ކ. މާލެ
|
27 އޯގަސްޓް 2024 | އަންގާރަ 14:59
ގާޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕުން ފަލަސްތީނުގެ ރައްޔިތުން ނިކުމެފައިވަނީ މިދިޔަ އާދީއްތަ ދުވަހު
ގާޒާގެ މެދުތެރޭގައި އޮންނަ ބުރެއިޖް ރެފިއުޖީ ކޭމްޕުން ފަލަސްތީނުގެ ރައްޔިތުން ނިކުމެފައިވަނީ މިދިޔަ އާދީއްތަ ދުވަހު
އޭއެފްޕީ
ފަލަސްތީން - އިޒްރޭލް ހަނގުރާމަ
ފަލަސްތީނުން ޝަހީދު ކޮށްލި މީހުންގެ އަދަދު 40،000ން މައްޗަށް
ޝަހީދު ކޮށްލި މީހުންގެ ތެރޭގައި ގާތްގަނޑަކަށް 17،000 ކުޑަކުދިން ހިމެނެއެވެ.

ފަލަސްތީންގެ ޣައްޒާ އަށް ޔަހޫދީ ސިފައިން އަރާ ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ ގަތުލުއާންމު ގައި ފަލަސްތީނުން ޝަހީދު ކޮށްލި މީހުންގެ އަދަދު 40،000ން މައްޗަށް އަރައިފިއެވެ.

ގަތުލުއާންމު ހިންގާތާ 320 ދުވަސް ވެގެން ދިޔައިރު ޝަހީދުވި މީހުންގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ އަދަދު ގާތްގަނޑަކަށް 17،000 އަށް ވަނީ އަރާފައެވެ. އެއީ ޣައްޒާގެ ކުޑަކުދިންގެ އާބާދީގެ 2.7 އިންސައްތަ އެވެ.

އޮކްޓޯބަރު 7ން ފެށިގެން ކޮންމެ ދުވަހަކު މަދުވެގެން 53 ކުޑަކުދިން ޝަހީދު ކޮށްލާފައި ވާއިރު، ކޮންމެ ދުވަހަކު އެވްރެޖްކޮށް 72 ފިރިހެނުންނާއި އަންހެނުން އިޒްރޭލުގެ ރަހުމު ކުޑަ އަނިޔާވެރި ހަމަލާތަކުގައި ވަނީ ޝަހީދު ވެފައެވެ.

މަދުވެގެން 10،000 މީހުން ވަނީ ބޮން އަޅާ ފުނޑުފުނޑު ކޮށްލި ޢިމާރާތްތަކުގެ ތެރޭގައި ގެއްލިފައެވެ. މީގެ ގިނަ މީހުން މަރުވެފައިވާކަމަށް ބެލެވެއެވެ.

އޮކްޓޯބަރު 7 ގެ ކުރިން ޣައްޒާގެ އާބާދީ 2 މިލިއަނަށް އަރާއިރު، މީގެ ގާތްގަނޑަކަށް ދެބައިކުޅައެއްބައި އަކީ ކުޑަކުދިންނެވެ.

ޝަހީދުކޮށްލި 40،000ށް ވުރެ ގިނަ މީހުންގެ ތެރެއިން ގާތްގަނޑަކަށް 17،000 އަކީ ކުޑަކުދިން ކަމަށް ރެކޯޑް ކުރެވިފައިވާއިރު މިއީ 550 ކްލާސްރޫމް ފުރޭވަރުގެ އަދަދެކެވެ.

އިޒްރޭލުން ހަމަލާ ދިނުމުގައި ސްކޫލްތައް ސުންނާފަތި ކުރުމަށް ވަކިން ބޮޑަށް ރާވާފައިވާކަން ފާހަގަ ކުރެވެއެވެ. އިޒްރޭލުގެ ހަމަލާތަކުގައި ގެދޮރު ގެއްލުނު މީހުން ވަގުތީ ހިޔަލުގެ ގޮތުގައި ބޭނުން ކުރަމުން ގެންދަނީ ސްކޫލްތައް ކަމަށް ވެފައި އެތަންތަނަށް ބޮން އެޅުމުން ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު ޝަހީދުވެގެން ދިޔައިރު ސްކޫލް އިމާރާތްތައްވެސް ވަނީ ފުނޑުފުނޑުވެފައެވެ.

މިހާތަނަށް 500ށް ވުރެ ގިނަ ސްކޫލަށް އިޒްރޭލުން ވަނީ ބޮން އަޅާފައެވެ. މީގެ ތެރެއިން ގިނަ އިމާރާތްތައް ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ.

ހަނގުރާމައަށް 10 މަސް ދުވަސް ވެގެން ދިއުމާއެކު މުޅި އަހަރުގެ ކިޔެވުމުން ފަލަސްތީންގެ ކުޑަކުދިން ވަނީ މަހްރޫމްވެފައެވެ.

- ކޮމެންޓް