މަކުނު ވިދުރި ނުވަތަ އެމްޕޮކްސް ނުވަތަ މަންކީޕޮކްސްގެ ހާލަތު މޮނިޓަރކޮށް މި ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތަައްޔާރީތައްވަމުންދާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެމްޕޮކްސްއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ އާއްމު ސިއްހަތަށް އޮތް ނުރައްކަލެއް ކަމުގައި 14 އޮގަސްޓް 2024 ގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މި ހާލަތު އިއުލާން ކޮށްފައި މިވަނީ މިބައްޔަކީ ކުރިން އެފްރިކާގެ ގައުމުތަކުގައި އޮތް ބައްޔަކަށް ވީ ނަމަވެސް މިހާރު މި ބަލީގެ އާ ސްޓްރެއިންއެއް ފެނި އަދި އެހެން ގައުމުތަކަށް ބަލި ފަތުރެމުންދާތީއެވެ. އެމްޕޮކްސްއަކީ ބަލިމަޑުކަމެއް އާދަޔާ ހިލާފަށް ފެތުރިދާނެކަމުގެ ބިރު އޮތުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ގައުމަކުން ސަމާލުކަންދީގެން ބަލި ކޮންޓްރޯލް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އާއްމު ކުރާ ހާލަތެކެވެ.
އެޗްޕީއޭއިން ބުނީ ދުނިޔޭގައި މިބަލި ފެތުރެން ފެށުމާއެކު ބަލީގެ ހާލަތު މޮނިޓަރކޮށް މި ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތަައްޔާރީތައްވަމުންދާ ކަމަށެވެ.
އެގޮތުން ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބައްޔަށް ޓެސްޓު ކުރުމާއި، ފަރުވާ ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ. އަދި މި ބައްޔަށް ސިއްހީ ޚިދުމަތްތެރިން އަހުލުވެރި ކުރުމާއި ސަރވެއިލެންސް ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިވަގުތު މި ބަލި ހަލުވިކަމާއެކު ފެތުރެމުންދަނީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި އެފްރިކާގެ ބައެއް ގައުމުތަކުގައެވެ. 2022 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް މި ބަލީގައި 99000 އަށް ވުރެ ގިނަ ކޭސް ވަނީ ފެނިފައެވެ.
އެމްޕޮކްސްގެ މިހާރު ފެތުރެމުންދާ ސްޓްރެއިން އާއްމުގޮތެއްގައި ފެތުރެނީ ޖިންސީ ގުޅުމުން ކަމުގައި ވީނަމަވެސް އެހެނިހެން ގޮތްގޮތުން ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ. އެގޮތުން ބަލި ޖެހިފައިވާ މީހާގެ ހަމުގައި ހުންނަ ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުން ބަލި މީހާ ބޭނުންކުރާ ހެދުން، ތުވާލި އަދި ބެޑްޝީޓް ފަދަ ތަކެތީގައި ޖެހުމުން ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން (ގިނަ ވަގުތު ބަލިމީހާ ގާތުގައި ހޭދަވުމުން) އަދި ބަލި ޖެހިފައިވާ ޖަނަވާރަކާ ކޮންޓެކްޓް ވުމުން (ޝިކާރަކުރާ އިތުރު، ކަތިލާއިރު، ހަންދަމާ އިރު، ނުވަތަ ކެއްކުމުގެ ތެރޭގައި) ބަލި ފެތުރުމުގެ ފުރުސަތު އޮވެއެވެ.
އެމްޕޮކްސްގައި އާއްމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ގައިގައި ރިއްސުން، ވަރުބަލިވުން، ގޮށްލުން، އަދި ހަމުގައި ބިހި ނެގުން ފަދަ އަލާމާތްތައް ހިމެނެއެވެ. ގިނަ ފަހަރަށް މި ބަލި އަމިއްލަ ޒާތުގައި ރަނގަޅުވީ ނަމަވެސް ބަލީގެ ހާލަތަށް ބަލާ ހޮސްޕިޓަލްގައި ފަރުވާ ދޭންޖެހޭ ހާލަތު މެދުވެރިވާ ކަމަށެވެ.
މި ބައްޔަށް ވަކި ޚާއްސަ ފަރުވާއެއް ހޯދިފައި ނެތް ނަމަވެސް ބަލި ޖެހިފައިވާ މީހާގެ ފަރާތުން ފެންނަ އަލާމާތްތަކަށް ބަލާ ފޯރުކޮށްދެވޭނީ ސަޕޯޓިވް ފަރުވާ އެކެވެ.