ރަޝިޔާ އަށް މިސައިލް ފޯރުކޮށްދިން ކަމަށް ބުނެ ޖަރުމަނުވިލާތާއި، ފަރަންސޭސިވިލާތާއި، އިނގިރޭސިވިލާތުން އީރާނަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް އަޅަން ނިންމައިފިއެވެ.
އީރާނުން ތަކުރާރުކޮށް މި ވާހަކަ ދޮގުކޮށްފައިވަނިކޮށް، މި ފިޔަވަޅުތައް އަޅަން ނިންމީ ޔޫކްރެއިން ހަނގުރާމައިގައި ބޭނުން ކުރުމަށް ރަޝިޔާ އަށް އީރާނުން ބެލިސްޓިކް މިސައިލްތަކެއް ފޯރުކޮށްދިން ކަން ކަށަވަރު ކުރެވިފައިވާ ކަމަށް މި ތިން ގައުމުން ބުނެއެވެ.
މި ތިން ގައުމުން މި މައްސަލައިގައި ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އީރާނުން ފޯރުކޮށްދިން މިސައިލްގެ ސަބަބުން ޔޫރަޕްގެ ސަލާމަތައް ނުރައްކާ ވެފައިވާ ކަމަށާއި، އެ މިސައިލް ޔޫރަޕުގެ ބިމަށް ވާސިލުވުމުގެ ފުރުސަތު އޮތްކަމުގައެވެ.
ތިން ގައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވަނީ އީރާނާއެކު ވެފައިވާ މަތިންދާބޯޓު ދަތުރުފަތުރުގެ އެއްބަސްވުންތައް ވަގުތުން އުވާލާނެ ކަމަށެވެ.
އަދި އީރާނުގެ ބެލިސްޓިކް މިސައިލް ޕްރޮގްރާމުގައި ބައިވެރިވާ މުހިންމު ފަރާތްތަކާއި، ފަރުދުންނާއި، ރޫސީވިލާތަށް ބެލިސްޓިކް މިސައިލާއި އެހެނިހެން ހަތިޔާރު ފޮނުވުމުގައި ބައިވެރިވާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، އީރާން އެއަރގެ މައްޗަށް ފިޔަވަޅު އެޅުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ބުނެފައިވެއެވެ.
އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ނާސިރު ކަންއާނީ އެކްސްގައި ވިދާޅުވީ "އީރާނުން ބައެއް ގައުމުތަކަށް ހަތިޔާރު ފޮނުވާފައިވާ ކަމަށް ބުނެ ފަތުރާފައިވާ ޚަބަރަކީ "ހުތުރު ޕްރޮޕެގެންޑާއެއް" އަދި ދޮގެއް ކަމަށެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވެސް ވަނީ އެމެރިކާއިން އީރާނުގެ މައްޗަށް ދަތިކުރުމުގެ އައު ފިޔަވަޅުތަކެއް ވަރަށް އަވަހަށް އަޅާނެ ކަމަށް ވިދާޅުވެފައެވެ.
ލަންޑަނަށް ކުރެއްވި ދަތުރުފުޅުގައި އޭނާ ވިދާޅުވީ އީރާނުން ރޫސީވިލާތަށް ކުރު ރާސްތާ މިސައިލް ފޮނުވާފައިވާ ކަމަށާއި، މި މިސައިލް ހަފްތާތަކެއްގެ ތެރޭގައި ޔޫކްރެއިން އާ ދެކޮޅަށް ރަޝިޔާ އިން ބޭނުންކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ބްލިންކަން ވިދާޅުވީ ރޫސީވިލާތުގެ އެތައް ސިފައިންނެއް އީރާނުގައި ފަތަޙް-360 މިސައިލް ބޭނުންކުރަން ތަމްރީނު ހޯދާފައިވާ ކަމަށެވެ. މި މިސައިލްގެ ރޭންޖަކީ 120 ކިލޯމީޓަރެވެ.
އީރާނާއި ރޫސީވިލާތަކީ ހުޅަނގުގެ ގައުމުތަކުން މިހާރުވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ދެ ގައުމެވެ. މި ދެ ގައުމުގެ ގުޅުން ވޭތުވެދިޔަ އަހަރުތަކުގައި ވަރަށް ބޮޑަށް ވަރުގަދަވެފައިވެއެވެ.
މި ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ ވަރުގަދަ އަސްކަރީ ގުޅުމެއް އޮންނަކަން ފާހަގަ ކުރެވެއެވެ. މި ގުޅުމުގެ ތެރެއިން 2015 ވަނަ އަހަރު އީރާނަށް ރޫސީވިލާތުން އެސް-300 އެންޓި-މިސައިލް ސިސްޓަމް ވަނީ ފޯރުކޮށްދީފައެވެ.