ބޯޑިންގ ގޭޓްތަކާ ކައިރީގައި ހުރި އިސްޓޯރަކުން ކަތުރެއް ގެއްލުމާ ގުޅިގެން ޖަޕާނުގެ އެއަރޕޯޓެއްގައި 36 ފްލައިޓް ކެންސަލްކޮށް، 201 ފްލައިޓް ޑިލޭ ވެއްޖެއެވެ.
މި ހާދިސާ ހިނގީ ހޮކައިޑޯގެ ނިއު ޝިޓޮސޭ އެއަރޕޯޓުގެ ޑޮމެސްޓިކް ޓާމިނަލްގައި ހޮނިހިރު ދުވަހު ހެނދުނެވެ.
ކަތުރު ގެއްލުމާއެކު ގާތްގަނޑަކަށް ދެ ގަޑިއިރު ވަންދެން ސެކިއުރިޓީ ޗެކް ޚިދުމަތް ހުއްޓާލެވުނެވެ. މިކަމުގެ ސަބަބުން އެތައް ސަތޭކަ ދަތުރުވެރިންނަށް އޮޅުންބޮޅުމުގެ ތެރޭގައި އެތައް އިރަކު އުޅެން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.
އޭގެ ސަބަބުން ފުރާ ގިމަތައިގައި ކިއު ދިގުވެ، އަލުން ބަލުން ފަސިންޖަރުންނަށް ސެކިއުރިޓީ ޗެކް ހަދަން ޖެހުނެވެ.
އޮފިޝަލުން ކަތުރު ހޯދަމުން ގޮސް އެންމެ ފަހުން އެ ކަތުރު ފެނުނީ ޖެހިގެން އައި ދުވަހު ހަމަ އެ އިސްޓޯރުގެ ތެރެއިންނެވެ.
ކަތުރު ގެއްލުނު ދުވަސް ކަމަށްވާ ހޮނިހިރު ދުވަހު، ކަތުރު ނުފެނުނު ނަމަވެސް، ހަމަ އެ ދުވަހު އަލުން ސެކިއުރިޓީ ޗެކް ފަށާ ފްލައިޓްތަކުގެ ދަތުރުތައް ފެށިއެވެ.
ނިއު ޝިޓޮސޭ އެއަރޕޯޓް އެއަރޕޯޓުގައި ހޯމަ ދުވަހު އިއްވި އެނައުންސްމެންޓެއްގައި ކަތުރު ފެނިއްޖެ ކަމަށާއި، ކަތުރު ހޯދީ އިސްޓޯރުގެ މުވައްޒަފެއް ކަމަށާއި އެ ކަތުރު އޮތީ ހަމަ އެ އިސްޓޯރުގައި ކަމަށް އެނައުންސްމަންޓްގައި ބުނެފައިވެއެވެ.
އޮފިޝަލުން ބުނީ އެނައުންސްމަންޓް ލަސްވީ ފެނުނު ކަތުރަކީ ގެއްލިގެން ހޯދި ކަތުރުކަން ޔަގީން ކުރުމަށް ވަގުތު ނެގީ ކަމުގައެވެ.
މިފަދަ ކަމެއް އަލުން ތަކުރާރުވިޔަ ނުދިނުމަށް ހާދިސާ ހިނގި ގޮތް ތަހުގީގު ކުރުމަށް އެއަރޕޯޓްގެ މެނޭޖްމަންޓަށް ޖަޕާންގެ މިނިސްޓްރީ އޮފް ލޭންޑް، އިންފްރާސްޓްރަކްޗަރ، ޓްރާސްޕޯޓް އެންޑް ޓޫރިޒަމް އިން ވަނީ އަންގާފައެވެ.
އެއަރޕޯޓްގެ މެނޭޖްމަންޓުން ބުނެފައިވަނީ މިކަން މިހިނގީ އިސްޓޯރުގައި އެއްޗެހި ރައްކާކުރަން ހުރި ޖާގަ ކުޑަވުމާއި ތަކެތި މެނޭޖް ކުރުމުގެ ސިސްޓަމްގައި ހުރި މައްސަލައަކުން ކަމުގައެވެ. އެހެން ނަމަވެސް މިކަމަކީ ބޯޓެއް ހައިޖެކް ކުރުން ނުވަތަ ޓެރަރިޒަމްގެ އަމަލަކާ ގުޅުމުގެ ފުރުސަތު އޮތް ކަމެއް ކަމަށްވެސް ބަލަން ޖެހުނީ ކަމަށެވެ.
ނިއު ޝިޓޮސޭ އަކީ ޖަޕާންގެ އެންމެ ބިޒީ އެއް އެއަރޕޯޓެވެ. 2022 ވަނަ އަހަރު އެ އަރޕޯޓުން 15 މިލިއަން މީހުން މި އެއަރޕޯޓުން ދަތުރު ކޮށްފައިވެއެވެ.
އެއަރޕޯޓްގައި މި ހިނގި ހާދިސާ އާ ގުޅިގެން ބައެއް ފަރާތްތަކުން ވަނީ މި ހާދިސާގެ ސަބަބުން އެއަރޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓޭ ގޮތާ މެދު އިތުބާރު ބޮޑު ވެއްޖެ ކަމަށް ބުނެ ސޯޝަލް މީޑިއާ ގައި ޕޯސްޓްތައް ކޮށްފައެވެ.