ވ. އާރަށުގެ ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ހުކުމް ބާތިލްކުރި މައްސަލައިގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.
އާރަށު ހިޔާނާތުގެ މައްސަލައިގައި ހައިކޯޓުގެ ނިންމުމުގައި އަންގާފައި އޮތީ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް އަލުން ފުރުސަތުދީ އެކަމަށް ގޮތް ނިންމުމާއި، ދައުލަތުގެ އައު ހެކިތައް އެއްފަރާތް ކުރުމާއި، ދަށު ކޯޓުގެ ރިޕޯޓުގެ 68 ވަނަ ނުކުތާގައި ނެރެފައިވާ ދޭހަ އެއްފަރާތްކޮށް، އަލުން ކްރިމިނަލް ކޯޓުން މައްސަލައިގެ ގޮތެއް ކަނޑައެޅުމަށެވެ.
އޭގެ ތެރެއިން ހައިކޯޓުން ހެއްކާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަކާއި ގުޅިގެން ދައުލަތުން ވަނީ ބައެއް ނުކުތާތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފުވެސް ކޮށްފައެވެ.
އެއީ މައްސަލައިގެ ޝަރީއަތް ފެށި ފަހުން ދައުލަތުން ހުށަހެޅި އައު ހެކިތައް ބަލައި ނުގަނެވޭނެކަމަށް ހައިކޯޓުން ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އެހެންކަމުން ސުޕްރީމް ކޯޓުގައި ނުކުތާތަކެއް އިސްތިއުނާފު ކޮށްފައިވާތީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު، ބަދަލުތަކެއް އައުން އެކަށީގެންވާކަން ދައުލަތުން ފާހަގަކޮށްފައިވެއެވެ.
ގާޒީ ވިދާޅުވީ، ސުޕްރީމް ކޯޓުގެ އިސްތިއުނާފު ކުރިއަށް ދިޔަނަމަވެސް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ބައި ކުރިއަށް ގެންދިއުމަށް ހުރަހެއް ނެތް ކަމަށެވެ.
އެހެންކަމުން ހުށަހެޅުންތަކުގެ ބައި ކުރިއަށް ގެންދަވަން ގާޒީ ވަނީ ނިންމަވާފައެވެ. އެކަމަށް ގާޒީ ވަނީ ދެފަރާތަށްވެސް ހަފްތާއެއްގެ މުއްދަތެއް ދެއްވާފައެވެ.
މި އަޑުއެހުމުގައި ދިފާއީ ވަކީލު ވަނީ މައްސަލައިގެ ޝަރީއަތް ލައިވްކޮށް ކުރިއަށް ގެންދިއުމަށް އެދިފައެވެ. އެހެންކަމުން ގާޒީ ވިދާޅުވީ، ކުރިއަށް ހުރި އަޑުއެހުންތައް ގެންދަވާނީ ލައިވްކޮށްގެން ކަމަށެވެ. ދައުލަތުންވެސް އެކަމަށް އިއުތިރާޒެއް ނުކުރެއެވެ.
ދެން މައްސަލައިގެ އަޑުއެހުމެއް އޮންނާނީ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.