ބުރާސްފަތި ބޫޓާންގައި ފަށާ ކާވާ ބީޗް ވޮލީބޯޅަ މުބާރާތަށް ރާއްޖޭގެ ދެ ޖިންސުގެ ގައުމީ ޓީމުތައް ފުރަައިފި އެވެ.
ފުރަތަމަ ފަހަރަށް ބައިވެރިވާ ގައުމީ ޓީމު އަންހެން ޓީމު ލީޑްކުރަނީ ގައުމީ ވޮލީ ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ އެވެ. އޭނާއާއެކު ދެން ޕެއާވަނީ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެއް ކަމަށްވާ އައިޝަތު މާޖިދާ އެވެ. އަންހެން ބައިގައި ރާއްޖޭގެ ދެ ވަނަ ޕެއާއެއްގެ ގޮތުގައި ބައިވެރިވާނީ ޒީނިޔާ އާއި އާމިނަތު އަރީޝާ އެވެ.
ކާވާ މުބާރާތަކީ ރާއްޖޭގެ ބީޗް ފިރިހެން ޓީމު އަބަދުވެސް ބައިވެރިވާ މުހިންމު މުބާރާތެކެވެ. މި ފަހަރު ބައިވެރިވާ ރާއްޖޭގެ ދެ ޕެއާގެ ތެރެއިން ކުރީގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއެކު ހިމެނެނީ އާދަމް ނަސީމް (އެޑަމް) އެވެ. ދެ ވަނަ ޕެއާ އަކީ އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އެވެ.
![](https://dyncz33htw1ec.cloudfront.net/posts/5c8a3578-0243-4791-b0f8-cc3d80a14660.png)
މި މުބާރާތުގައި ރާއްޖޭގެ އިތުރުން ހަތަރު ގައުމަކުން ވާދަކުރާނެ އެވެ. އެއީ މި ސަރަހައްދުގެ ވޮލީގެ ގަދަ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާން އަދި ނޭޕާލްގެ އިތުރުން އޭޝިއާގެ ވޮލީގައި ވެސް ގަދަ ބާރެއްކަމުގައިވާ އީރާނެވެ.
ކާވާ މުބާރާތްތަކުގައި ރާއްޖޭގެ ޓީމުތަކަށް ގިނަ ފުރުސަތުތަކެއް ލިބެމުންދާއިރު އެ ޖަމާއަތް ހިންގުމުގައި ވެސް ރާއްޖޭގެ ބައިވެރިވުން މިހާރު ވަރަށް ބޮޑެވެ. މި ގޮތުން މި މަހުގެ ކުރީކޮޅު ރާއްޖޭގައި ވަނީ ކާވާގެ 20 އަހަރުން ދަށުގެ ވޮލީބޯޅަ މުބާރާތް ވެސް ބާއްވައިފަ އެވެ.