އިޒްރޭލުން ސީރިއާއަށް އަނެއްކާވެސް ބޮން އަޅާ، މަދުވެގެން 5 މީހުން މަރުވެ، އިތުރު 19 މީހުން ޒަޚަމްވެފައިވާ ކަމަށް ސީރިއާގެ ދައުލަތުގެ މީޑިއާ އިން ރިޕޯޓުކޮށްފިއެވެ.
މަސްޔާފްސިޓީ ހޮސްޕިޓަލުގެ ޑިރެކްޓަރު ވިދާޅުވިގޮތުގައި "މި ހަމަލާގައި ގެއްލުން ލިބުނު ފަރާތްތަކަކީ ސީރީއާގެ އާންމު ރައްޔިތުން،" ނެވެ.
ސީރިއާގެ ސަލާމަތީ މަސްދަރުތަކުން ބުނާގޮތުގައި، ލުބުނާނުގެ ވައިގެ ސަރަހައްދު މެދުވެރިކޮށް އިސްރާއީލުން ދިން މި 'އުދުވާނީ ހަމަލާ' އަމާޒުކޮށްފައިވަނީ ސިފައިންގެ މަރުކަޒުތަކަށެވެ.
އާދިއްތަ ދުވަހު އިޒްރޭލުން ދިން މި ހަމަލާގެ ސަބަބުން ސީރިއާގެ މެދު ތެރޭގައި އޮންނަ ހަމާގެ ހުޅަނގުގައިވާ މަސްޔާފް ސިޓީ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ސީރިއާގެ ރަސްމީ ނޫސް އޭޖެންސީ ކަމުގައިވާ ސަނާ އިން ބުނެފައިވެއެވެ.
ސަނާ އިން ރިޕޯޓުކުރާގޮތުގައި، ނަން ހާމަނުކުރުމަށް ޝަރުތުކޮށް އެ ނިއުސް އެޖެންސީއަށް މައުލޫމާތު ދިން ސެކިއުރިޓީ އޮފިޝަލަކު ބުނި ގޮތުގައި އިޒްރޭލުން ލުބުނާނުގެ ވައިގެ ސަރަހައްދުން ސީރިއާގެ ގިނަ ސިފައިންގެ މަރުކަޒުތަކަކަށް "ވައިގެ ހަމަލާއެއް" ދީފައިވެއެވެ. އަދި އިޒްރޭލުން ހަމަލާ ދޭން ފެށުމާއެކު، ސީރިއާގެ ދިފާއީ ބާރުތަކުން އިޒްރޭލުގެ މިސައިލް ތަކަށް ހަމަލާދީ ބައެއް މިސައިލް ވައްޓާލާފައިވާ ކަމަށްވެސް އޭނާ އިތުރަށް މައުލޫމާތު ދެމުން ބުނެފައިވާކަމަށް ސަނާއިން ރިޕޯޓުކުރެއެވެ.
މިހަމަލާ ދީފައިވަނީ އިޒްރޭލުން ކަން އިޒްރޭލް ސިފައިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
އާދީއްތަ ދުވަހު އިޒްރޭލުގެ މިހަމަލާ އައިސްފައިވަނީ، މެދު އިރުމަތީގެ މަސްރަޙް އިތުރަށް ގޯސްވަމުންދާ ދަނޑިވަޅެއްގައެވެ.
ޖުލައި މަހު ޓެހެރާނުގައި ހުންނަވަނިކޮށް، ހަމާސްގެ ކުރީގެ އިސްވެރިޔާ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލުމާ ގުޅިގެން އިރާނުގެ އިސް އޮފިޝަލުން އަދިވެސް އަންނަނީ އޭގެ ބަދަލުގައި އިޒްރޭލަށް "ހަރުކަށި އަދަބެއް" ދޭނެ ކަމަށް ބުނަމުންނެވެ. ނަމަވެސް ހަނިއްޔާ އަވަހާރަކޮށްލިތާ 40 ދުވަހަށްވުރެ ގިނަ ދުވަސް ވެފައިވާއިރުވެސް އިރާނުގެ އެއްވެސް ހަމަލާއެއް ދީފައެއް ނުވެއެވެ.