ފަލަސްތީނުގެ ޙައްޤުގައި މި ސަރުކާރުން އަބަދުވެސް ދެމި އޮންނާނެކަމަށާއި، އަދާލަތު ޕާޓީން ބުނާހާ ގޮތަކަށް ކަން ކުރާކަށް ނުޖެހޭކަމަށް މިހާރުގެ އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީން އޮތީ ހަނިއްޔާގެ މައްޗަށް ޣައިބަށް ރާއްޖޭގައި ކަށު ނަމާދު ކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
އެހެންނަމަވެސް މިނިސްޓްރީން ވަނީ ކަށުނާދު ކުރަން ބޭނުން އިމާމަކަށް ކަށުނަމާދު ކުރުމުގެ ފުރުސަތު އޮތްކަމަށް އިމާމުންގެ ވައިބަރ ގްރޫޕެއްގައި ބަޔާންކޮށްފައެވެ.
އެކަމާ ގުޅިގެން ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ހުސައިން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ހަނިއްޔާގެ ކަށު ނަމާދު ކުރުން އިހުތިޔާރީ ކޮށްލުން ބަލައި ނުގަނެވޭނެކަމަށް ޒާހިރު ވިދާޅުވިއެވެ.
ޒާހިރުގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ކަންކަން ކުރަނީ އަދާލަތު ޕާޓީން އަންގާ ގޮތަކަށް ނޫން ކަމަށެވެ. އެކަންކަން ކުރަނީ އިލްމުވެރިންގެ ފުރިހަމަ މަޝްވަރާއާއެކުކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ، މި ސަރުކާރުން ކަންކަން ކުރަނީ ޤުރުއާނާއި ސުންނަތާ އެއްގޮތަށް ކަމަށެވެ. އެހެން ވިދާޅުވެ ޝަހީމް ވަނީ ފަލަސްތީނުގެ ޙައްޤުގައި މި ސަރުކާރުން އަބަދުވެސް ދެމިތިބޭނެކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
ޝަހީމްގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން ދީނީ އިލްމުވެރިޔާ ޑރ މުޙައްމަދު އިޔާޒު ވިދާޅުވީ، ޢަދާލަތު ޕާޓީން ވަކި ގޮތަކަށް ކަންކުރާކަން ނާންގާ ކަމަށާއި، ކަމަކަށް އެދި ސިޓީ ފޮނުވީ ކަމަށެވެ.
އަދި އެދިފައިވާ ކަންތަކަކީ ޤުރުއާނާއި ސުންނަތާއި ޚިލާފުކަމެއް ނޫންކަން ފާހަގަ ކުރައްވައި އިޔާޒު ވިދާޅުވީ، ޣައިބަށް ކަށު ނަމާދުކުރުމަކީ ޤުރުއާނާއި ސުންނަތާއި ޚިލާފުކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ޤަބޫލު ނުކުރާކަން އިސްލާމީ މަރުކަޒުގައި ޙާމިދު ޝަފީޢުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރުމުންވެސް އެނގިގެންދާ ކަމަށެވެ.
އަދި އިސްލާމީ އުއްމަތަށް ޙިދުމަތް ކުރައްވާފައިވާ ޝަޙުސިއްޔަތުތަކަށް ރަސްމީކޮށް ރާއްޖޭގައި ކަށު ނަމާދު ކުރާކަމީ އެއީ އޮޅުވާނުލެވޭނެ ޙަޤީޤަތެއްކަންވެސް އިޔާޒު ފާހަގަ ކުރެއްވިއެވެ.
އޭގެ އިތުރުން ޝަހީމް ވަނީ ޣައިބަށް ކަށު ނަމާދު ކުރުމަކީ ވާޖިބެއްތޯވެސް ސުވާލު ކުރައްވާފައެވެ. އެކަމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ގެންދަނީ ފަލަސްތީނަށް އެހީވުމަށް ޓެލެތޯން ބޭއްވުމާއި، އެކި ކަންކަމާ ގުޅިގެން ދިދަ ބައިދަނޑިއަށް ތިރި ކުރުމާއި، ބައެއް އެހެން ފަރާތްތައް އަވަހާރަވެގެން ޣައިބަށް ކަށު ނަމާދު ކޮށްފައިވަނީ ވާޖިބަކަށްވެގެންތޯ ސުވާލު ކުރަމުންނެވެ.