Advertisement
ކ. މާލެ
|
27 ޖުލައި 2024 | ހޮނިހިރު 13:01
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު
ރާއްޖެއެމްވީ
ގެދޮރުވެރިކަމުގެ ލޯނު
ރައީސްގެ ޑެޑްލައިނެއް: 5%އަށްވުރެ ކުޑަ އިންޓްރަސްޓުގައި ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޯބަރުމަހު ދޫކުރަން ފަށާނަަން
ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަމަށް ވިދާޅުވި
މި ލޯނު ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭނެކަމަށް ވިދާޅުވި

ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޯބަރުމަހު ދޫކުރަން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީގެ ކުރިންވެސް ރައީސް ވަނީ ފަސް ޕަސަންޓަށް ވުރެން ކުޑަ އިންޓްރެސްޓު ރޭޓެއްގައި ބޯހިޔާވަހިކަމަށް ހައުސިން ލޯނު ދޫކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެއީ ޑރ މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.

އެއަށްފަހު ރައްޔިތުންގެ މަޖިލިސް ކެމްޕެއިން ތެރެއިންވެސް ރައީސް ވަނީ އެ ވައުދު ތަކުރާރު ކުރައްވާފައެވެ. އެގޮތުން މާރޗު މަހުގެ ތެރޭގައި ރައީސް ވަނީ ވަރަށް އަވަހަށް ލޯނުގެ ފުރުސަތު ހުޅުވާލައްވާނެކަމަށް ވިދާޅުވެފައެވެ.

މަޖިލިސް ކެމްޕޭނުގައިވެސް ރައީސް ވިދާޅުވެފައިވަނީ 5% އިންޓްރަސްޓުގައި ލޯނު ދޫކުރުމުގެ ހުރިހާ ފަންނީ މަސައްކަތްތަކެއް ނިމުމަކާ ހަމަ އަށް ގޮސްފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ފުރުސަތު ހުޅުވާލެވޭނެ ކަމަށެވެ. ރައީސް ވަނީ މިއަހަރުގެ ތެރޭގައި ލޯނު ދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިހާރު އަނެއްކާވެސް ރައީސް މިވަނީ އެކަމުގެ ޑެޑްލައިންއެއް ދެއްވާފައެވެ. އެގޮތުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޯބަރުމަހު ދޫކުރަން ފެށޭނެ ކަމަށެވެ.

ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭގޮތަށް ދޫކުރާ މި ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަމުގައެވެ.

Advertisement

ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގެ ތެރެއިން 3 ގިންތިއެއްގައި ލޯނު ދޫކުރެވޭނެކަމަށާއި އެއީ މާލެ ސިޓީގައި 6 މިލިޔަން ރުފިޔާއާ ހަމައަށް އަދި އާބަންސެންޓަރުތަކުގައި 3 މިލިޔަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ލޯނުތައް މެދުވެރިކޮށް ގެދޮރު އަލަށް އިމާރާތްކުރުމަށާއި، މަރާމާތުކުރުމަށާ އަދި ހަދަންފަށައި ނުނިމި ހުރިބައި ނިންމުންފަދަ ކަންކަން ކުރެވޭނެކަމުގައި ރައީސުލްޖުމްރިއްޔާ ވިދާޅުވިއެވެ.

ދާދިފަހުން ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގެ ގެދޮރުވެރިކަމަށް ބޭނުންވާ ބިންތައް ގުޅައިލުމަށް ބާކީ އަޅަންޖެހޭ ދެ ބުރިޖުގެ މަސައްކަތްކުރުމަށް ގޮތްތަކެއް ހޯދާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން މިހާރު ކުރިޔަށްދާ ބުރިޖު އެޅުމުގެ މަޝްރޫޢުގައި ގިރާވަރުފަޅާއި ގުޅުވާލުމާއި ގިރާވަރު ފަޅުން އުތުރުތިލަފަޅަށް ގުޅުވާލުން ނުހިމެނޭކަން ފާހަގަކުރައްވައި އެ ދެތަނާ ގުޅުވާލާ ބުރިޖު އެޅުމަށް މިހާރު ވަނީ ޕްރޮޕޯސަލް ހުށަހެޅުމަށް ހަވާލުކުރެވިފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަމާޒަކީ އެ ދެ ބުރިޖުގެ މަސައްކަތްވެސް 2026 ވަނަ އަހަރު ފަށައި 2029 ވަނަ އަހަރުގެ ނިޔަލަށް އުތުރުތިލަފަޅާ ހަމައަށް ބުރިޖުން ގުޅާލުން ކަމުގައެވެ. ބުރިޖު އުތުރުތިލަފަޅާ ހަމައަށް ގެންދަންޖެހެނީ، އުތުރު ތިލަފަޅަކީ އިޤްތިޞާދު ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި ހިމެނޭ ދަނޑުވެރިކަމުގެ ބިޔަ މަޝްރޫޢު ކުރިޔަށްގެންދާ ތަންކަމުގައި ވާތީކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަސްމާލެ މަޝްރޫޢުގެ މަސައްކަތް ވެސް އަލުން ފެށިފައިވާކަން ފާހަގަކުރައްވައި ޗައިނާގެ އެކިކަހަލަ ލުއި ލޯނުތަކުގެ އެހީގައި މި ދައުރުގެ ތެރޭގައި ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ގެދޮރު އިމާރާތް ކުރުމަށް ކުޑަ އިންޓްރަސްޓް ރޭޓުގައި ލޯން ދޫކުރުމަށް މަރުކަޒީ ބޭންކާއެކު ހައުސިންގ މިނިސްޓްރީން މިދިޔަ ސަރުކާރުގައިވެސް މަޝްވަރާތަކެއް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް