Advertisement
ކ. މާލެ
|
31 ޖުލައި 2024 | ބުދަ 23:49
ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ
ފަލަސުރުހީ ޕްރޮގްރާމްގައި މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ގައުމު ދަރަނިވެރި ކުރުވުން
މި ގައުމަށް ފައިސާ ލިބޭނެ ގޮތެއް ނުބަލައި ހަރަދުކުރުމުގެ ސަގާފަތެއް ވަނީ ގެނެސްފައި، ޑްރޯންތައް ވެސް ގެނެސްފައިވަނީ އެގޮތަށް: މޭޔަރު އާޒިމް
ލިބޭ އާމްދަނީއަށްވުރެ ގިނައިން ހަރަދުކޮށްފި ކަމަށްވާނަމަ ދަރާނެ
ޑްރޯންތަކުގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފޭ، އެއޮތީ ބާއްވާފައި
ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަމުގައި ޑްރޯން ގަތުމަށް ހޭދަކުރި ފައިސާ ހަރަދު ކުރިނަމަ މާ ބޮޑަށް ފައިދާވާނެ
ޚަބަރުގެ އޯޑިއޯ

މި ސަރުކާރުން މި ގައުމަށް ފައިސާ ލިބޭނެ ގޮތެއް ނުބަލައި ހަރަދުކުރުމުގެ ސަގާފަތެއް ގެނެސްފައިވާ ކަމަށާއި، ޑްރޯންތަކެއް ގެނެސްފައިވަނީ އެސަގާފަތުގެ ދަށުން ކަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މޭޔަރު އާޒިމް ވިދާޅުވީ މުޅި ގައުމަށް ދިމާވެފައިވާ މައްސަލައަކީ ލިބޭ އެއްޗަކަށް ނުބަލައި ހަރަދު ކުރުމުގެ މައްސަލަ ކަމަށެވެ. އާޒިމް ވިދާޅުވީ ގައުމު ހިންގުމަކީ ގެއެއް ހިންގުން ކަހަލަ ކަމެއް ކަމަށާއި، ގެއަށް ލިބޭ އާމްދަނީއަށްވުރެ ގިނައިން ހަރަދުކޮށްފި ކަމަށްވާނަމަ ދަރާނެ ކަމަށެވެ.

Advertisement

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ތުރުކީވިލާތުން ގަނެފައިވާ އަސްކަރީ ޑްރޯންތަކަށް އިޝާރާތް ކުރައްވައި އާޒިމް ވިދާޅުވީ މިސަރުކާރުން އެ ޑްރޯންތައް ގެނައުމަށް 500 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، ނަމަވެސް އޭގެ ބޭނުން ރަނގަޅު ގޮތުގައި ނުހިފޭ ކަމަށެވެ. އާޒިމް ވިދާޅުވީ ކަނޑުގަދަވެ، ވައިގަދަވެ، ވިއްސާރަވެއްޖެނަމަ އެ ޑްރޯންތައް ނުދުއްވޭ ކަމަށާއި، އެ ބާއްވާފައި އޮންނަ ކަމުގެ މައުލޫމާތު ލިބޭ ކަމަށެވެ. ނަމަވެސް އެމްއެންޑީއެފްގެ އެ ކެޕޭސިޓީގައި ކުރަމުން ދިޔަ މަސައްކަތް މިހާރު ވެސް ކުރަމުންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފައިސާ ނެތް ކަމަށްވާނަމަ ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ރައްޔިތުންނަށް ބޭނުންޖެހިފައިވާ ކަންކަމަށް ޑްރޯން ގަތުމަށް ހޭދަކުރި ފައިސާ ހަރަދު ކުރިނަމަ މާ ބޮޑަށް ފައިދާވާނެ ކަމަށެވެ. އެގޮތުން ޑްރަގުގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ހޭދަ ކުރެވޭނެ ކަމަށާއި، ރައްޔިތުންގެ ބޯހިޔާވަހިކަމަށް ވެސް ހަރަދު ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އަސްލު މުޅި ގައުމަށް ދިމާވާ މައްސަލައެއްގެ ގޮތުގައި އަޅުގަނޑަށް މިފާހަގަކުރެވެނީ ލިބޭ އެއްޗަކަށް ނުބަލާ ހަރަދު ކުރުން ހަމަ ގެއެއް ހިންގުން ކަހަލަ ކަމެއް އަސްލު ގައުމެއް ހިންގުމަކީ. ގެއަށް ލިބޭ އާމްދަނީއަށްވުރެ ގިނައިން ހަރަދުކޮށްފިއްޔާ އޮންނާނީ ދަރާފައި. މިހާރު މިގައުމަށް ޖެހިފައި އޮތް ހާލަކީ ވެސް ލިބޭ އެއްޗަކަށް ވުރެ ގިނައިން ހަރަދު ކުރަނީ މިސަރުކާރުން. ގައުމުގެ ހާލަތު އިކޮނޮމިކްގެ ހާލަތު ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރު ނިމުނުއިރު ގޯހޭ ބުނަމުންދާއިރު އަޅުގަނޑުމެން ސިއްސާގެން ދިޔަ ހަމަ ހައިރާންވި 500 މިލިއަން ދީފައި ރަނގަޅަށް ބޭނުންނުކުރެވޭ 3 ޑްރޯން ގަނެގެން ގެނެސްފައި ބާއްވާފައި އެ އޮތީ. އެ ބާއްވާފައި އޮންނަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ. އޭގެ މާބޮޑު ބޭނުމެއް ނުކުރެވޭ. 500 މިލިއަން ރުފިޔާ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް

އާޒިމް ވިދާޅުވީ ޑްރޯން ގަތުމަށް ސަރުކާރުން ކުރީ ބޭކާރު ހަރަދުތަކެއްކަން ރައްޔިތުންނަށް އެނގޭ ކަމަށެވެ. މިސަރުކާރުން ވަނީ ލިބޭނެ ގޮތެއް ނުބަލައި ހަރަދު ކުރުމުގެ ސަގާފަތެއް މިގައުމަށް ގެނެސްފައި ކަމަށާއި، މިމައްސަލަ ހައްލު ކުރަންޖެހޭ ކަމަށް އާޒިމް ވިދާޅުވިއެވެ. އަދި އާޒިމް ވަނީ ބޭކާރު ހަރަދުތައް ނުކުރުމަށާއި، ތަންކޮޅެއް ބަލާލައިގެން ހަމަޖެހިގެން މަސައްކަތް ކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް