ބުރާސްފަތި ދުވަހުގެ ރޭ ޔަމަނުގެ ވެރިރަށް ސަނާ އިން ޓީވީން ވަގުތުން ފޮނުވި ބަޔާނެއްގައި ބްރިގޭޑިއަރ ޖެނެރަލް ޔަޙްޔާ ސާރީ ވިދާޅުވީ، ޔަމަނުގެ ބާރުތަކުން ރަތްކަނޑުގައި ދަތުރުކުރަމުންދިޔަ "ސައުނިއަން" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރަކަށް ހަމަލާދީފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މި އުޅަނދަށް ދިން ހަމަލާ ކާމިޔާބު ކަމަށާއި މިހާރު އެ އުޅަނދު ފެތިގެންދިޔުމުގެ ނުރައްކާ އޮތް ކަމަށެވެ.
ސާރީ ފާހަގަކުރެއްވި ގޮތުގައި ސައުނިއަން ނިސްބަތްވަނީ އިޒްރޭލާ ގުޅުންހުރި ކުންފުންޏަކަށް ކަމަށާއި، އިޒްރޭލުން ހިފާފައިވާ ފަލަސްޠީނުގެ ބަނދަރުތަކަށް ވަނުން މަނާކޮށް ޔަމަނުން ކޮށްފައިވާ އަމުރާ އެ އުޅަނދުން ޚިލާފުވެފައިވާ ކަމަށެވެ.
ރަތްކަނޑުގައި ޔޫރަޕިއަން ޔޫނިއަނުން ހިންގާ މިޝަން "އެސްޕިޑެސް" އިން ބުރާސްފަތި ދުވަހު ކަށަވަރުކޮށްދީފައިވާ ގޮތުގައި ރަތްކަނޑުގައި އޮތް ގްރީސްގެ ދިދަ ނަގާފައިވާ ތެޔޮ ޓޭންކަރަށް ހަމަލާ ދިނުމާ ގުޅިގެން އެ އުޅަނދުން ފަސިންޖަރުން ހުސްކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
ސައުނިއަނަށް މިސައިލް ހަމަލާތައް ދީފައިވަނީ ބުދަ ދުވަހުއެވެ.
މިއީ މި މަހުގެ ތެރޭގައި އެތެންސްގެ ޑެލްޓާ ޓޭންކަރުން އޮޕަރޭޓްކުރާ ތިން ވަނަ އުޅަނދަށް ރަތްކަނޑުގައި ދިން ހަމަލާއެވެ.
ޑެލްޓާ ޓޭންކަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާގެ ސަބަބުން އުޅަނދުގައި އަލިފާން ރޯވެފައިވާ ކަމަށާއި، ނަމަވެސް ފަޅުވެރިން އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ) އޭޖެންސީން ބުދަ ދުވަހު ބުނެފައިވަނީ މި ހަމަލާގެ ސަބަބުން އުޅަނދުގެ އިންޖީނުގެ ބާރު ކެނޑިފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހު ޔޫކޭއެމްޓީއޯ އިން ބުނެފައިވަނީ އުޅަނދު މިހާރު އޮތީ ނަގިލިލާފައި ކަމަށާއި އޭގެ ހުރިހާ ފަޅުވެރިން ޓޭންކަރުން ފައިބައިފައިވާ ކަމަށެވެ.
ރޮއިޓާސް އިން ބުނާ ގޮތުގައި މި އުޅަނދު މިހާރު ނަގިލިލާފައި އޮތީ ޔަމަނާއި އެރިތްރިއާއާ ދެމެދުގައެވެ.
ޔަމަނުން ދިން ދެވަނަ ހަމަލާ އާ ގުޅޭ ގޮތުން ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހަމަލާ ދިން ދެވަނަ ބޯޓަކީ އިޒްރޭލާ ވިޔަފާރީގެ ގުޅުން އޮންނަ ކުންފުންޏަކަށް ނިސްބަތްވާ އެސްޑަބްލިއު ނޯތު ވިންޑް 1 ނަމަކަށް ކިޔާ އުޅަނދެއް ކަމަށެވެ.
މި ބޯޓަށް ހަމަލާ ދިނީ އަދަން ކަނޑުން ދަތުރު ކުރަނިކޮށް ކަމަށާއި މި ހަމަލާވެސް ޓާގެޓަށް ވާސިލްވި ކަމަށެވެ.
ޔޫކޭއެމްޓީއޯ އިން ބުނި ގޮތުގައި، އެސްޑަބްލިއު ނޯތު ވިންޑް 1 އުޅަނދުގެ ކައިރިން އެއްޗެއް ގޮވި ކަމަށް އެ ބޯޓުން ރިޕޯޓް ކޮށްފައިވާ ކަމަށާއި، އޭގެ ސަބަބުން ކުޑަ ގެއްލުމެއް ލިބިފައިވާ ކަމަށް ބޯޓުން އަންގާފައިވާ ކަމަށެވެ.
ސާރީ ފާހަގަކުރެއްވި ގޮތުގައި، ޔަހޫދީ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދެމުން ގެންދާހާ ހިނދަކު އެ ސަރަހައްދުން ދަތުރުކުރާ އިޒްރޭލާ އެމެރިކާ އާ ގުޅުން ހުރި އުޅަނދު ފަހަރަށް ޔަމަން ސިފައިން ހަމަލާ ދެމުން ގެންދާނެއެވެ.