްލާންޓް ތިނަދޫގައި ބަހައްޓައި ޚިދުމަތް ދިނުމަށް ދެތިން މަސް ނަގާނެއެވެ.
އަވަސް އަރުވާލައިގެން ފެނަކައިގެން ކަރަޕްޝަން އަށް މަގުފަހިވާ ގޮތައް ތިނަދޫ އަށް ފެން ޕްލާންޓް ހޯދި ޚަބަރު ނޫސްތަކުގައި ޖެހުމުން އެއަށް ރައްދުދީ އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއީ ވަކި މަގުސަދެއްގައި ކުންފީގެ މެނޭޖުމެންޓާ މެދު ނުރަނގަޅު ތަސައްވަރެއް އުފައްދަން ދައްކަމުންދާ ވާހަކައެއް ކަމަށެވެ.