ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑު ވަޒީރުގެ ގޮތުގައި ސަނާއޭ ޓަކައީޗީ އެ ގައުމުގެ ޕާލިމެންޓުން އިންތިޚާބު ކޮށްފިއެވެ.
ވެރިކަން ކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) ގެ ލީޑަރުގެ ގޮތުގައި ހުންނެވި އުމުރުން 64 އަހަރުގެ ޓަކައީޗީ ހޯމަ ދުވަހު ވަނީ އެ ގައުމުގެ ބާރުގަދަ މަޖިލީހުގެ ތިރި ގެއިން 237 ވޯޓާއި މަތި ގެއިން 125 ވޯޓު ހޯއްދަވައި މަޖިލީހުގެ އަޣުލަބިއްޔަތުން މަގާމަށް އިންތިޚާބުވެފައެވެ.
ކުރީގެ އިނގިރޭސި ބޮޑުވަޒީރު މާގަރެޓް ތެޗަރަށް ވަރަށް ތާއީދު ކުރައްވާ ކޮންޒަވޭޓިވް އެއް ކަމުގައިވާ ޓަކައީޗީ މަޤާމާ ހަވާލުވާ މި ދަނޑިވަޅަކީ ޖަޕާނު ދިރިއުޅުމުގެ އަގު ބޮޑުވުމާއެކު ރައްޔިތުންގެ ނުރުހުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ ބޮޑު އިޤްތިޞާދަށް ވެސް ޔަޤީންކަން ކުޑަ ދުވަސްވަރެކެވެ.
އޭނާ އަކީ ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި ޖަޕާނު ދެކޭ ހަތަރުވަނަ ބޮޑުވަޒީރެވެ. އޭނާގެ ކުރީގެ ބޮޑުވަޒީރުންގެ ދައުރު ކުރުވެގެން ދިޔައީ ރޭޓިންގ ދަށްވުމާއި ތަފާތު މައްސަލަތަކާ ހުރެއެވެ.
އޮކްޓޯބަރު މަހު އޮތް އެލްޑީޕީގެ ލީޑަރު ހޮވުމުގެ އިންތިޚާބުގައި ހަތަރު ފިރިހެނުން ބަލިކުރެއްވި ނަމަވެސް، އެލްޑީޕީ ގެ ދިގު މުއްދަތުގެ ކޯލިޝަން ޕާޓީ ކަމުގައިވާ ކޮމެއިޓޯ ޕާޓީ އިން ތާއީދު އަނބުރާ ގެންދިއުމާއެކު އޭނާ ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަޑައިގަތުމުގައި ހުރަސްތައް ކުރިމަތިވިއެވެ. ނަމަވެސް ހޯމަ ދުވަހުގެ ރޭ އެހެން އިދިކޮޅު ޕާޓީއަކާ އެކު ވެވުނު އެއްބަސްވުމެއްގެ ސަބަބުން އޭނާ އަށް މަގާމު ހޯއްދެވޭނެ މަގު ތަނަވަސްވިއެވެ.
އޭނާ އާއި އެލްޑީޕީ ދެން ވޯޓަކާ ކުރިމަތިލާނީ 2028 ގައެވެ.
ޓަކައީޗީ އަކީ ޖަޕާނުގެ ސިޔާސީ މައިދާނަށް އާ ފަރާތެއް ނޫނެވެ.
ކުރީގެ ބޮޑު ވަޒީރު އަބޭ ގެ ގާތް އެކުވެރިއެއް ކަމަށް ވުމުގެ އިތުރުން އޭނާ ވަނީ އެތައް މިނިސްޓަރު ކަމެއް ކުރައްވާފައެވެ. އަދި ކުރިން ވެސް ބޮޑުވަޒީރު ކަމަށް ކުރިމަތި ލައްވާފައިވެއެވެ.
ތެޗަރަށް ކުރާ ތާއީދުގެ ސަބަބުން ޖަޕާނުގައި ޓަކައީޗީ މަޝްހޫރުވެފައި ވަނީ "އަޔަން ލޭޑީ" ގެ ނަމުން ނެވެ.
އޭނާގެ ކުރިމަތީގައި އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެލްޑީޕީ އަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދުމެވެ. މި ޕާޓީން ވޭތުވެދިޔަ ހަތް ދިހަ އަށް ވުރެ ގިނަ އަހަރު ޖަޕާނު ވެރިކަން ކޮށްފައިވީ ނަމަވެސް، ކުރީގެ ބޮޑު ވަޒީރު އިޝިބާ ގެ ވެރިކަމުގައި މިދިޔަ 15 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް ދަށު ގޭގެ މަޖިލީހުގެ މެޖޯރިޓީ ގެއްލުނެވެ. އެއާއެކު އޭނާގެ މައްޗަށް ކުރެވުނު ޚިޔާނާތުގެ ތުހުމަތު ތަކާ ގުޅިގެން އުފެދުނު ރައްޔިތުންގެ ރުޅިވެރިކަމުގެ ތެރޭގައި ޖުލައި މަހު މަތި ގޭގެ މެޖޯރިޓީ ވެސް ގެއްލުނެވެ.
މިކަން މިހެން އޮތް ނަމަވެސް އެންމެ ފުރަތަމަ ޓަކައީޗީ އަށް ސަމާލުކަން ދެއްވަން ޖެހެނީ އަގުތައް މައްޗަށް ދިއުމާ ގުޅިގެން އުފެދިފައިވާ ރައްޔިތުންގެ ރުޅިވެރިކަމަށެވެ. ހަނޑުލުގެ ދަތިކަމުގެ ސަބަބުން ޖަޕާނުގެ މައިގަނޑު ކާނާގެ އަގު ވަނީ ރެކޯޑު އަގަކަށް އަރާފައެވެ.
ޖަޕާނުގެ އިތުރުވަމުންދާ ދަރަންޏާއި އިގުތިސާދީ ދުވެލި ދަށްވެފައިވާ ކަންބޮޑުވުން އިންވެސްޓަރުންނަށް އޮތް ނަމަވެސް، އޭނާގެ ކާމިޔާބީން މާކެޓްތަކަށް ކޮންމެވެސް ވަރެއްގެ އުންމީދެއް ލިބުނު ކަމަށް ފެނެއެވެ.